ވާހަކަ

ރީތީ ހީނލީމާ

ނިޔާޒާ ހީކުރީ އަހަރެން ކުރާނީ އެ ސުވާލުކަމަށެވެ. އެހެންވެ ސުވާލު ކުރުމުގެ ކުރިން އޭނާ ޖަވާބު ދިނެވެ. އަހަންނަށް ބަލައިލެވުނީ ނިޔާޒާގެ މޫނަށެވެ.

"އަހަރެން އަހަން މިއުޅުނީ އެހެން ސުވާލެއް،" ނިޔާޒާގެ މޫނަށް ބަލައިލަމުން އޭނާގެ ދަތްދޮޅިގައި އިނގިލި ޖައްސާލައި މައްޗަށް ހިއްލައިލީމެވެ. "އަހަރެން ދެކެ ލޯބިވޭތަ؟ ދޮގު ނަހަދާ ތެދަށް ބުނެދީބަލަ."
"އަސްލު ނުވޭ، އެކަމަކު ޝަރީފު ވެޔެއްނު. ލޯތްބަކީ އެކުގައި އުޅެން ފެށުމުން ވެވޭ އެއްޗެއް. އެއީ ވާ އެއްޗެއް ނޫން. އަހަންނަށް ވެސް ޝަރީއާއެކު އުޅެން ފެށުނީމަ ލޯބި ވެވޭނެ. އަބަދުވެސް މީހުން ބުނާނެ ތިމާ ދެކެ ލޯބިވާ މީހަކު ހަޔާތަށް ގެންނާށޭ. ތިމާއަށް މަޑުމަޑުން އެމީހަކު ދެކެ ލޯބިވެވޭނޭ." ނިޔާޒާ ލޮލަށް ގިނަވި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައި ގަތެވެ.
"ބައްޕާ!" އަހަންނަށް ސިހުން ލިބުނީ ސިނާނުގެ އަޑަށެވެ.
ކުއްލިއަކަށް ޖޯލިން ތެދުވެ އިށީނދެލަމުން ހިނިތުންވެލީމެވެ. ޚިޔާލުތަކުގެ ދުނިޔެއިން ނުކު މޯޅިއަކަށް ދެމިލީމެވެ.
"މަންމަ އެބަ ގޮވާ." ފޫހި ރާގެއްގައި ސިނާނު ބުނެލިއެވެ.
"ކިހިނެއްވީ؟" އަހަންނަށް މަޑުމަޑުން ބުނެލެވުނެވެ.
"އެނގެއެއްނު،" ސިނާނު ހުއްޓިލީ އަހަރެންގެ ކުރިމަތީގައެވެ. "ބައްޕަ ބަލީތަ؟"

އަހަންނަށް ބޯހޫރައިލެވުނެވެ. ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ނަމަވެސް ސިނާނު ހުރީ ސީދާ އަހަރެންގެ މޫނަށް ބަލާށެވެ. އަހަންނަށް އުނދަގޫ ގޮތެއް އިހުސާސް ކުރެވުނެވެ.

"އެކަމަކު މޫނުމަތި ތިހުރީ މިލައިފަ. ލޯ ކައިރިވެސް ވަރަށް ބޮޑަށް ކަޅުވެފަ،" ސިނާނު ހިފީ އަހަރެންގެ އަތުގައެވެ. "ހާދަ ހޫނޭ. ބައްޕަ ހުން އައީތަ؟"

އަހަންނަށް ވިސްނައިލެވުނެވެ. ބޮލަށާއި ލޮލަށް އުނދަގޫ މިވަނީ އެހެންވީމަ ހެއްޔެވެ؟ ލޮލުގައި މި ރިއްސަނީ އެހެންވީމަ ހެއްޔެވެ؟ ކަނާއަތް ނަގައި ކަރުދަށުގައި ޖައްސާލެވުނެވެ. ސިނާނު ބުނީ ތެދެކެވެ.

