ނިމިދިޔަ ސީޒަނަކީ ބާސާއިން ހުސް އަތާ ސީޒަން ނިންމާލަން ޖެހުނު އަހަރެކެވެ. ގާތްގަނޑަކަށް 12 އަހަރަށް ފަހު ތައްޓެއް ނުލިބި އެ ޓީމުން ސީޒަން ނިންމާލަން ޖެހުނީ އެވެ. ކަންކަން ގޯހަށް ދަމުން ގޮސް ފަހުގެ ތާރީހުގައި ބާސާއަށް ކުރިމަތިލާން ނުޖެހޭ ފަދަ ލަދުވެތި ނަތީޖާތަކެއް އެ ޓީމަށް ކުރިމަތިވީ އެވެ. ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި، ބަޔާން މިޔުނިކުން ބާސާ ކޮޅަށް އަށް ލަނޑު ޖަހާނެ ކަމަކަށް ލަފާވެސް ކުރެވިފައެއް ނެތެވެ. ކުލަބަށް ބޮޑު ބަދަލެއް ގެންނަން ޖެހޭކަން ކިރިޔާ ވެސް ރޭކާލީ އެ މެޗުގައި ކުރިމަތިވި ހިތްދަތި ނަތީޖާއިންނެވެ. ވަގުތުން ބަދަލުތައް ގެންނަން ފެށުނެވެ.
ޓީމުގެ ކޯޗަކަށް ހުރި، ކީކޭ ސެޓިއެން އާ ހަމައިން ފެށި ބަދަލުތައް ގޮސް ނިމެނީ، މުޅި ބާސާ އޯވަހޯލް ކުރުމުގެ މައްޗަށެވެ. ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓަމެއުގެ ބަހުންނަމަ. ކުލަބުގެ ބަދަތުތަކަކީ އާ އިސްލާހީ އެޖެންޑާގެ ދަށުން ގެންނަ ބަދަލު ތަކެވެ. ސެޓިއެންގެ ކޯޗުން ސްޓާފުންނާއި ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިންނާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަން ނިމުމަކަށް ގެންނަން ޖެހޭ ކަން މާ ކުރިން ވެސް އޮތީ އެނގިފަ އެވެ. ބަޔާންގެ މެޗުގެ ކުރިން ވެސް ބާސާއިން ވަނީ، ސެޓިއެން ވަކި ކުރަން ނިންމާފަ އެވެ. އޭރު ނުނިމި އޮތް ކަމަކީ އެކަން ކުރާނީ ކޮން ވަގުތެއްގައި ކަމެވެ.
ކޯޗް އެކަނި ބަދަލު ކުރުމުން އިސްލާހީ އެޖެންޑާގެ މަސައްކަތް ނިމޭކަށް ނެތެވެ. ބާޓޮމެއުގެ ޑިރެކްޓަރުންގެ ޓީމުން ދެން ވަދެގަތީ ޓީމުގެ މެނޭޖުމެންޓްގެ އެތެރެއަށެވެ. ޓީމުގެ ސްޕޯޓިން ޑައިރެކްޓަރުގެ މަގާމުގައި ހުރި ކުރިގެ ޑިފެންޑަރު އެރިކް އަބިޑާލް، އިއްޔެ ވަނީ މަގާމުން ވަކި ކޮށްފަ އެވެ. އެއީ މެނޭޖުމެންޓަށް ގެންނަން ފަށާ ބަދަލުތަކުގެ ފުރަތަމަ ފިޔަވަޅެވެ.
މިހާރު ގެންނަން ފަށާފައިވާ ބަދަލުތަކުން ފެންނަމުންދާ މަންޒަރަކީ، ބާސާގެ ލެޖެންޑަރީ ކޯޗް ގާޑިއޯލާގެ ދައުރަށް ފަހު ބާސާއަށް ގެންނާނެ އެންމެ ބޮޑު އިސްލާހީ އެޖެންޑާއަށް މިފަހަރުގެ ބަދަލުތައް ވާނެ ކަމެވެ. މީގެ ކުރިން މިވަރުގެ ބޮޑެތި ބަދަލުތަކެއް ބާސާއިން ގެނައީ، ކުރީގެ ކޯޗް ފްރޭންކް ރައިކާޑް 2008 ވަނަ އަހަރު މަގާމު ދޫކޮށްލުމުން، ބީ ޓީމުގައި ހުރި ޒުވާން ކޯޗް ގާޑިއޯލާ، ސީނިއާ ޓީމުގެ ކޯޗް ކަމަށް ގެނައި ހިސާބުންނެވެ. މި ފަހަރުގެ ބަދަލުތަކަކީ ބާޓޮމެއުގެ ޗެއާމަންޝިޕްގެ ދަށުން ބާސާއަށް ގެންނާނެ އެންމެ ބޮޑެތި އިސްލާހް ތަކެވެ.
