ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަރުޖަމާ ކުރައްވާފައިވާ "އަހަރެމެންގެ ދީނަކީ މިއީ" ފޮތް ރޭ އިފްތިތާހު ކޮށްފި އެވެ.
މައުމޫން ފައުންޑޭޝަނުން ނެރުނު މި ފޮތް އިފްތިތާހު ކޮށްފައި ވަނީ ރޭ އެކަމަށްޓަކައި ބޭއްވުނު އޮންލައިން ހަފްލާއެއްގައެވެ.
"އަހަރެމެންގެ ދީނަކީ މިއީ" މި ފޮތަކީ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް މުހައްމަދު އަލްޣަޒާލީ ލިޔުއްވާފައިވާ ފޮތެއްގެ ދިވެހި ތަރުޖަމާއެވެ.
މި ހަފްލާގައި މި ފޮތް އިފްތިތާހު ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޣަޒާލީގެ "ހާޒާ ދީނުނާ" މި ފޮތަކީ ވަރަށް ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ފޮތެއް ކަމަށާ މި ފޮތަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި އަގީދާތަކާއި ހުކުމްތައް އުނދަގުލެއްނެތި ފަހުމުވާ ފަދަ ގޮތަކަށް ރީތި އިބާރާތުން ބަޔާން ކުރައްވާފައިވާ ފޮތެއް ކަމަށެވެ.
މި ފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ އެންމެ ބޮޑު ސަބަބަކީވެސް އެއީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަހަރެމެންގެ ދީނަކީ މިއީ" ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުއާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ ކުރިން ކުރީގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި މި ފޮތާއި ގުޅޭގޮތުން ކުރީގެ މިނިސްޓަރު އައްބާސް އިބްރާހިމާއި ގުރުއާނާބެހޭ މަރުކަޒު ވަރަށް ދިގު މުއްދަތަކަށް ހިންގެވި އުސްތާޛު އިބްރާހިމް ރަޝީދު މޫސާގެ އިތުރުން ޑރ. މުހައްމަދު ގުބާދު އަބޫބަކުރުވެސް ވާހަކަފުޅު ދެއްކެވިއެވެ.
"އަހަރެމެންގެ ދީނަކީ މިއީ" މި ސިލްސިލާގެ އިތުރު ފޮތްތަކެއް ނެރުއްވުމަށް މަަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް މައުމޫން ވަނީ ރޭ އިއުލާނު ކުރައްވާފައެވެ.