"ހިނގާ ބޭސްކައިގެން ރެސްޓުކޮށްލަން." އަހަރެން އަތުގައި ހިފައިގެން ސިނާނު އެތެރެއަށް ހިނގައިގަތެވެ.
ސިނާނާއެކު އަހަރެން ހިނގައިގަތީމެވެ.
"ޝަރީފޫ... ސިނާނޫ..." ގޭތެރެއަށް ވަން އިރަށް ކަންފަތުގައި ޖެހުނީ ނިޔާޒާގެ އަޑެވެ.
ސިނާނު ބަލައިލީ އަހަރެންގެ މޫނަށެވެ. އަހަންނަށް ވެސް ބަލައިލެވުނީ ސިނާނުގެ މޫނަށެވެ.
"ބައްޕަ މަޑުކޮށްލާ،" ސިނާނު ވައި އަޑުން ބުނެލިއެވެ. "އަހަރެން އަންނާނަށް މަންމަ ގާތު ބުނެފަ."
"ކޮން ހުމެއް. ކަލޭމެން ހީކުރީ އަހަރެން ހެދިގަނެގެން އުޅެނީ ކަމަށްތަ؟ އަހަރެން މި އޮތީ ކުޅެން ކަމަށްތަ؟ ބަނޑުހައި ވެގެން މަރުވާ ވަރުވެގެންނޭ މި ގޮވަނީ،" ސިނާނު ކޮޓަރިއަށް ވަނުމުން އޭނާއާ ދިމާއަށް ނިޔާޒާ ހަޅޭއްލަވާ ގަތް އަޑު އިވުނެވެ. "އަހަންނަށް މިހާލު ޖެހުނީ ކަލޭމެންގެ ސަބަބުން. ކަލޭމެން ދެމީހުންނާ ހެދި. އަހަރެން ބަލިވީމަ ޑޮކުޓަރަށް ދެއްކުނީކީ ނޫން. ކާނެ ބޯނެ އެއްޗެއް ދެވެނީކީ ނޫން."
އަހަންނަށް ކޮޓަރީގެ ދޮރު ހުޅުވާލެވުނެވެ. ސިނާނު ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އޭނާ ހުރީ ފެންކަޅިވެފައެވެ.
"އާދެވިއްޖެއްނު. ކަލޭއަށް ރަނގަޅަށް އެނގޭނެ އަހަރެން ބަނޑުހައިވާނެކަން. ގަޑިން ގަޑިއަށް ބޭސްކާން ޖެހޭނެކަން. ޑިއުޓީ ނިންމާފައި ގެއަށް އައިސް ނިދައިގެން ކާނެ އެއްޗެއް ނުލިބޭނެކަން،" އަހަރެން ފެންނައިރަށް ނިޔާޒާ ހަޅޭއްލަވާގަތެވެ. "ދެން ވެސް ބަލަން ނުހުރެ އަހަންނަށް ކާއެއްޗެއް ގެނެސްދީބަލަ. މިހާރު މެއިން ހޫނު ނަގާވަރުން އޮވެވޭ ވަރެއް ނޫން."
"މަންމާ! ބައްޕަ ހުރީ ބަލިވެފައޭ." ސިނާނު ލަސްލަހުން ބުނެލިއެވެ.
"މަށަށް ކޮފީ ތަށްޓެއް ގިރައިލެވޭނެ ވަރު ވެސް ނެތީތަ؟ ތަވާ މައްޗަށް ބިހެއް ތަޅައިލައިފަ ބިސް ގަނޑެއް އަޅައިލެވޭ ވަރު ވެސް ނުވަނީތަ؟" ނިޔާޒާ ހިތްހަމަ ނުޖެހިފައި އޮވެ ބުނެލިއެވެ.
"މަންމައަށް ވެސް ތިކަން ކޮށްލެވޭނެއްނު. ބައްޕަ ހުން ގަދަކަމުން ހީވަނީ ފިހިދާނެހެން." ސިނާނު އަހަރެންގެ މޫނަށް ބަލައިގެން ހުރެ ބުނެލިއެވެ.
"ދެ ބަފައިން ތިއައީ ރާވައިގެންތަ؟ މަށާ ދިމާއަށް އެއްޗެހި ކިޔަން މިހާރު ދަރިއަށް ވެސް ދަސްކޮށްދިނީތަ؟" ނިޔާޒާ އެނދުން ތެދުވެ އަހަންނާ ދިމާއަށް ހިނގައިގަތެވެ.
ލަސްފިޔަވަޅުތަކެއް އަޅަމުން އައިސް ނިޔާޒާ ހުއްޓުނީ އަހަރެން ކުރިމައްޗަށެވެ.
"މަށަށް ކޮށްދެން ޖެހޭ ކަންކަން ކޮށް ނުދެވޭނަމަ މަ ދޫކޮށްލާ. އޭރުން ހުން އައީމަ ތެތްރުމާ އަޅައިދޭނެ މީހުންވާނެ،" ނިޔާޒާ މަލާމާތުގެ ރާގުގައި ބުނެލިއެވެ. "ނުވާނެ. މަ ނޫން މީހަކު ނުލިބޭނެ. ލޯބިވެގަނެގެން އިން ފިނާ ކޮބާ؟ ބޭނުން ކެނޑުނީމަ އޭނާ ވެސް އެއްލައިލީ. ޝަރީފުގެ އަތުން ލާރި ކޮޅު އަތުލައިފަ އަތަށް ފުށްކޮޅު ދީފަ އުދުހިގެން ދިޔައީ. އެހެންވެ މި ބުނީ ނުވާނޭ."
އަހަންނަށް ރުޅި އާދެވޭ ގޮތްވިއެވެ. ހަގީގަތެއް ނެތް ވާހަކައެއް ދައްކާން ފެށުމުންނެވެ. ލޭ ހޫނުވެ މީހާ ތުރުތުރު އަޅައިގަތް ހެން ހީވިއެވެ. ދެއަތް މުށްކަވާލެވި އަތަށް ބާރުކޮށްލެވުނެވެ.
"ދަރިފުޅު ދޭ އިހަށް ބޭރަށް." އަހަންނަށް ބަލައިލެވުނީ ސިނާނުގެ މޫނަށެވެ.
ސިނާނު މަޑުމަޑުން ބޭރަށް ނުކުތެވެ.
"މަށަށް މޮޔަކަމުން ކަލޭ ގާތަށް ގޮސް އާދޭސްކުރެވުނީ. މަ ހީކުރީ ކަލޭ މަ ގެންގުޅޭނީ ވަރަށް އަރާމުގައި ކަމަށް. ވަރަށް އިއްޒަތުގައި ކަމަށް. ވަރިކުރި ފުޅު ގެންގުޅުނުހެން މާލޭގައި ކަމަށް،" ނިޔާޒާ ހިތްހަމަ ނުޖެހި ހުރެ ބުންޏެވެ. "ކާވެންޏަށް ތޭރައަހަރުވީއިރު ވެސް ކަލޭއަށް އަހަންނަށް ޚިދުމަތެއް ކޮށް ނުދެވުނު. ރީތި ގެއެއް ނޭޅުނު. މަށަށް ރީތި އަންނައުނު ގަނޑެއް ހޯދައި ނުދެވުނު. މީރު ކާއެއްޗެއް ނުދެވުނު. ނިކަން ބަލައިބަލަ މި ކޮޓަރިއެއް. މި ގެއެއް. އެކާވީސްވަނަ ގަރުނު އަހަރެން އުޅެން މިޖެހެނީ ވީރާނާ ވެފައި ހުރި ބާ ޖިފުޓި ގަނޑެއް ކަހަލަ ތަނެއްގަ. ބަލައިބަ މިހިރި ފާރެއް. ބަލައިބަލަ މިއޮތް ތަރުފާލު ގަނޑެއް."