ބާސާގެ ކޯޗަކަށް، ރޮނަލްޑް ކޫމަން ގެންނަން ނިންމާފައިވާ ކަމުގެ ކަށަވަރުކަން ބާޓޮމެއު ދެއްވި އެވެ. "ކޫމަންގެ ޕްރޮޖެކްޓްގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް މެސީ ވާނެ." ކަމަށް، ކޫމަން އާ ހަވާލާދީ ބާޓޮމެއު ވިދާޅުވި އެވެ. އަންނަ އަހަރު ކޮންޓްރެކްޓް ހަމާވާ ޓީމުގެ ކެޕްޓަން މެސީ ކޮންޓްރެކްޓް އާ ކުރާނެ ކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދޭން ބާޓޮމެއު ބޭނުން ވެއެވެ.
ކޫމަންގެ ޕްލޭނަށް ނުފެތޭ ކުޅުންތެރިން ކުލަބުން ވިއްކާލާނެ ކަމަށް ބެލެވެ އެވެ. އެކަމުގެ އިޝާރާތެއް ބާޓޮމެއު ރޭ ވަނީ ދެއްވާފަ އެވެ.
"ވިއްކާ ނުލާނެ ކުޅުންތެރިންނަކީ ލިއޯ މެސީ، އޭނާއަށް ވެސް އެކަން އެނގޭނެ، އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ،" ޓީމުން ވިއްކާ ނުލާނެ ކުޅުންތެރިންގެ ލިސްޓެއް ފާހަގަ ކުރައްވަމުން، ރޭ ބާސާގެ ޓީވީގައި ވާހަކަ ދައްކަމުން ބާޓޮމެއު ވިދާޅުވި އެވެ.
ވިއްކާ ނުލާނެ ކުޅުންތެރިންގެ ތެރޭގައި، ނަން ފާހަގަ ނުކުރާ ބާސާ ވަންތަ ކުޅުންތެރިތަކެއް ވެސް ހިމެނެ އެވެ. ފަހަރެއްގައި އެ ކުޅުންތެރިންނަކީ ކޫމަންގެ ޕްރޮޖެކްޓްގައި ނުހިމެނޭ ކުޅުންތެރިންނަށް ވެދާނެ އެވެ. އެ ކުޅުންތެރިންނަކީ، ޓީމުގެ ވައިސް ކެޕްޓަން ސާޖިއޯ ބުސްކެޓްސް، ޖޯޑީ އަލްބާ، ޖެރާޑް ޕީކޭ، އީވާން ރެކިޓިޗް، އާޓޫރޯ ވިޑާލް އަދި ލުއިސް ސުއަރޭޒް އެވެ.
އެ ކުޅުންތެރިން ވިއްކާލުމަށް ފަހު، ހޯދާ ފައިސާއިން އެ މަގާމުތައް ފޫބެއްދުމަށް އެހެން ކުޅުންތެރިން ގަތުމުގެ ވިސްނުން ބާސާއިން ގެންގުޅޭކަމުގެ ވާހަކަތަކެއްވެސް މިޑިއާގައި ވަނީ ގަދަ ވެފަ އެވެ. އެކަން އެނގޭ ސަބަބަކީ ބުސްކެޓްސްގެ ބަދަލުގައި އަޔެކްސްގެ ޑޮނީ ވެންޑަބީކް އަށް ބާސާއިން ޝައުގުވެރިކަން އޮތުމެވެ. ވެންޑަ ބީކް ގަތުމުގެ ޝައުގުވެރިކަން ކުރިން ގެންގުޅުނީ ބާސާގެ ވާދަ ވެރިޔާ ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑުންނެވެ.
ރެއާލްއިން ވަނީ ކުރިއަށް ޓްރާންސްފާގައި ހަރަދު ނުކުރާނެ ކަމަށް ބުނެފަ އެވެ. އެކަށީގެންވާ އަގެއް ލިބިއްޖެނަމަ ވެންޑެބީކް ދޫކޮށްލަން އަޔެކްސްއިން އޮތީ ތައްޔާރަށް ކަމަށް، އެ ކުލަބުގެ ސީއީއޯ އަދި ކުރީގެ ކީޕަރު އެޑްވެން ވެންޑަސާ ވަނީ ބުނެފަ އެވެ. ބާސާ އާއި އަޔެކްސް އާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން ރަނގަޅު ބާގެއިންއެއް ދެ ކުލަބުގެ ދެމެދުގައި ހެދުމުގެ ފުރުސަތު ބޮޑެވެ. ވެންޑެބީކް ގެނެވިއްޖެނަމަ މިޑްފީލްޑްގައި ރަނގަޅު ކޮމްބިނޭޝަންއެއް ބާސާއަށް އުފެއްދިދާނެ އެވެ. ޑިޔޯންގް އާއި ވެންޑެބީކްއަކީ މީގެ ކުރިން އަޔެކްސްގައި އެއްކޮށް ކުޅެ އެ ދެ ކުޅުންތެރިންގެ ކޮމްބިނޭޝަންގެ އެކިއުރޭޓްކަން ސާބިތު ކޮށްދީފައިވާ ދެ މިޑްފީލްޑަރުންނެވެ. ބާސާގެ ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ، ޒަވީ ހެނާންޑޭޒް އާއި އަންޑްރޭ އިނިއެސްޓާއާ ދެމެދު ފެނުނު ގުޅުމަކަށް ވެންޑަބީކް އާއި ޑިޔޯންގްގެ ކޮމްބިނޭޝަން ވެދާނެ އެވެ.
