އެފްސީ ބާސެލޯނާގެ ކުރިމަގަށްޓަކައި މުހިންމު ނިންމުންތަކެއް ނިންމަން، އެ ކުލަބުގެ ބޯޑުގެ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމަކަށް، ކުލަބުގެ ރައީސް ޖޯސެފް މާރީއާ ބާޓަމެއު ގޮވާލައްވައިފި އެވެ.
މިއަދު ބާއްވާ ބައްދަލުވުމަށް، ބާޓަމެއު ގޮވާލެއްވިއިރު، ބަޔާން މިޔުނިކް އަތުން 8-2 ން ބާސާ ބަލިވުމުން، ބާޓަމެއު ވަނީ ހޫނުފެނަށް ވެއްޓިފަ އެވެ. އެ މެޗަށް ފަހު މިޑީއާ އާ ވާހަކަ ދައްކަމުން ބާޓަމެއު ވިދާޅުވީ މުހިންމު ފިޔަވަޅުތަކެއް އަޅަން ބޯޑުން އޭރުވެސް ނިންމާފައިވާ ކަމަށެވެ. އަދި ވެސް އިތުރު ފިޔަވަޅުތައް އަޅަން މަޝްވަރާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ހުރިހާ ދާއިރާއަކުން ކުލަބުގެ މިހާރުގެ ހާލަތު އެނަލައިޒް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްޕެއިންގެ ކުޅިވަރު ނޫސް 'މާކާ' އިން ބުނެ އެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭނެ އަނެއް ކަމަކީ، މިހާރުގެ ކޯޗް ކީކޭ ސެޓިއެންގެ ކުރިމަގާ ބެހޭގޮތުން ގޮތެއް ނިންމުމެވެ.
ސެޓިއެން ކޯޗް ކަމުން ވަކި ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އޭނާގެ ބަދަލުގައި ކޯޗަކަށް ގެންނާނެ މީހަކާ މެދު މީޑީއާގައި އިއްޔައާ މިއަދު ހުރީ ތަފާތު ވާހަކަތަކެކެވެ. ބާސާގެ ކޯޗް ކަމަށް މައުރީޝިއޯ ޕޮޗެޓިނޯ ގެންނަން މަސައްކަތް ކުރާ ކަމަށް އިއްޔަ މީޑީއާގައި ވާހަކަ ފެތުރިނަމަވެސް މިއަދު އެ ވާހަކަތައް ގޮސް ގުޅެނީ ހޮލެންޑްގެ ގައުމީ ކޯޗް ރޮނަލްޑް ކޫމަން އާ އެވެ. ކޫމަން އިއްޔަ ބާސެލޯނާގެ އެއާޕޯޓުން ވަނީ ފެނިފަ އެވެ. ސްޕެއިންގެ މީޑިއާތަކުން ބުނަމުން ދަނީ ކޫމަން ބާސެލޯނާއަށް ދިޔައީ، ބާސާގެ ކޯޗް ކަމާ ހަވާލުވާން ކަމަށެވެ.
ޕޮޗެޓިނޯ އާ މިވާހަކަތައް ގުޅުނު ސަބަބަކީ މިދިޔަ ހަފުތާގައި ބާޓަމެއު އާއި ޕޮޗެޓިނޯ ރޭގަނޑުގެ ކެއުމަކުން ބައްދަލު ކުރުމުންނެވެ.
ބާސާގެ ބޯޑު ބައްދަލުވުމުގެ އަނެއް ކަމަކީ، އަންނަ އަހަރު ޖޫން 15 އަށް ތާވަލު ކޮށްފައިވާ ކުލަބުގެ އިންތިހާބު އަވަސް ކުރަން ފާސް ކުރުމެވެ.