ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ހެލްތު

ހެލްތު ހިންގަވަން މިރޭ ބޭފުޅަކު ހަމަޖައްސަވާނެ

ހެލްތް މިނިސްޓްރީގެ ހިންގެވުން ވަގުތީ ގޮތުން އެހެން ބޭފުޅަކާ މިރޭގެ ވަގުތެއްގައި ހަވާލު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން މިހެން ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުތަކުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް އޮޑިޓް ރިޕޯޓަކުން ހާމަވުމާ ގުޅިގެން، އެކަމުގެ ތަހުގީގު ނިންމެންދެން މިނިސްޓްރީގެ މަސައްކަތްތަކުން އަމިއްލަފުޅަށް އެކަހެރިވާން ނިންމަވައި، އެކަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމާއި ގުޅިގެންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ރިޕޯޓުގައި އެ މިނިސްޓްރީން ހިޔާނާތަށް މަގުފަހިވާ ގޮތަށް މަސައްކަތްކޮށްފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި އެ މައްސަލަތައް ތަހުގީގު ކުރުމަށް އޭސީސީއާއި ފުލުހުންނަށް ރައީސް ސޯލިހު ވަނީ ހުށައަޅުއްވާފައެވެ.

އެކަމާ ގުޅިގެން، މިނިސްޓަރު އަމީން ސޮއި ކުރައްވައި، ރައީސް ސޯލިހަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެ ރިޕޯޓާ ގުޅިގެން ކަމާ ގުޅޭ މުއައްސަސާތަކުން މައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަންދެން ނުވަތަ ރައީސް ވަކި ގޮތެއް އަންގަވަންދެން ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްތު ކުރައްވާ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން އެހެން ބޭފުޅަކާއި ހަވާލު ކުރެއްވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި އެކަން މިރޭގެ ވަގުތެއްގައި ރައީސް ނިންމަވާނެ ކަމަށެވެ.

އޮޑިޓް ރިޕޯޓްތަކާއި ގުޅިގެން ވެންޓިލޭޓަރުތައް ގެންނަން ކުންފުނިތަކާއި ހަވާލުކުރި އެއްބަސްވުންތަކުގައި ސޮއިކުރި ވެރިންނާއި ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެންބަރުންނާއި ފައިނޭންޝަލް އެގްޒެކްޓިވްސްގެ މެންބަރުން ވަނީ ސަސްޕެންޑްކޮށްފައެވެ.