ނިޔާޒާގެ ކޮންމެ ޖުމުލައަކުން އަހަރެންގެ ހިތް ފަޅިފަޅިވާ ގޮތްވިއެވެ. އަމިއްލަ ނިކަމެތި ކަން އިހުސާސްކުރެވޭ ގޮތްވާން ފެށިއެވެ.

"މަށަށްވީމަ. މަ ހަޑިވީމަ. ރަން އިސްތަށިގަނޑެއް ނެތީމަ، ހީނލީމަ ދެ ކޯ އަޑިއަށް ނުވަންނާނާތީ. މަ މޫނުގެ ކުލަ ކަޅުވީމަ ކަލޭ ބޭނުންވަނީ މަ ހާލުގައި ގެންގުޅެން،" ނިޔާޒާ އަނެއްކާ ވެސް ފެށިއެވެ. "މަށަށް ވިސްނުނީ ކަލޭ މަށަށް ވެސް މާއުފާވެރި މާ އަރާމު ދިރިއުޅުމެއް ހޯދައިދޭނަ ކަމަށް. މަވެސް އެހާއަރާމުގައި ގެންގުޅޭނެ ކަމަށް. އެކަކަމު؟"

ނިޔާޒާ ރޯންފެށިއެވެ. އެ ރުއިމުގައި އެއްވެސް އަސަރެއް ޖަޒުބާތެއް ނެތްކަން އަހަންނަށް އިހުސާސް ކުރެވުނެވެ. އަހަންނަށް ބެލުނީ ސީދާ ނިޔާޒާގެ މޫނަށެވެ. އޭނާ އުޅުނީ އަހަރެން ޖަޒުބާތީ އޮއިވަރެއްގައި ބަނދެލާން ހެން ހީވިއެވެ. އަހަރެން ރުޅިއަރުވާން އުޅޭހެން ވެސް ހީވިއެވެ. އެހެންވެ އަހަރެން ކެތްތެރިކަން އިސްކުރެވޭތޯ ބެލީމެވެ. ބަހެއް ނުބުނެ ހުރެވޭތޯ ބެލީމެވެ.

