ހަބަރު

މާލޭގައި ހާލުގައި ދިރިއުޅޭ 17،000 އަށް ވުރެ ގިނަ އާއިލާ

Aug 17, 2020

ދިރިއުޅެން އެކަށީގެންނުވާ މިންގަނޑުކަމަށް ބަލާ ތަންތަނުގައި، 17،000 އަށް ވުރެ ގިނަ އާއިލާ ވެރިރަށް މާލޭގައި ދިރިއުޅެމުންދާކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގައި ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ސުވާލުތަކަށް ލިއުމުން ޖަވާބު ދެއްވުމަށްފަހު، އެ މަޝްރޫއުތަކާގުޅޭ ކަރުދާހެއް ހުށަހެޅުއްވުމަށް އަސްލަމް މިއަދު ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެންފަ އެވެ.

އެ ކަރުދާސް ހުށަހަޅުއްވަމުން އަސްލަމް ވިދާޅުވީ، ސަރުކާރުން ވަނީ މިހާރު މާލޭގައި ދިރިއުޅޭ އާބާދީގެ ބޯހިޔާވަހިކަން ލިބެން ހުރި މިންވަރާއި، ބޭނުންވާ މިންވަރުވެސް ހޯދަން ދިރާސާތަކެއް ކުރައްވާފައި ކަމަށެވެ.

އެގޮތުން، އެކަށީގެންނުވާ މިންގަނޑުކަމަށް ބަލާ 600 އަކަ ފޫޓަށް ވުރެ ކުދި ތަންތަނުގައި 17،073 އާއިލާ ދިރިއުޅޭ ކަމަށެވެ.

"މިހާރު ރެޖިސްޓްރީކުރެވިފައިވާ ބިންތަކުގެ ތެރެއިން 600 އަކަފޫޓަށްވުރެ ކުޑަތަންކޮޅެއްގައި އިމާރާތްކޮށް ދިރިއުޅެމުންދާ ކޮންމެ އާއިލާއަކީ އެއީ އެޑެކުއޭޓްކޮށް ދިރިއުޅެވޭނެ ތަނެއްކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މިއަދު ވަނީ ކުރީގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ބޭނުމާމެދުވެސް ސުވާލު އުފައްދަވައިފަ އެވެ. އެގޮތުން، އަސްލަމް ވިދާޅުވި ގޮތުގައި، ހިޔާ މަޝްރޫއުގެ ދަށުން 600 އަކަ ފޫޓަށްވުރެ ކުޑަކޮށް ހަދާފައިވާ، ކައުންސިލް ހައުސިންގެ ގޮތުގައި ދަރަޖަކުރެވޭ 6،700 އެއްހާ ފްލެޓު ހަގީގަތުގައި ބޭނުންވެފައިތިބީ 1،300 އެއްހާ މީހުން ކަމަށެވެ.

"ދެން މިޑިލް އިންކަމް ކެޓަގަރީގެ މީހުނަށް މަޖުބޫރުވަނީ ބޭނުންނުވާ ވަރުގެ އެއްޗެއް ހޯދަން ދާން. ދެން އެތަން ހޯދާފަ ދިރިނޫޅޭ. އެތަން ކުއްޔަށް ދީފައި އަސްލު އުޅެންޖެހޭ ތަނެއްގައި މި އުޅެނީ،" މެދު އާމްދަނީގެ މީހުނަށް ބޭނުންވާ އެފޯޑަބަލް ހައުސިން އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުދާކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މިހާރު ހިނގަމުންދާ ހައުސިންގް ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނެނީ ހިޔާ ފްލެޓްގެ 6،720 ހައުސިންގް ޔުނިޓާއި ސަރުކާރުގެ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުން 3،848 ހައުސިންގް ޔުނިޓާއި ސީއެމްއީސީގެ 1،344 ހައުސިންގް ޔުނިޓްގެ އިތުރުން އަމިއްލަ ފަރާތްތަކުން އަޅާ ނިމި އަދި އަޅަމުންދާ 2،375 ހައުސިން ޔުނިޓު ކަމަށެވެ.

އޭގެ އިތުރުން މާލޭ ރައްޔިތުންނަށް ގޯތީގެ ގޮތުގައި ގުޅިފަޅުން ހިއްކާ ސަރަހައްދުގެ އިތުރުން ހުޅުމާލޭން 1474 ޕްލޮޓް ދޫކުރަން ހަމަޖެހިފައިވާ ކަމަށް ހަސަން ލަތީފްގެ ސުވާލެއްގެ ޖަވާބުގައި އަސްލަމް ވިދާޅުވި އެވެ.

އެއީ ގުޅީފަޅުން ހިއްކާ ސަރަހައްދުން ރޯ ހައުސް ތަރައްގީ ކުރުމަށް ދޫކުރާ 750 އަކަފޫޓުގެ 1،200 ޕްލޮޓާއި ހުޅުމާލޭ ފޭސް ދޭކުން 1،000 އަކަފޫޓުގެ 26 ޕްލޮޓް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރޯ ހައުސްގެ ގޮތުގައި އިތުރު 1،000 އަކަފޫޓުގެ 248 ޕްލޮޓް ވިއްކުމަށް ހަމަ ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.