ހިޔާ މަޝްރޫއު

ހިޔާ: ހާލަތު ބަލަން ނުގުޅޭ 102 މީހެއްގެ ނަން ހާމަކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިޔަށްދާ "ހިޔާ" މަޝްރޫއުގެ ދަށުން އަޅާ ފްލެޓުތަކަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް މިހާތަނަށް ފޯނުން ނުގުޅިހުރި މީހުންގެ ނަންތައް ހާމަކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ "ހިޔާ މަޝްރޫއު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ކުރެވިފައިވާ މަސައްކަތުގެ ތެރޭގައި ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން ފޯމު ހުށަހަޅާފައިވާ މީހުންނާއި ފޯނުން ގުޅައި ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށް ގެންދެވޭ ކަމަށެވެ.

ނަމަވެސް މިހާތަނަށް ނުގުޅިވާ ގިނަ ބަޔަކު ވާކަމަށް ވަނީ ބުނެފައެވެ.

އެގޮތުން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި H9 އަދި H11 މި ކެޓެގަރީތަކަށް ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން ނުގުޅޭ 102 މީހެއްވާ ކަމަށް ފްލެޓް ކޮމެޓީން ބުންޏެވެ. އެ މީހުންނާއި ގުޅުމަށް ތަކުރާރުކޮށް މަސައްކަތް ކުރެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ލިސްޓްގައިވާ 102 މީހުން، މިމަހުގެ 23 ވާ އާދިއްތަ ދުވަހުގެ 3:00 ކުރިން ރައީސް އޮފީހުން އާންމުކޮށްފައިވާ އިއުލާނުގައިވާ ފޯމް ފުރުމަށްފަހު ފޮނުވުމަށް ވަނީ އެދިފައެވެ.