"އަނގައިން ވެސް ނުބުނެ އެބަހުއްޓެއްނު. ކަލޭ އަހަރެންނަށް މިހާ ބޮޑު ލަނޑެއް ދިނީ ކީއްވެ؟ އަހަންނަށް މިހެން ހެދީ ކީއްވެ؟ ރީތި އުފާވެރި ދިރިއުޅުމެއް ހޯދައި ނުދިނީ ކީއްވެ؟ އަހަންނަށް ދޭންޖެހޭ ޚިދުމަތްތައް ނުދީ އަހަރެން އަބަދު ބަލި އެނދުގައި ބޭއްވީ ކީއްވެ؟" ނިޔާޒާ އަހަރެންގެ މޭގައި އަތްއަޅައި ކޮށްޕާލިއެވެ.

ނުވިސްނާ ހުރުމުން އަހަރެން އެއްލިގެން ދިޔައެވެ. ބިންމައްޗަށް ނުވެއްޓުނީ ފާރުގައި ޖެހުމުންނެވެ.

"މިއަހަނީ ކީއްވެހޭ އަހަންނަށް ގޮތްގޮތް ތިހަނދަނީ؟ ކީއްވެހޭ އަހަންނަށް އަނިޔާ ކުރަނީ؟ ކީއްވެހޭ އަހަންނަށް ބޭނުންވާ ކަންކަން ކޮށް ނުދެނީ؟ މި އަހަނީ ކީއްވެހޭ އަހަންނަށް ކާން ނުދެނީ؟ ރީތި އަންނައުނު ނުދެނީ؟ އަހަންނަށް އުފާވެރި ދިރިއުޅުމެއް، ރީތި ގެއެއް ހޯދައި ނުދެނީ؟" ނިޔާޒާ އަހަރެން ގައިގައި ދެ އަތުން ތަޅައިގަތެވެ.

އޭނާ ރުޅި އައިސް ރަތްވަމުން ދިޔައެވެ. ދެ ލޯ ބޮޑުކޮށްލަމުން ދެ އަތުގެ އިނގިލިތައް ބުޅިކޮށްލިއެވެ. އަހަންނަށް ބަލައިލެވުނީ އޭނާގެ މޫނަށެވެ.

"ނިޔާޒާ! ހަމަޖެހިބަލަ. އަހަރެން މިއަންނަނީ ކާން ހިފައިގެން. އިހަށް ކެތްތެރިވެބަލަ. އަމިއްލަ ނަފުސު ކޮންޓްރޯލު ކުރަން ދަސްކޮށްބަލަ." ނިޔާޒާގެ ދެ އަތުގައި ހިފައިލަމުން އަހަރެން ލަސްލަހުން ބުނެލީމެވެ.

އަހަރެން ދެއްކި ވާހަކަތައް ނިޔާޒާއަށް އިވުނު ހެން ހިޔެއް ނުވެއެވެ. އޭނާ ދެ އަތުން ބޯ ހާވާލިއެވެ. އިނގިލިތައް ބުޅިކޮށްލަމުން އަހަންނާ ދިމާއަށް ފުއްމާގަތެވެ. އޭނާ ޖެހިގަތީ އަހަރެންގެ މޭ މައްޗަށެވެ. އަނެއްކާ ވެސް އަހަރެން އިދިފުށަށް ވެއްޓުނެވެ. މިފަހަރު ވެއްޓުނީ އެނދު މައްޗަށެވެ. އަހަރެންގެ މޭމައްޗަށް އޭނާ ޖެހިގަތެވެ. އަހަރެން ލައިގެން ހުރި ގަމީހަށް ދަމާގަތެވެ. ދަމައިގަތް ގޮތުން ގަމީހުގެ ގޮށްފައްޗަށް ދިމާއިން ރާންކިޔައިފަ އަޑެއް އިވުނެވެ.

