ގަލޮޅު ދަނޑުގައި އޮތް ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯގެ ދެވަނަ ބާބުގެ ތަންތަންކޮޅު އަޅުގަނޑު ބެލީމެވެ. ދިވެހި ނެށުންތެރިޔާ ސުނީތާގެ ނެށުންތައް އަޅުގަނޑަށް ކަމުދެޔޭ ބުނުމަކީ ތެދަކަށް ނުވާނެއެވެ. ނަމަވެސް ސުނީތާގެ ކިބައިން ދަސްވާނެ އެއްޗެއް އޮވެދާނެއެވެ. ލަވަ އަޑުއެހުމުގެ ގޮތުން، އޭކަންގެ ލަވަތައް ޢާންމު ގޮތެއްގައި އަޑުއެހުމަކީ އަޅުގަނޑަށް ފަސޭހަ ކަމެއްކަމަށް ބުނުމަކީވެސް ތެދަކަށް ނުވާނެއެވެ. ނަމަވެސް، އަޅުގަނޑުވެސް ކޮންމެވެސް ވަރަކަށް ލަވަ އަޑުއަހައި ހަދަމެވެ. ގިނައިން ވިސްނެނީ ލަވައިގައި ބުނާ އެއްޗެއްގެ މާނައަށެވެ. ފަހުމީ ހައްދަވާ ދެއްވައި، ނައިފަރު ދޮހޮއްކޮ ކިޔުއްވާފައިވާ ލަވަތައް އަޅުގަނޑަށް ކަމުދަނީ އެހެންވެގެންނެވެ.
މިއުޒިކު ކުޅެ ހެދުމަކީ ދީނީ ގޮތުން ކޮން ކަހަލަ ކަމެއްކަމާމެދު އުފެދޭ ސުވާލު އަދި އިހަށް ބާއްވާށެވެ. އެސުވާލަށް ޖަވާބުދެވޭނީ އެސުވާލާ ގުޅޭ މަޙައްލެއްގައެވެ. މިއުޒިކާއި ނެށުމަކީ ދިވެހި ސަޤާފަތުގައި އޮތް ކަމެކެވެ. އެކަމަށް، ތޮއްޑޫ ބަނޑިޔާ ގްރޫޕާއި، ހިރިލަންދޫގެ ކުޅަދާނަ ނެށުންތެރިންގެ ޙަރަކާތްތަކުން ހެކިދެއެވެ. ވީމާ، ޝޯ ބަލަން ދިޔަ މީހުންގެ ޢަދަދުގެ ގިނަކަން އެއީ ކަންބޮޑުވާ ވަރުގެ ކަމެއް ނޫނެވެ. އެއީ ޠަބީޢީ ކަމެކެވެ. ދިވެހިންގެ ލޭގައި ހުރި ކަމެކެވެ. އެސަޤާފަތު ބަދަލުވިޔަސް، ކޮންމެ ކަމެއްވެސް އަޞްލަށް ރުޖޫޢަވާންވީމާ ރުޖޫޢަވާނެއެވެ.
އޭކަންގެ ޝޯއިން އަޅުގަނޑަށް ދަސްވި ކަމަކީ، އޭކަން، އޭކަނަކަށް (ބައިނަލްއަޤްވާމީ ސުޕަރ ސްޓާރަކަށް) އަދި 80 މިލިއަން ޑޮލަރުގެ އަގުހުރި އިސްޓާރަކަށްވީ އޭނާގެ ކުޅަދާނަ ކަމުން އެކަނި ނޫންކަމެވެ. އޭގެ އިތުރުން، އޭނާގެ މަސައްކަތުގެ އަޚްލާޤުގެ ސަބަބުންނެވެ. އޭކަން އެންމެ ފުރަތަމަ އަލްބަމެއް ނެރުނީ 2004 ވަނަ އަހަރުއެވެ. އޭގެ ފަހުން މިވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ތެރޭގައި އެތައް ޤައުމެއްގައި ކާމިޔާބު 300 އަށްވުރެ ޝޯ ދީފައިވެއެވެ. ނަމަވެސް، އޭނާ ރޭގައި ގަލޮޅު ދަނޑުގައި ޝޯ ދިން އިރު، އޭނާ ޢާންމުކޮށް ދޭ ޝޯތަކަށް އަންނަ މީހުންނަށްވުރެ މާ މަދު ބަޔަކު ތިބިއިރުވެސް، އޭނާގެ ހުށަހެޅުންތައް ހާދަ ފުރިހަމައެވެ. އޭނާގެ 100% އެޝޯއަށް އޭނާ ދިންކަމާމެދު