ދިވެހި ސިނަމާ

"ލޯބިވެވިއްޖެ" ޕްރޮމޯޝަން ލަވަ ތަރިންގެ އަޑުން

Aug 17, 2020

އެސް ޕްރޮޑަކްޝަން އިން އުފައްދާ ފީޗާ ފިލްމް "ލޯބިވެވިއްޖެ" ގެ ޕްރޮމޯޝަން ލަވަ ކިޔާފައި ވަނީ ފިލްމުގައި ހަރަކާތްތެރި ތަރިންނެވެ. ލަވައިގެ ރެކޯޑިން ރޭ ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަން ބުނީ "ލޯބިވެވިއްޖެ" ގެ ޕްރޮމޯޝަން ލަވަ ރޭ ރެކޯޑްކޮށް ނިމިފައިވާ ކަމަށާ ލަވައިގެ އޯޑިއޯ ބެލުންތެރިންނާއި ހަމައަށް ވަރަށް އަވަހަށް ގެނެސްދޭން މަސައްކަތް ކުރާ ކަމަށެވެ.

މި ލަވައިގެ އެންމެ ހާއްސަ ކަމަކީ ތަރިންގެ އަޑުން ލަވަ ރެކޯޑްކޮށްފައި ވުމެވެ. ފިލްމުގައި ހަރަކާތްތެރިވާ ތަރިންގެ ތެރެއިން މި ލަވާގައި އަލީ އާޒިމް (ދޮންއައްޔަ) އަބްދުﷲ ޝާފިއު (ފުބޫ) އަހުމަދު ނިމާލް، އިރުފާނާ އިބްރާހިމް (އިރޫ)، މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު)، މަރިޔަމް ރިޝްފާ އަދި އަލީ ސީޒަންގެ އަޑު އިވިގެންދާނެ އެވެ.

ލަވައިގެ މެލޮޑީ އަދި ރިލިކްސް ހަދާފައިވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވޭ) އެވެ. މިއުޒިކު ތައްޔާރުކޮށް ދިނީ ކުޑަ އިއްބެއެވެ.

"ވީހާވެސް އަވަހަށް އޯޑިއޯ ލަވަ ގެނެސްދިނުމަށް މަސައްކަތް ކުރަމުން މި ގެންދަނީ. އޭގެ ފަހުން ވީޑިއޯ ލަވަ ގެނެސްދޭނީ،"

"ލޯބިވެވިއްޖެ" ގެ ހުރިހާ މަންޒަރެއްހެން ވަނީ ނަގާ ނިމިފަ އެވެ. އެ ފިލްމު ޝޫޓްކޮށްފައި ވަނީ ގދ. ތިނަދޫ، މާލެ އަދި ސްރީލަންކާގަ އެވެ.