ރައީސް އަބްދުﷲ ޔާމީން

ވަކީލުން މާފުށްޓަށް ދިއުމުންވެސް ޔާމީންއާ ބައްދަލެއްނުވި

ރައީސް ޔާމީނާ ބައްދަލުކުރެވޭނެ ކަމަށް ކަރެކްޝަނަލް ސާވިސްއިން އެންގުމުން އެމަނިކުފާނުގެ ގާނޫނީ ވަކީލުން މާފުށްޓަށް ދިއުމުން ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިނުދީ ވަކީލުން ފޮނުވާލާފައިވާ ކަމަށް ގާނޫނީ ޓީމުން ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވަކީލުންނާއި ބައްދަލު ކުރެވޭނެ ގޮތް ހަދައިދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ކުރިމިނަލް ކޯޓުން އަމުރެއް ނެރެދޭނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިނިސްޓަރު އިމްރާން ވިދާޅުވީ އެފަދަ އަމުރެއް އަދި މިހާތަނަށް ނެރެފައިނުވި ނަމަވެސް، ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލުވުމެއް ހަމަޖައްސަން ކަރެކްޝަނަލް ސާވިސްގެ ފަރާތުން "ލައްކަ" މަސައްކަތް ކުރެވިއްޖެ ކަމަށެވެ.

"ބައްދަލުވުން ނުބޭއްވިގެން އުޅެނީ އެކަން ކުރައްވަން ވަކީލު ބޭނުންފުޅު ނުވާތީ،" އިމްރާން ތުހުމަތު ކުރެއްވި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީނާ ބައްދަލުކުރުމަށް މިއަދު 2:00 އަށް ހަމަޖެހިފައިވާ ކަމަށް ކަރެކްޝަނުން ލިޔުމުން ޖަވާބު ދީފައިވާ ކަމަށެވެ. އަދި ލިޔުމާ އެއްގޮތަށް މާފުށްޓަށް ދިއުމުން ރަށަށް އަރައި ބައްދަލުކުރެވޭނޭ އިންތިޒާމު ކަރެކްޝަނުން ހަމަޖައްސައިދީފައިނުވާ ކަމަށާ އެހެން ކަމުން ރައީސް ޔާމީނާ ބައްދަލު ނުކުރެވުނު ކަމަށެވެ.

އެކަމާއި ގުޅިގެން ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އިދިކޮޅު ލީޑްކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ސަރުކާރުގެ އަނިޔާވެރިކަން ބޮޑުވެ އެކަން އިތުރު ހަރުފަތަކަށް މިއަދު ގެންގޮސްފައިވާ ކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވަކީލު ބައްދަލުވުމުގެ ފުރުސަތު ނުދޭތާ ދޮޅު މަހަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.