ބުޅި ކޮށްލެވިފައިވާ އިނގިލިތަކުން އަހަރެންގެ މޫނުގައި ވަކި ދަމާލިއެވެ. ކޯތާފަތާ ދިމާއިން ތޫނު ތަދެއް އިހުސާސްކުރެވެން ފެށުނެވެ. އަހަރެން އުޅުނީ ނިޔާޒާ ހަމައަކަށް އެޅުވޭތޯއެވެ. އޭނާ ކިބައިން ސަލަމާތް ވެވޭތޯއެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރުގައި ޖަހައިލި އަޑު އިވުނެވެ. ނިޔާޒާއަށް ހަމަ ހޭވެރިކަން ވިއެވެ. އަވަސް އަވަހަށް އަހަރެން ގައިމަތިން އޭނާ އެއްފަރާތްކޮށްލީމެވެ. މަޑުމަޑުން ދޮރު ހުޅުވާލީމެވެ.
ކުރިމަތީގައި ހުރީ ސިނާނެވެ. ސިނާނުގެ ހުރީ ތަބަކެއް ހިފައިގެންނެވެ. ތަބަކުގައި އޮތީ އާވިއަރަ އަރާ ހުރި ކޮފީ ތަށްޓަކާއި ތާޒާ ބިސްގަނޑެކެވެ. ސިނާނު އަހަރެންގެ މޫނަށް ބަލައިލިއެވެ. އަހަންނަށް އެތެރެއަށް ނޭވާ ދަމާލެވުނެވެ. ބިސްގަނޑަށް ބަލައިލެވުނެވެ. އެއީ ޔަގީނުން ވެސް ސިނާނުގެ ކަމެއް ނޫނެވެ. އަނެއްކާ ވެސް ޝައްކުވެގެން ސިނާނުގެ މޫނަށް ބަލައިލީމެވެ. މި ކޮންކަމެއްހޭ އަހައިފަދަ ބީދައަކުންނެވެ. އަހަރެން ތަބަކުގައި ހިފަން އުޅެނިކޮށް ނިޔާޒާ އެތަނަށް ފުންމާ ގަތެވެ. އޭނާ އަވަސް އަވަހަށް ބިސްގަނޑު ނަގާ އެއް އަނގަށް ލައި ހަފާލިއެވެ. އަހަންނަށް ހުރެވުނީ ބަލާށެވެ. ނިޔާޒާގެ ހަރަކާތްތަކަށެވެ.

"އަމިއްލައަށްތަ ބިސްގަނޑު އެޅީ؟" އަހަންނަށް ވައި އަޑުން އަހައިލެވުނެވެ.

ސިނާނު ބޯ ހޫރައިލިއެވެ. އޭނާ އެއް ފަރާތަށް ޖެހިލިއެވެ. އަހަންނަށް ބަލައިލެވުނީ ސިނާނުގެ ފަހަތުގައި ހުރި މީހާ އަށެވެ. އެއީ އަހަރެން ދަންނަ މީހެއްހެން ހީވިއެވެ. ކަޅު ކުލައިގެ ގަޔަށް ދޫ ހެދުމެއް ލައިފައި ހުރި މީހެކެވެ. ބުރުގާ އޮތީ ރީތިކޮށް ބޮލުގައި އޮޅައިލާފައެވެ. ދޮން ބަށްޓެއް ފަދަ ރީތި މޫނެކެވެ. ހީވަނީ ކަޅު ވިލާގަނޑަކުން ހަނދު ދައްކާލައިފައި ހުރިހެންނެވެ. ކޮލުގައި މަސްޖަހައިލައިފައި ހުރީ ރީތި މިންވަރަކަށެވެ. އޭނާ ހިނިތުންވެލިއެވެ. އެ ހީނލުމުން ހިތަށް ފިނިކަން ލިބެމުން ދިޔައެވެ. ހީނލުމާއެކު ދެ ކޮލުން އަޑިކޮޅެއް ފާޅުވިއެވެ. އަހަންނަށް ޔަގީން ކުރެވުނުވެ.

"ފިނާ! ކިހިނެއް؟ ކޮންކަމެއް؟" ސުވާލުތަކާއެކު އަހަންނަށް ބަލަން ހުރެވުނީއެވެ.
ބަދަލުގައި ފިނާ ހިނިތުންވެލީއެވެ.
"ވަރަށް ހާލުގައި މި އުޅެނީ. ފިނާއަށް ތި ފެނުނީ ސަތޭކައަކުން ސުމެއް. ދެން އަމިއްލައަށް ވިސްނައިލަ، ތޭރަ އަހަރު އަހަރެން އުޅޭނެ ހާލު." ޖޯލިފަތީގައި ހަމަޖެހިލަމުން އަހަންނަށް ބުނެލެވުނެވެ. "ވަރަށް ވަރަށް ހިތްދަތި އިހުސާސެއް ކުރެވެނީ، އަހަންނަކަށް ނޭނގެ ކިޔައިދޭކަށް. ނިޔާޒާއަށް އަންނަ ބަދަލެއް. ބައެއް ފަހަރު ހީވާނެ ރޮލައި ކައިފާނެހެން. އަނެއްބައި ފަހަރު ވަޔަލެންޓުވެގެން އަހަރެން ގަޔަށް ބޮލަށް ވެސް އަރާނެ." (ނުނިމޭ)