އެމްއެންޑީއެފް

"ފްލެޓްތައް ނިންމަން ވަކި ބަޔަކަށް ދޭން ބާރެއް ނާޅަން"

ސިފައިނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި އިމާރަތް ކުރަމުންދާ "ސިފްކޯހިޔާ" ގެ ނުނިމި ހުރި މަސައްކަތްތައް އެހެން ކުންފުންޏަކާއި ހަވާލު ކުރުމާމެދު ގޮތް ނިންމާނީ ސިފްކޯއިން ކަމަށާ އެކަމަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދުގެ ސަރުކާރުގެ ދުވަސްވަރު ހަދަން ފެށި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ނިމޭނެ ދުވަހެއް އަދިވެސް ނޭނގެ އެވެ. ކުރިން އެ މަސައްކަތް ކުރަމުން އައީ ދެ ކުންފުންޏަކުން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު 2016 ގައި އެ މަސައްކަތް ހަމައެކަނި އައިލެންޑް އެކްސްޕާޓުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެއްސި އެވެ. ނަމަވެސް އެ ކުންފުނިން މިހާރު ވަނީ އެ މަޝްރޫއު އިތުރަށް ކުރިއަށް ގެންދާނެ މާލީ ތަނަވަސްކަން ކުންފުނީގައި ނެތް ކަމަށް ބުނެފަ އެވެ.

ފްލެޓްތަކުގެ މަސައްކަތް ކުރާ ކުންފުނީގެ ލޭބަރުންނަށް މުސާރަ ނުދޭތާ އެތައް ދުވަހެއް ފާއިތުވެގެންދިއުމާއި ގުޅިގެން އެ މީހުން ވަނީ ވަރުގަދަ މުޒާހަރާއެއް ވެސް ކޮށްފައެވެ. އެ މުޒާހަރާގެ ތެރެއިން ފުލުހުންނަށް ހަމަލާ ވެސް ދީފައި ވެއެވެ.

އައިލެންޑް އެކްސްޕާޓުން އިއްޔެ ވަނީ ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާ އެ މަސައްކަތުން އަތް ދޫކޮށްލާފަ އެވެ. ނަމަވެސް އިތުރު ކުންފުންޏަކާއި ހަވާލު ކޮށްގެން ސިފައިންގެ މަސައްކަތްތައް ކުރިއަށް ގެންދަން އައިލެންޑް އެކްޕާޓުން ވަނީ ނިންމާފަ އެވެ. އެނގިފައިވާ ގޮތުގައި އެ ކުންފުނިން ބޭނުންވަނީ ކޮންސްޓްރަކްޝަން ކުންފުނި އާރްސީސީއަށް އެ މަސައްކަތް ހަވާލު ކުރާށެވެ. އެގޮތަށް ކުރިއަށް ގެންދަން ސިފްކޯއިން ވެސް ބޭނުން ވެއެވެ. ނަމަވެސް އެ މައްސަލަ މިހާރު މަޖިލީހުން ދަނީ ބަލަމުންނެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ސިފައިންގެ ފްލެޓްތައް އަވަހަށް ނިންމުމަކީ ވަރަށް ބޮޑަށް ބާރު އަޅުއްވާ ކަމެއް ކަމަށާ ސަރުކާރުން ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ. ނަމަވެސް ސިފައިންގެ ފްލެޓްތައް ނިންމަން ވަކި ކުންފުންޏަކަށް ހަވާލު ކުރުމަށް އެކަމަނާވެސް އަދި ސަރުކާރުން ބާރު ނާޅާނެ ކަމަށެވެ.

"ސިފައިން އެކަމާއި ގުޅޭގޮތުން ވެސް ކަމެއް ނިންމާނީ. ހަގީގަތުގައި ސިފައިންގެ ތެރޭގައި އެ ހުންނަ އެކަހަލަ ކަންކަން، އެއީ އަޅުގަނޑު ވަދެގެން ނޫނެކޭ މީނައަށް ކޮންޓްރެކްޓް ދޭށޭ އޭނާއަށް ކޮންޓްރެކްޓް ދޭށޭ، އެހެން ބުނެފި ކަމަށްވާނަމަ އެއީ ސިފްކޯގެ މައްޗަށް އަޅުގަނޑު ނުފޫޒު ހިންގަނީ. އެއީ އެތާ އޮންނަ ކޯޕަރޭޓިވްއެއް. ހިންގާ ކޮމެޓީއެއް ވެސް އޮވެގެން ދިވެހިރާއްޖޭގެ ކޯޕަރޭޓިވް ސޮސައިޓީސް ހެދިފައި އޮންނަ ގާނޫނުގެ ދަށުން ރަޖިސްޓްރީވެފައި އޮތް ކޯޕަރޭޓިވްއެއް އެއީ،"

މާރިޔާ ވިދާޅުވީ ސިފައިންގެ ފެލްޓްތައް އަޅަނީ ސިފްކޯއިން ކަމަށާ އެ މަސައްކަތް ކުރަނީ ސިފައިންގެ ފައިސާގައި ކަމަށެވެ. އެހެންކަމުން އެ މަަސައްކަތް ކުރާނެ ވަކި ކުންފުންޏެއް ސަރުކާރުން ބުނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

"މިއީ އެމީހުންގެ [ސިފައިން] ކޯޕަރޭޓިވްއެއް، އެމީހުންގެ ފައިސާ އެމީހުންގެ މީހުން އެހެން އޮތް ކަމެއް މިއީ. އެހެންވީމަ ސަރުކާރުން ވަކި ގޮތެއް ކިޔައިގެން އުޅުން އެއީ ރައީސް ސޯލިހުގެ ސަރުކާރުގެ އުސޫލެއް ނޫން،"

މިނިސްޓަރު ވިދާޅުވީ ސިފައިންނަށް ވެސް އޮތް އެންމެ ދައްޗަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާ އެކަން ހައްލު ކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ. އެހެން ކަމުން ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އަބަދުވެސް ބާރު އަޅުއްވާ ކަަމަށެވެ.

ސިފައިންގެ ފެލްޓްތައް ނުނިމި ގިނަ އަހަރުތަކެއް ފާއިތުވަމުންދާތީ ސިފައިންގެ ތެރޭގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައި ވެއެވެ.

ސިފައިންނަށް ހާއްސަކޮށް ހަދަން ފެށި، ސިފްކޯ ފްލެޓްތަކުގެ މަސައްކަތް މި އަހަރު ނިންމައި، ދިރިއުޅެވޭ ވަރު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަަހަރުގެ ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ.

ސިފައިންގެ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސިފައިންނަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި ސިފައިންގެ ފްލެޓްތައް ހުޅުމާލޭގައި އެޅުމަށް ބޭނުންވާ ފައިސާ މިހާރު ހުރީ ހަމަޖެހިފަ ކަމަށެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ އެ ފްލެޓްތައް ނިމި މި އަހަރުގެ ތެރޭގައި ދިރިއުޅެން ފެށޭނެ ކަމަށް،" އޭޕްރީލް 23، 2019 ގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.