ފިނިޕޭޖް

މީހުނަށް ހީވަނީ އަހަންނާ މަންމައާ އެއްގޮތް ވާނެ ކަމަށް: ޖާންވީ

ޕްރޮޑިއުސަރު ބޯނީ ކަޕޫރާއި މިހާރު މަރުވެފައިވާ ފިލްމީ ބަތަލާ ޝްރީދޭވާގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރު ފިލްމު ކުޅެން ފެށީއްސުރެ ވަރަށް ބޮޑު މައްސަލައެއް ޖާންވީ އަށް ކުރިމަތިވެފައި ވެއެވެ. އޭނާގެ މަންމަ އާ އޭނާ އާ ދެ މީހުން އަޅާ ކިޔާތީ އެވެ. ޖާންވީ އޭނާގެ މަންމަ ދެކެ އިންތިހާއަށް ލޯބިވީ ނަމަވެސް މަންމައާ އަޅާ ކިއުމަކީ އޭނާ އެއްގޮތަކަށް ވެސް އުފާވާ ކަމެއް ނޫނެވެ.

ދާދިފަހުން އިންޑިއާގެ އޮންލައިން ނޫހަކަށް ދިން އިންޓަވިއު އެއްގައި ޖާންވީ ބުނި ގޮތުގައި އޭނާގެ މަންމައަކީ މުޅިން ތަފާތު މީހެއް ކަމާއި އޭނާ އަކީ ވެސް ތަފާތު މީހެއް ކަން މީހުން ގަބޫލުކުރަން ޖެހޭނެ އެވެ.

ޖާންވީގެ ފުރަތަމަ ފިލްމު "ދަޅަކް" ރިލީޒްވުމާއެކު ބައެއް މީހުން މިކަން ގަބޫލު ކުރި އެވެ. ނަމަވެސް އަދިވެސް ބައެއް މީހުންނަށް އެކަން ގަބޫލުކުރަން ދަތިވެފައި ވެއެވެ. ޖާންވީ ބުނި ގޮތުގައި އެއްބަޔަކު އަދިވެސް އޭނާގެ ފަރާތުން އޭނާގެ މަންމަ ހޯދަން މަސައްކަތް ކުރެ އެވެ.
ނަމަވެސް އޭނާގެ ގިނަ ފިލްމުތަކެއް ރިލީޒްވުމުން އޭނާއަކީ ވަރަށް ތަފާތު މީހެއް ކަމާއި އޭނާ ކުޅެން ޚިޔާރުކުރާ ފިލްމުތައް ވެސް މަންމަ އާ ވަރަށް ތަފާތުވާނެ ކަން މީހުންނަށް ގަބޫލު ކުރެވޭނެ ކަމަށް ޖާންވީ އުންމީދު ކުރެ އެވެ.

މަންމަ ޝްރީދޭވީގެ އެއްވެސް ފިލްމެއްގެ ރިމޭކްގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރިތޯ ސުވާލު ކުރުމުން ޖާންވީ ބުނީ އޭނާގެ މަންމަގެ ފިލްމުތަކުގައި މަންމަ ދައްކާފައިވާ ޖާދޫ އެހެން އެއްވެސް އެކްޓަރަކަށް ދެއްކިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި މޮޅު ފިލްމަކަށް ވާތީ އެ ފިލްމެއް އަލުން އުފައްދަން ޖެހޭނެ ކަމަކަށް ޖާންވީ ގަބޫލެއް ނުކުރެ އެވެ.

އިޝާން ޚައްތަރު އާއެކު "ދަޅަކް" އިން ފިލްމީ ދުނިޔެއަށް ނުކުތް ޖާންވީގެ ދެ ވަނަ ފިލްމު "ގުންޖަން ސަކްސޭނާ" ދާދިފަހުން ވަނީ ނެޓްފްލިކްސްގައި ރިލީޒްކޮށްފަ އެވެ. މި ދެ ފިލްމު ބެލި މީހުން ވެސް ފާހަގަކޮށްފައިވާ އެއް ކަމެއް އެބައޮތެވެ. ޝްރީދޭވީގެ ހުރި ހުނަރު ޖާންވީގެ ކިބައިގައި ނެތް ކަމެވެ. އެއީ ފަހަރެއްގައި ޖާންވީ ޅަ ކަމުންނާއި ތަޖުރިބާ މަދުކަމުން ވާ ގޮތެއް ކަމަށް ބައެއް މީހުން ލަފާ ކުރެ އެވެ. އަދި ގިނަ ދުވަސްތަކަކު ފިލްމީ ރޮނގުން ކުރެވޭ ތަޖުރިބާ ތަކަކުން އޭނާގެ އެކްޓިން ހުނަރު އިތުރުވެގެން ހިނގައިދާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ގުދުރަތީ ގޮތުން ހުނަރު ލިބިފައިވާ ޝްރީދޭވީ އާއި ޖާންވީ އެއްގޮތަކަށް ވެސް އަޅުވާ ކިޔޭ ވަރެއް ނޫނެވެ.

ޖާންވީގެ ކުރިޔަށް އޮތީ ކާރްތިކް އާރްޔަން އާއެކު ކުޅޭ "ދޯސްތާނާ 2" އާއި "ލަކްޝިޔާ" އެވެ. އަދި ރާޖްކުމާރު ރާއޯ އާއެކު ކުޅޭ ބިރުވެރި-ކޮމެޑީ ފިލްމު "ރޫހީ އަފްޒާނާ"ގެ މަސައްކަތް ވެސް ކޮންމެވެސް ވަރަކަށް އޭނާ ވަނީ ކޮށްފަ އެވެ. މި ތިން ފިލްމުގެ އިތުރުން ބޮޑު ސްޓާ ކާސްޓެއް ހިމެނޭ ކަރަން ޖޯހަރްގެ "ތަޚްތު" ގެ ރޯލެއް ވެސް ޖާންވީ އަށް ވަނީ ލިބިފަ އެވެ. މި ފިލްމުގައި އޭނާއާއެކު ބައިވެރިވާ ތަރިންގެ ތެރޭގައި ރަންވީރު ސިންގް، ވިކީ ކޯޝަލް، އާލިއާ ބަޓް، ކަރީނާ ކަޕޫރު، ބޫމީ ޕެޑްނޭކަރް އަދި އަނިލް ކަޕޫރު ހިމެނެ އެވެ.