ދިވެހި ސިނަމާ

ހަންނާން ލަންކާއިން: "މިސްވެޔޭ"

ލެޖެންޑަރީ ލަވަކިޔުންތެރިޔާ އަބްދުލްހަންނާން މޫސާ ދީދީއަކީ ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. ދިވެހިންގެތެރޭގައި ވަރަށް ބޮޑަށް މަގުބޫލުކަން ހޯދި އެތަށް ސަތޭކަ ލަވައެއް ހަންނާންގެ ހިތްގައިމު އަޑުން އިވިގެން ގޮސްފައިވާއިރު ދިވެހި މިއުޒިކީ އިންޑިސްޓްރީއަށް އެންމެ ގިނަ ހިދުމަތް ކޮށްދިން ފަންނާނުންގެ އެންމެ ކުރީ ސަފުގައި ހަންނާން ހިމެނޭނެއެވެ.

އޭނާއަކީ ހަމައެކަނި ކުޅަދާނަ ލަވަކިޔުންތެރިއެއް ނޫނެވެ. އަމިއްލަ ރާގު އުފެއްދުމުގައިވެސް އެއީ އެފަދަ ދެވަނައެއް މިއުޒީޝަނެކެވެ. ޅެންވެރިއެކެވެ. ހަންނާނުގެ އަޑުން އިވިގެން ދިޔަ ބައެއް ލަވަތަކަކީ އޭނާގެ އަމިއްލަ ރާގުތަކަށް އަމިއްލަ ޅެންވެރިކަމުން ފުރާނަ އެޅިގެން އާންމުންނާއި ހަމައަށް އައިސްފައިވާ ލަވަތެކެވެ. އެފަދަ ބައެއް ލަވަތައް އެއީ ވަރަށް ހިޓްވި ލަވަތަކެވެ. ލަވަ ޗާޓްތަކުގެ އެއްވަނާގައި އެތަށް ހަފްތާއެއް ވަންދެން އޮތް ލަވަތަކެވެ.

މީގެ އަހަރުތަކެއް ކުރިން ލަންކާއަށް ދިރިއުޅުން ބަދަލުކުރި ނަމަވެސް ހަންނާނު ގެންދިޔައީ އޭނާގެ އަޑުން ލަވަތައް ރެކޯޑްކޮށް އާންމުންނާއި ހަމައަށް ގެނެސްދެމުންނެވެ. ނަމަވެސް ދިމާވި ކުއްލި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ލަވައިގެ މަަސައްކަތް މެދުކެނޑިގެން ދިޔައެވެ. އޭގެ ފަހުން 2018 ވަނަ އަހަރުން ފެށިގެން އަނެއްކާވެސް ހަންނާނުގެ ބައެއް ލަވަތައް ދަނީ އިވެމުންނެވެ.

ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު މި ފަހަރު ބެލުންތެރިންނަށް ހަންނާނުގެ ލަވައެއް މިވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް މިއީ 2015 ވަނަ އަހަރު ރެކޯޑް ކޮށްފައިވާ ލަވައެކެވެ. އެއީ ހަންނާނު ބަލިވުމުގެ ކުރިންނެވެ. މި ލަވައިގެ ވީޑިއޯ މަސައްކަތް ކުރެވި އަލީ ސީޒަންގެ "ލޯބިވެވިއްޖެ" ފިލްމުގެ ބޯނަސް ލަވައެއްގެ ގޮތުގައި ބެލުންތެރިންނަށް މިވަނީ ދައްކާލާފައެވެ. ދުވަސްތަކަކަށް ފަހު ހަންނާނުގެ ހިތްގައިމު ލަވައެއް އަޑުއަހާލަން ލިބުމަކީ ފޭނުންނަށް ލިބުނު އުފަލެކެވެ.

ލަވައިގައި ހަރަކާތްތެރިވަނީ އަލީ ސީޒަންގެ އިތުރުން އާއިޝަތު އަލީ އެވެ. ޑައިރެކްޓަރަކީ ހުސައިން މުނައްވަރު (ކިޑް) އެވެ.

އަވަސްއާ ވާހަކަ ދައްކަމުން ހަންނާނު ބުނީ މީގެ އަހަރުތަކެއް ކުރިން ރެކޯޑް ކުރެވި މާބޮޑަށް އާންމުނުވެ އޮތް "މިސްވެޔޭ" ލަވައިގެ ވީޑިއޯއާއެކު ބެލުންތެރިންނަށް ގެނެސްދިނުމުގެ ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ. ލަވަ ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމުގައި މެދުވެރިވި "ލޯބިވެވިއްޖެ" ޓީމުގެ މަސައްކަތަށް ހަންނާނު ޝުކުރުވެރިވެއެވެ. ހާއްސަކޮށް ޑައިރެކްޓަރު އަލީ ސީޒަން އަދި ފިލްމުގެ ދެ ޕްރޮޑިއުސަރުން ކަމަށްވާ ޝާނީޒް އަލީ އާއި ސީޒަންގެ އަންހެނުން ޝަނާޒް އަށެވެ.

ހަންނާނު މިހާރުވެސް ވަނީ ތިރީހާ ގާތްކުރާ އަދަދަކަށް އަމިއްލަ ރާގު ތައްޔާރުކޮށްފައެވެ. ނަމަވެސް އެ ލަވަތައް ބެލުންތެރިންނާއި ހަމަައަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތް ގިނައެވެ. އޭނާ ބޭނުންވަނީ ކޮންމެ ލަވައެއްވެސް ވީޑިއޯ ތައްޔާރު ކުރުމަށްފަހު ބެލުންތެރިންނާ ހަމައަށް ގެނެސް ދިނުމަށެވެ.

"މިވަގުތު ކަންކަން މި ހުރި ގޮތުން ބައެއް ލަސްތައް މިވަނީ. މިދިޔަ ލޮކްޑަައުންގެ ތެރޭގައިވެސް އޮނަތިރީސް ރާގު ހެދިއްޖެ. ޅެން ހެދިއްޖެ. ލަވައިގެ މަސައްކަތް ކުރެވިއްޖެ. ނަމަވެސް ބެލުންތެރިންނާ ހަމައަށް ގެނެވޭނީ ވީޑިއޯގެ މަސައްކަތް ނިމުމުން ދެއްތޯ،" ލަންކާގައި ހުރެ ފޯނުން ވާހަކަ ދައްކަމުން ހަންނާނު ވިދާޅުވިއެވެ.

ސީޒަންގެ "ލޯބިވެވިއްޖެ" ފިލްމުގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި އަލީ އާޒިމް (ދޮންއައްޔަ) އަބްދުﷲ ޝާފިއު (ފުބޫ) އަހުމަދު ނިމާލް، އިރުފާނާ އިބްރާހިމް (އިރޫ)، މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު)، މަރިޔަމް ރިޝްފާ އަދި އަލީ ސީޒަން ހިމެނެއެވެ. "ލޯބިވެވިއްޖެ" ގެ ހުރިހާ މަންޒަރެއްހެން ވަނީ ނަގާ ނިމިފަ އެވެ. އެ ފިލްމު ޝޫޓްކޮށްފައި ވަނީ ގދ. ތިނަދޫ، މާލެ އަދި ސްރީލަންކާގަ އެވެ.