ކުޅިވަރު

ޔުނައިޓެޑް ބަލިކޮށް ސެވިއްޔާ ފައިނަލަށް

މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޔޫރޮޕާ ލީގްގެ ފައިނަލަށް ސެވިއްޔާ ދަތުރު ކޮށްފި އެވެ.

ސެމީ ފައިނަލުގައި، ރޭ ކުޅުނު މެޗުގައި ޔުނައިޓެޑުން ލީޑް ނެގީ މެޗު ގެ ނުވަ ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. ޕެނަލްޓީން ލަނޑު ކާމިޔާބު ކުރީ ބުރުނޯ ފެނާންޑޭޒް އެވެ. އެ ޕެނަލްޓީ އަކީ މި ސީޒަންގައި ޔުނައިޓެޑަށް ލިބުނު 22 ވަނަ ޕެނަލްޓީި އެވެ.

މެޗުގެ 26 ވަނަ މިނެޓްގައި ސެވިއްޔާއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ޓީމުގެ ލަނޑު ސޫސޯ ކާމިޔާބު ކުރީ ސާޖިއޯ ރެގޫލެން ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު ސެވިއްޔާގެ ކޯޗް ހުލެން ލޮޕެޓެގީ ވަނީ ލޫކަސް އޮކޮމްޕޯސްގެ ބަދަލުގައި ލޫކް ޑި ޔޯންގް ކުޅެން ނެރެފަ އެވެ. މެޗުގެ 78 ވަނަ މިނެޓްގައި ޔުނައިޓެޑްގައި ޖީސަސަ ނާވަސް ތަނަވަސް ކޮށްދިން ފުރުސަތަކުން ޑި ޔޯންގް ލަނޑު ކާމިޔާބު ކުރި އެވެ.

މި އަންނަ ހުކުރު ދުވަހު ކުޅޭ ފައިނަލުގައި ސެވިއްޔާ އާ ދެކޮޅަށް ނުކުންނަ ޓީމެއް އެނގިގެން ދާނީ މިރޭ ކުޅޭ ދެ ވަނަ ސެމީ ފައިނަލު މެޗުގައި އިންޓަ މިލާން އާއި ޝަކްޓާ ޑޮނެސްކް ކުޅޭ މެޗުގެ ނަތީޖާއިންނެވެ.