ކުޅިވަރު

ނިއުކާސަލް ގަންނަން ސިންގަޕޫރުގެ މަހުޖަނުން އާއިލާއެއް

ސައުދީގެ ޕަބްލިކް ފަންޑުން ނިއުކާސަލްގެ ބިޑު އަނބުރާ ގެންދިއުމުން ސިންގަޕޫރުގެ މަހުޖަނުންގެ އާއިލާއަކުން ނިއުކާސަލް ގަންނަން ހުށަހަޅައިފި އެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި މަރުކަޒީ އިދާރާ ގާއިމު ކޮށްފައިވާ ބެލެގްރާފް ނޯވާ ގުރޫޕު (ބީއެންޖީ) ގެ ވެރިން ކަމަށްވާ ސިންގަޕޫރުގެ ދެބެން ދެދަރި އާއިލާގެ ތިން ބެއިން، އެވާންގްލިން ޝެން އާއި ނެލްސަން އަދި ޓްރެންޗް ލޯ ވަނީ ނިއުކާސަލް ގަންނަން ޝައުގުވެރިވާކަން އެ ކުލަބުގެ މިހާރުގެ ރައީސް މައިކް އެޝްލީއަށް އަންގާފަ އެވެ.

ބީއެންޖީން ގުރޫޕްގެ ފަރާތުން އެ ހުށަހެޅުމަށް މެދުވެރި ކުރީ ނިއުކާސަލް ލެޖެންޑް އެލަން ޝިއޭރާ އާއި މިޝޭލް ޗޮޕްރާ އެވެ. ކުރީގެ އެ ދެ ކުޅުންތެރިން ވަނީ ބީއެން ގުރޫޕްގެ ރަސްމީ ލިޔުން ނިއުކާސަލްއަށް ހުށަހަޅާފަ އެވެ. އެ ގުރޫޕުން ނިއުކާސަލް ގަންނަން ހުށަހަޅަނީ 280 މިލިއަން ޕައުންޑަށެވެ.

ނިއުކާސަލްގެ ސަޕޯޓަރެއް ކަމަށްވާ، އިނގިރޭސި ވިލާތުގެ އަންހެން މަހުޖަނެއް ކަމަށް އާމަންޑާ ސްޓޭވްލީ ވަނީ ސައުދީގެ ބިޑްގައި ބޮޑު ދައުރެއް އަދާ ކޮށްފަ އެވެ. އޭނާ ހިމެނޭ ކޮންސޯޓިއަމްއިން އަނބުރާ ބިޑް ގެންދިޔައީ ޕްރިމިއާ ލީގުން އެ ބިޑް ބަލައިގަތުމަށް ދެކޮޅުކަން ނުސީދާކޮށް އެނގުމުންނެވެ. ބިޑް ހުށަހެޅިތާ ހަތަރު މަސްވީއރު ވެސް އެ ބިޑް ރަޖިސްޓްރީ ކުރުމަށް ކުރިއަށްދާ އެއްވެސް މަރުހަލާއެއް ޕްރިމިއާ ލީގުން އަންގާފައެއް ނުވެ އެވެ.

ސައުދީގެ ބިޑް ބަލައި ނުގަތުމަށް އެމެނެސްޓީ އިންޓަނޭޝަނަލް އާއި ޕްރިމިއާ ލީގްގެ ބޮރޑްކާސްޓިން ޕާޓްނަރު، ގަތަރުގެ ބީއިން ސްޕޯޓްސްއިން ވަނީ، ޕްރިމިއާ ލީގްގެ ކިބައިން އެދިފަ އެވެ.