ޗެމްޕިއަންސް ލީގް

ނާގްލްސްމަން: ފުޓްބޯޅައިގެ ޒުވާން ސިކުނޑި

ރެއާލް މެޑްރިޑްގެ ކޯޗް ކަމުން، ޒައިނުއްދީން ޒިދާން މެއި 2018 ގައި އިސްތިއުފާ ދިނުމުން، އެ ޓީމުގެ ކޯޗްގެ މަގާމަށް ގެންނަން އެ ކުލަބުން ގުޅި އެކަކީ، ރެޑްބުލް ލައިޕްޒިގްގެ ޒުވާން ކޯޗް ހޫލިއަން ނާގްލްސްމަން އެވެ. ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ވުރެ، ނާގްލްސްމަން ޒުވާނެވެ. އޭރު އުމުރުން 30 އަހަރުގެ ކޯޗް ރެއާލްގެ އަގު ބޮޑު ހުށަހެޅުން ދޫކޮށްލީ އެހާ ބޮޑު ޕްރޮޖެކްޓެއް ލީޑް ކުރުމަށް އޭނާ ހަވާލުވަން އަދި އަވަސް ކަމަށް ގަބޫލު ކުރަމުންނެވެ.

މިއަދު އޭނާ ހުރީ، މިއަހަރުގެ ޗެމްޕިއަންސް ލީގްގައި ރެއާލްއަށް ވުރެ މަތީގަ އެވެ. ލައިޕްޒިގް އަކީ މާބޮޑު ތާރީހެއް އޮތް ކުލަބެއް ނޫނެވެ. ޒުވާން ނާގްލްސްމަން އަތުގައި ވެސް މާބޮޑު ތަޖުރިބާއެއް ނެތެވެ. ކޯޗް ކަމަށް އޭނާ ނުކުތްތާ އަދި މިވީ ހަތަރު އަހަރެވެ. އެހެން ނަމަވެސް ޔޫރަޕްގެ އެންމެ ޝަރަފުވެރި ކުލަބު މުބާރާތުގައި އޭނާގެ ނަމަށް ބޮޑު ޝަރަފެއް މިހާރު އެބައޮތެވެ. ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލުގައި މިރޭ ފްރާންސްގެ ގަދަ ބާރު ޕީއެސްޖީއާ ދެކޮޅަށް ނުކުންނަ މެޗާއެކު ނާގްލްސްމަން ވެފައި ވަނީ ޗެމްޕިއަންސް ލީގްގެ ފައިނަލު ބުރާ ހަމަށް އަށް ދަތުރު ކުރި އެންމެ ޒުވާން ކޯޗަށެވެ.

އުމުރުން 19 އަހަރު ގައި ވާދަވެރި އެއްވެސް މެޗެއްގައި ފުޓްބޯޅަ ނުކުޅެވި އޭނާގެ ކެރިއާ ނިމިގެން ދިޔައީ، ކަކުލަށް ލިބުނު އަނިޔާ އާއެކު ކުރަން ޖެހުނު ކަކުލުގެ އޮޕަރޭޝަނަކުންނެވެ. އޭގެ ފަހުން ކުޑަ ދުވަސް ކޮޅެއް ނުވެ އޭނާގެ ބައްޕަ މަރުވެ ގިނަ ކަންކަމެއް ތަހައްމަލު ކުރަން ޖެހުނެވެ. އާއިލާ ޒިންމާތަކުގައި އޭނާގެ ދައުރު ބޮޑުވި އެވެ.

ނާގްލްސްމަންގެ ގާތް އެކުވެރިއެއް ކަމަށްވާ، ޖަރުމަންގެ ދަށް ޑިވިޝަންގައި ކުޅެމުން އަންނަ، ބެންޖަމިން ކައުފްމަން ބުނީ ނާގްލްސްމަން ކުރިއެރުމުގެ އެންމެ ބޮޑު އެހީތެރިޔަކީ އެންމެ ޒުވާން އުމުރުގައި ގިނަ ޒިންމާތަކާއެކު ކުރިއަށް ދާން ޖެހުން ކަމަށެވެ.

"އެ އުމުރުގެ އެހެން ޒުވާނުންނަށް ވުރެ ނާގްލްސަމަން ފެނުނީ މާ މެޗުއާކޮށް އޭގެ ސަބަބުން އޭނާއަށް ކަންކަން ދަސް ކުރަން ފަސޭހަވެގެ ދިޔަ." ކައުފްމަން ބުނެފައި ވެއެވެ.

ގިނަ ޒިންމާތަކާއެކު ކުރިއަށް ދާން ޖެހުމުން އިމޮޝަނަލީ ވެސް ނާގްލްސްމަން ގިނަ އިހްސާސްތަކެއް ކުރެވުނެވެ. އެހެން ޒުވާނުންގެ އިހްސާސްތަކާއި އިމޯޝަންތައް ވެސް އޭނާ ބައެއް ކަމުގައި ހެދި އެވެ. ހޮފެންހައިމްގައި އޭނާ އާއެކު މަސައްކަތް ކުރި ސްޕޯޓިން ޑައިރެކްޓާ އެލެގްޒެންޑާ ރޮއިޒަން ބުނީ ކުޅުންތެރިންނާ އިމޮޝަނަލީވެސް ނާގްލްސްމަން ގުޅިފައި ވަނީ ތާފަތު ލެވަލްއަކަށް ކަމަށެވެ.

މިރޭ އޭނާ އާ ދެކޮޅަށް ނުކުންނަ ޕީއެސްޖީގެ ކޯޗް ތޯމަސް ޓޫހުލް އަކީ އެއްދުވަސް ވަރެއްގައި ނާގްލްސްމަންގެ ސީނިއާ ކޯޗެވެ. ޓޫހުލްގެ ހެޑް ކޯޗް ކަމުގެ ދަށުން ނާގްލްސްމަން ވަނީ ހޮފެންހައިމްގެ އެކެޑެމީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އެކެޑެމީގައި އޭނާ ކުރި މަސައްކަތް ކަމުދިއުމުން ޓީމުގެ 16 އަހަރުން ދަށުގެ ޓީމަށް އޭނާ ޕްރަމޯޓް ކުރަން ނިންމީ ޓޫހުލް އެވެ.

ހޮފޮއިންހަމްގެ ހެޑް ކޯޗް ކަމާ 2016 ވަނަ އަހަރު ނާގްލްސްމަން ހަވާލުވީ އެ ކުލަބު ރެލިގޭޓް ވާން ކައިރިވެފައި ވަނިކޮށެވެ. އޭނާގެ ކޯޗް ކަމުން އެ ކުލަބު ރެލިގޭޓް ނުވެ ސަލާމަތް ކޮށްދިނެވެ. އޭނާގެ ފުރަތަމަ ފުލު ސީޒަންގައި ހޮފެއިންހަމްއިން ބުންޑެސް ލީގާގެ ހަތަރު ވަނަ ހޯދި އެވެ. އޭހާހިސާބުން ނާގްލްސްމަން ދެއްކީ ބުންޑެސް ލީގާގެ ޗެމްޕިއަންކަމަށް ހޮފެންހައިމް ވާދަ ކުރާ ވަހަކަ އެވެ. ބައެއް މީހުން އެވާހަކައަށް ޖޯކް ޖެހި އެވެ. މިއަދު އޭނާ އެ ހުރީ ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލުގަ އެވެ. ޕީއެސްޖީ ބަލިކޮށް ފައިނަލަށް ދިއުމުގެ ގާބިލުކަން ނާގްލްސަމަން ޓީމުގައި ހުރިކަން އޭނާ ގަބޫލު ކުރ އެވެ.