ޝައްކެއް ނެތެވެ. އަޅުގަނޑު މިކަން އިތުރަށްވެސް ބަލައިފީމެވެ. އޭކަން ރޭގައި ކީ އެއް ލަވައަކީ، މަޝްހޫރި ހިންދީ ފިލްމު "ރާ ވަން" އަށް އޭނާ ހިންދީ ބަހުން ކިޔައިދީފައިވާ "ޗަންމަކު ޗައްލޯ" ލަވައެވެ. އެލަވަ ހެދި ގޮތުގެ ވީޑިއޯއެއް ޔޫޓިއުބުން ބަލައިލީމެވެ. އެވީޑިއޯގައިވެސް، އޭކަންގެ މަސައްކަތުގެ އަޚްލާޤު ފެނެއެވެ. ބަސްތައް ދަސްކުރަން ކުރާ މަސައްކަތް ފެނުނެވެ. އަދި ލަވަ ކިޔާއިރު، 'ހިތާއި ރޫޙުން' ލަވަ ކިޔައިލިކަންވެސް ފާހަގަ ކުރެވުނެވެ. އެލަވައިގެ ކާމިޔާބީގެ އެއް ސިއްރަކީވެސް އެއީއެވެ. އޭކަން ވަނީ ސްޕެނިޝްއާއި ޢަރަތްބާއި ތަމަޅަ ބަހުންވެސް ލަވަ ކިޔާފައެވެ.
އޭކަންގެ ޝޯއަކީ ދީނީ ގޮތުން ބޮޑު ގޮންޖެހުމަކަށް ވެދާނެއެވެ. ޒުވާނުންނަށް ލިބުނު 'އުފާވެރި ޚަބަރަކަށް' ވެސް ވެދާނެއެވެ. ނުވަތަ ސިޔާސީ ގޮތުން ދެބައެއްގެ މެދުގައި އޮތް ތަޅާފޮޅުމެއްގެ ނަތީޖާއެއް ކަމަށްވެސް ވެދާނެއެވެ. ފައިސާ ގިނަވެގެން ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ކުރެވުނު ކަމެއްކަމަށްވެސް ވެދާނެއެވެ. އަޅުގަނޑުމެން ބަލަންވީ، މިޝޯއިން އަޅުގަނޑުމެންނަށް ދަސްވާންވީ ކޮން ކަމެއްތޯއެވެ.
އަޅުގަނޑު ދެކޭ ގޮތުގައި، އޭކަންގެ މަސައްކަތުގެ އަޚްލާޤު، އޭކަންގެ ޝޯ ބަލަން ދިޔަ ދިވެހި ޒުވާނުންގެ ތެރެއިން ދިހަ ޕަސެންޓު މީހުން ކޮޕީ ކުރިނަމަވެސް، މިރާއްޖޭގެ ޙާލަތު އެއްކޮށް ބަދަލުވެގެން ދާނެއެވެ. ހެނދުނު ސައި ބޮއެގެން އޮފީހަށް ދިއުމެވެ. އޮފީހުގައި ހަމަ ރަނގަޅަށް އިޚްލާޞްތެރި ކަމާއެކު މަސައްކަތް ކުރުމެވެ. ސޯޝަލް މީޑިއާގައި ކުލިކު ކޮށްލަ ކޮށްލާ ނުތިބެ، އެދުވަހަކު ކުރަންޖެހޭ މަސައްކަތެއް އެދުވަހަށް ނިންމުމެވެ. ޚިދުމަތް ހޯދަން އަންނަ މީހުންނަށް އަޅާލުމެވެ. ތިމާއާމެދު ޢަމަލު ކުރަން އެދޭ ގޮތަށް އެހެން މީހުންނާމެދު ޢަމަލު ކުރުމެވެ. ހަށިގަނޑު ރަނގަޅު ޞިއްޙަތެއްގައި ބެހެއްޓުމަށް ކަސްރަތު ކުރުމެވެ. ކުދި ކުދި ކަންތައްތަކުންވެސް ބޮޑެތި ނަތީޖާ ނެރެވޭނެއެވެ. އޭކަން، އޭކަނަކަށްވީ އޭނާގެ މަސައްކަތުގެ އަޚްލާޤުގެ ސަބަބުންނެވެ. އެކަން އަޅުގަނޑުމެންނަށް ވަރަށް ގާތުން ފެނިއްޖެއެވެ. ދެން އޮތީ، އޭނާގެ ގޮތް ކޮޕީ ކުރުމެވެ. އޭކަން ބުނާ ގޮތުން، "ވަރކް ހާޑް" އެވެ. އެއަށްފަހު "ޕްލޭ ހާޑް" އެވެ.