ކުޅިވަރު

ޝަކްޓާ ބަލިކޮށް އިންޓަ ފައިނަލަށް

ޝަކްޓާ ޑޮނެސްކްގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޔޫރޮޕާ ލީގްގެ ފައިނަލަށް އިންޓަ މިލާން ދަތުރު ކޮށްފި އެވެ.

ޔޫރަޕްގެ މުބާރާތުގެ ފައިނަލަށް އިންޓަ ދަތުރު މި ކުރީ 10 އަހަރު ފަހުންނެވެ. ހޯޒޭ މޮރީނއޯގެ ކޯޗް ކަމުގެ ދަށުން ސީޒަންގެ ތިން ތަށި ކާމިޔާބު ކުރި ސީޒަންގައި އިންޓަ ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފަ އެވެ.

ޔޫރޮޕާ ލީގްގެ އެންމެ ކާމިޔާބު ޓީމު ސެވިއްޔާ އާ ދެކޮޅަށް ހުކުރު ދުވަހުގެ ރޭ ކުޅޭ ފައިނަލު މެޗު ވެގެން ދާނީ ޔޫރަޕްގައި އިންޓަ ކުރިމަތިލާ 10 ވަނަ ފައިނަލަށެވެ.

ރޭ އެންޓޯނިއޯ ކޮންޓޭގެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެންމެ ލަނޑަކުންނެވެ. މެޗުގެ 19 ވަނަ މިނެޓްގައި ލައުޓާރޯ މާޓިނޭޒް ލަނޑު ކާމިޔާބު ކުރީ ނިކޮލާ ބަރޭލާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ދެ ވަނަ ހާފުގައި އިންޓަގެ ދެ ވަނަ ލަނޑު 64 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑަނިލޯ ޑިއަމްބްރޯސާ އެވެ.

އޭގެ 10 މިނެޓް ފަހުން ލައުޓާރޯ ވަނީ، ލުކާކޫ ތަނަވަސް ކޮށްދިން ފުރުސަތަކުން އިންޓަގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ފަހު ދެ ލަނޑު ކާމިޔާބު ކުރީ ލުކާކޫ އެވެ. އޭނާ ޖެހި ދެ ލަނޑާއެކު ލުކާކޫ ވަނީ ޔޫރޮޕާ ލީގްގައި އޭނާ ކުޅުނު އެންމެ ފަހު 10 މެޗުގައިވެސް ލަނޑު ކާމިޔާބު ކޮށްފަ އެވެ.