ކުޅިވަރު

ލާޒިއޯއަށް ދާން ހަމަޖެހުނު ސިލްވާ ސޮސިއެޑާޑަށް

ލާޒިއޯއަށް ބަދަލުވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް މެންޗެސްޓާ ސިޓީގެ ޑޭވިޑް ސިލްވާ، ރެއާލް ސޮސިއެޑާޑަށް ސޮއި ކޮށްފި އެވެ.

މެންޗެސްޓާ އޮތް އޭނާގެ ކޮންޓްރެކްޓް ހަމަވުމުން ހިޅޭ ޓްރާންސްފާގައި ސިލްވާއަށް ކުލަބު ބަދަލު ކުރުމުގެ ފުރުސަތު އޮތުމުން އޭނާގެ ސޮއި ހޯދަން ލާޒިއޯއިން އޮތީ އެއްބަސް ވެފަ އެވެ. ދެހަފުތާ ކުރިން ލާޒިއޯ އާއެކު އަނގަަހުން، ސިލްވާ އެއްބަސް ވެފައި ވަނީ އެ ކުލަބާއެކު ތިން އަހަރުގެ އެއްބަސްވުމުގައި ސޮއި ކުރުމަށެވެ. އަދި އެ ކުލަބަށް އޭނާ ސޮއި ކުރުމުގެ ކުރިން ހައްދަން ޖެހޭ މެޑިކަލް ހަދައްވެސް، ރޯމަށް ދާ ގޮތަށްވެސް ކުރިން އޮތީ ހަމަޖައްސާފަ އެވެ.

މިއަދު ސޮސީއެޑާޑުން ވަނީ، ސްޕެއިންގެ މިޑްފީލްޑަރު އެ ކުލަބަށް ސޮއި ކޮށްފައިވާ ކަމަށް އިއުލާން ކޮށްފަ އެވެ. އޭނާ ވަނީ ދެ އަހަރުގެ އެއްބަސްވުމެއްގައި އެ ޓީމާއެކު ސޮއި ކޮށްފަ އެވެ. "އަހަރެމެން އުފަލާއެކު އިއުލާން ކުރަން ޑެވިޑް ސިލްވާ މި ކުލަބަށް ސޮއި ކޮށްފައިވާ ކަން،" ސޮސީޑާޑުގެ ސޯޝަލް މީޑިއާ އެކައުންޓަތަކުގައި ކުރި ޕޯސްޓްގައި ބުނެފައި އެވެ. "ހިލޭ ޓްރާންސްފާގެ ދަށުން މިކުލަބާ ގުޅި ކުޅުންތެރިޔާ ވަނީ ޖޫން 30 2022 ގެ ނިޔަލަށް މިކުލަބާއެކު ސޮއި ކޮށްފަ."

ލާޒިއޯ ބަދަލުވިނަމަ، އަންނަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގްގައި އޭނާ ކުޅެވޭނެ އެވެ. ލަލީގާގެ ހަ ވަނައިގައި ނިންމާލުމުން ސޮސިއެޑާޑް ވާދަ ކުރާނީ ޔޫރޮޕާ ލީގްގައެވެ. ސޮސިއެޑާޑުން ސިލްވާ،34 ގެ ސޮއި ހޯދީ، މިދިޔަ ސީޒަންގައި ލޯން އެއްބަސްވުމުގެ ދަށުން އެ ކުލަބަށް ކުޅުނު މިޑްފީލްޑާ މާޓިން އޮޑެގާޑް އަނބުރާ ގެންދިއުމަށް ރެއާލް މެޑްރިޑުން ނިންމުމުން، އެ މަގާމު ފޫބެއްދުމަށެވެ.

ސިޓީ އަށް 10 އަހަރު ވަންދެން ކުޅުނު ސިލްވާއަށް އިހްތިރާމް އަދާ ކުރުމުގެ ގޮތުން މެންޗެސްޓާ ސިޓީން ހަމަޖައްސާފައި ވަނީ، އެ ކުލަބުގެ އެކެޑެމީގެ ދަނޑުތަކުގެ ތެރެއިން އެއް ދަނޑަށް ސިލްވާގެ ނަމުން ނަން ދިނުމަށެވެ.