އެޓާނީ ޖެނެރަލް

ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަން މައްސަލައެއް

ލަކީ އެކްސްޕޯޓްސް އިން ދިވެހި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަން މައްސަލައެއް ހުށަހަޅައިފި އެވެ.

މިއީ ޅ. ނައިފަރުގެ ފެނާއި ނަރުދަމާ އާއި ތ. ވޭމަންޑޫގެ ނަރުދަމާ ނިޒާމު ގާއިމު ކުރުމަށް ޖޫން 18، 2017 ހަވާލު ކުރި ކުންފުންޏެކެވެ. ނަމަވެސް އެ ކުންފުނިން އެއްބަސްވުމާއި ހިލާފުވެފައިވާ ކަމަށް ބުނެ ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލު ކޮށްފަ އެވެ.

ލަކީ އެކްސްޕޯޓްސް ވަނީ ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބަހައްޓާފައި ހުރި 483,451 އެމެރިކާ ޑޮލަރު ހޯދަން ބޭންކް ގެރެންޓީ ދޫކުރި ބޭންކް ކަމުގައިވާ އިންޑިއާގެ ސިންޑިކޭޓް ބޭންކްގައި ދިވެހި ސަރުކާރުން އެދުމުން، އެ ފައިސާ ދޫކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި އިންޑިޔާގެ ނިއު ދިއްލީގެ ހައިކޯޓަށް ހުށައަޅާފަ އެވެ. އަދި މިއަހަރުގެ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު އެ ކޯޓުން ވަނީ އެއްބަސްވުމުގެ ދަށުން ބޭންކް ގެރެންޓީގެ ގޮތުގައި ބަހައްޓާފައި ހުރި ފައިސާ ދޫނުކޮށް ހިފަހައްޓަން އަމުރެއް ދީފަ އެވެ.

އެ އަމުރާ ގުޅިގެން ދިވެހި ސަރުކާރުން ޖަވާބުދާރީވާން އެ ކޯޓުން ފުރުސަތު ދީފައިވާތީ ސަރުކާރުން ހުށަހަޅާ ޖަވާބު މިމަހުގެ 14 ވަނަ ދުވަހު ވަނީ ފޮނުވާފަ އެވެ.

ނައިފަރާއި ވޭމަންޑޫގެ މަސައްކަތް ލަކީ އެކްސްޕޯޓްސްއާ ހަވާލު ކުރަން ވި އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލު ކޮށްފައި ވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ އެ ފަރާތުން ވަނީ މިދިއަ މާޗް މަހުގެ 13 ވަނަ ދުވަހު ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

ލަކީ އެކްސްޕޯޓްސް އިން އެދެނީ ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދާށެވެ.