ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑް ޖެހިގެން ދިވެހި އަންހެނަކު މަރުވެއްޖެ

ކޮވިޑް ބަލީގައި ދިވެއްސަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިއަދު ހަވީރު 5:36 އެހާކަންހާއިރު އުމުރުން 64 އަހަރުގެ އަންހެނަކު ކޮވިޑް ބަލީގައި މަރުވެފައިވާ ކަމަށެވެ. އޭނާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެކެވެ.

އޭނާ ކޮވިޑް ބަލީގައި މަރުވުމުން ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 23 އަށް އަރައިފައި ވެއެވެ. އޭގެ ތެރޭގައި ބިދޭސީންގެ ފަސް މީހަކު ވެސް ހިމެނެ އެވެ.

އިތުރު މީހަކު މަރުވި އިރު ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ރިކޯޑް މިންވަރަކަށް އުފުލިފައިވާތާ މަހެއްހާ ދުވަސް ވެއްޖެ އެވެ. މިހާރު ވެސް އައިސޮލޭޝަނާއި ކަރަންޓީނުގައި ތިބި މީހުންގެ އިތުރުން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 146 މީހަކު ހޮސްޕިޓަލްތަކުގައި އެބަތިއްބެވެ.

ކޮވިޑްގެ ބަލި މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަންޖެހޭ މީހުން އެޑްމިޓް ކުރަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އިތުުރުން ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) އެވެ. އެ ހޮސްޕިޓަލްގެ ދެ ފްލޯއެއް ވަނީ ކޮވިޑަށް ހާއްސަކޮށްފަ އެވެ. އެގޮތުން ޑީއެޗްގެ 11 ވަނަ ބުރީގައި ތިބެނީ ކޮވިޑްގެ އެންމެ ހާލު ބޮޑު ބަލި މީހުނެވެ. އެ ފްލޯގައި ގާއިމްކޮށްފައި ވަނީ އައިސީޔޫއެކެވެ. ޑީއެޗްގެ 16 ވަނަ ބުރީގައި ތިބެނީ ކޮވިޑްޖެހޭ މާބަނޑު މީހުނެވެ.

އެޑްމިޓްކޮށްފައިވާ މީހުންގެ ތެރެއިން 11 މީހަކު ތިބީ އައިސީޔޫގަ އެވެ. އޭގެ ތެރެއިން ހަތް މީހަކު ހުޅުމާލޭ މެޑިކަލް ފެސިލީޓީގެ އައިސީޔޫގަ އެވެ. ތިން މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. ޑީއެޗްގެ އައިސީޔޫގައިވެސް ދެ މީހަކު އެބަތިއްބެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އެންމެ ފަހުންގެ އަދަދަކީ 5,785 އެވެ. އޭގެ ތެރެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 3349 އެވެ. އަދި ޝިފާއެއް ލިބިފައި ނުވާ ބަލީގައި ރަނގަޅުނުވެ ތިބީ 2414 މީހުންނެވެ.