ހަބަރު

އަމީން ވަނީ މަޖިލީހުގެ އިމްތިޔާޒަށް އަރައިވަޑައިގަންނަވާފައި: ނަޝީދު

Aug 19, 2020
4

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ގެންނަން ދުބާއީ ކުންފުންޏަކާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ރެކަމެންޑުކޮށްގެންކަމަށް ވިދާޅުވެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާ ފަށުމުގެ ގޮތުން، ރިޔާސަތުން ހުށަހަޅުއްވައި ކަންކަމުގެ ތެރޭގައި ނަޝީދު ވަނީ މިދިއަ އޭޕްރީލް މަހު އަމީން ސޮއި ކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީ އިއްވަވައިފަ އެވެ. އޭގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާ 75 ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ ރާއްޖޭގައި ހުންނަ ޑަބްލިޔުއެޗްއޯ އޮފީހުގެ އިތުރުން ދުބާއީގައި ހުންނަ އެ ޖަމިއްޔާގެ އޮފީހުން ރެކަމެންޑުކޮށްގެން ކަމަށް ބަޔާންކޮށްފައިވާކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ އޮޑިޓް ރިޕޯޓުގައި ޑަބްލިޔުއެޗްއޯ އިން އެއްވެސް ކުންފުންޏެއް ރެކަމެންޑުކޮށްފައިނުވާކަން ވަރަށް ސާފުކޮށް ބުނެފައިވާކަމަށް ވިދާޅުވެ، ނަޝީދު ވަނީ އެ ރިޕޯޓުގައި އެ ވާހަކަ ހިމަނާފައިވާ ބައި އަމީންއާއްމު މެދުވެރިކޮށް މަޖިލީހަށް އިއްވަވައިފަ އެވެ.

"މީގެން ވަރަށް ސާފު ހެލްތު މިނިސްޓަރު ވަނީ މަޖިލީހުގެ އިމްތިޔާޒަށް އަރައިވަޑައިގެންފައިކަން،" އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ފޮނުއްވަމުން ނަޝީދު ވިދާޅުވި އެވެ.

މުޅި މަޖިލީހަށް ނުވަތަ ކޮމެޓީއަކަށް، ގަސްތުގައި ކަމެއް އޮޅުވާލުމަކީ ކުށެއް ކަމަށް ކަނޑައަޅައި އެކުށުގެ އަދަބެއްގެ ގޮތުން 3000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނޫން ނަމަ ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރެކަމެންޑުކޮށްގެން ކަން ދައްކަން ލިއެކިއުންތަކުގައި މަސައްކަތްކޮށްފައިވާކަމަށް ރިޕޯޓުގައި ހާމަވެފައިވާއިރު، ޖުމްލަ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ.

ނަމަވެސް، ދައުލަތުން ބޮޑު ހޭދައެއް ކުރާ ގޮތަށް ދުބާއީގެ ކުންފުންޏާ އެކު އެއްބަސްވުމެއް ހެދިއިރު އެންމެ ކުޑަމިނުން އެ ކުންފުންޏަކީ މާލީ ގޮތުންނާއި ފަންނީ ގާބިލްކަން ހުރި ކުންފުންޏެއްތޯ ވެސް ހެލްތު މިނިސްޓްރީން ބަލައިފައެއް ނުވެ އެވެ. އެ ކުންފުނިން ހުށަހެޅި މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއްތޯ ވެސް ހެލްތު މިނިސްޓްރީން ބަލައިފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިހާރު މަސައްކަތުން އަމިއްލައަށް އެކަހެރިވެވަޑައިގެންފައިވާއިރު، އެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވި މިނިސްޓްރީގެ އިސް ބޭފުޅުންނާއި ބިޑް ކޮމިޓީގެ މެންބަރުން މިހާރު ވަނީ ސަސްޕެންޑުކޮށްފަ އެވެ.