ކޫމަން އަކީ ބާސާގެ މީހެކެވެ. ބާސާއަށް ކުޅުނު މިޑްފީލްޑަރެވެ. ބާސާގައި ހިލޭ ޖެހުންތަކުން އޭނާ ޖަހައިދިން ލަނޑުތަކަކީ ބާސާގެ ދުވަސްވީ ސަޕޯޓަރުން މިހާރުވެސް ހަނދާން ހުންނާނެ މޮމެންޓްތަކެކެވެ. ބާސާގައި ލުއިސް ވެންހާލްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކޫމަން މަސައްކަތް ކުރި އެވެ. ބާސާގެ ޓޭސްޓް އޭނާގެ ކިބައިގައި ހުންނާނެ އެވެ. މިއީ ރަނގަޅު ދިމާލަކަށް ގެންދިއުމުގެ ފެށުމެކެވެ.
ކުލަބުގެ ކުރީގެ ރައީސް ހުއާން ލަޕޯޓާގެ ދައުރުގައި، ބާސާގެ ޓީމު ބިނާ ކުރަން އޭނާ ގެނައީ ރައިކާޑެވެ. އެއީ ބާސާ މިދެކޭ ޒަމާނީ ބަދަލެއްގެ ފެށުމެވެ. ޕްރީ ގާޑިއޯލާގެ ކުރިން ބާސާގެ ސަޕޯޓަރުންގެ ލޯބި ހޯދި ކޯޗަކީ ރައިކާޑެވެ. އެއީ ލިއޮނަލް މެސީގެވެސް ކުރި އެވެ. ކޯޗިން ފިލޯސަފީގައި ހޮލެންޑްގެ ރައިކާޑާއި ކޫމަންއަކީ އެއް ވިސްނުމުގެ ދެ ކޯޗުންނެނެވެ. ކޫމަން ބާސާގެ އެސިސްޓެންޓަކަށް ހުރިއިރު ބާސާއަށް ކުޅުނު ކުރީގެ އެޓޭކިން މިޑްފީލްޑާ ބްރެޒިލްގެ ރިވާލްޑޯ ބުނީ ކޫމަންއަށް ވަގުތު ބޭނުންވާނެ ކަމަށާއި އެ ވަގުތު ދީފިނަމަ އޭނާއަށް ރަނގަޅު މަސައްކަތެއް ކުރެވޭނެ ކަމަށެވެ. އެހެންވެ ކެތްތެރި ކަމާއެކު ކޫމަންއަށް ވަގުތު ދިނުމުގެ މުހިންމުކަން ރިވާލްޑޯ ފާހަގަ ކުރި އެވެ.
ޓެކްނިކަލް ބަދަލުތަކުން އެކަނި ބާސާގެ އިސްލާހީ އެޖެންޑާ ނިމޭކަށް ނެތެވެ. ކުލަބުގެ މިހާރުގެ އޮތް ބޯޑާމެދު ސަޕޯޓަރުން ނުރުހުން އެބައޮތެވެ. ކުލަބުގެ ރައީސް ބާޓޮމެއު މަގާމުން ދުރު ކުރުމުގެ މަސައްކަތްތަކެއް ސަޕޯޓަރުންގެ ގުރޫޕަކުން ވަނީ ފަށާފަ އެވެ. ކުރިން، އަންނަ އަހަރު ޖޫންއަށް ތާވަލު ކޮށްފައިވާ އިންތިހާބު މިހާރު ވަނީ މާޗް މަހު 15 އަށް އަވަސް ކޮށްފަ އެވެ. ބާޓޮމެއު އިންތިހާބުގައި ކުރިމަތިލާނެ ކަމަށް ބެލެވޭއިރު އޭނާ އާ ވާދަ ކުރަން ނުކުންނާނެ އެންމެ ވަރުގަދަ ކެނޑިޑޭޓަކީ ކުރީގެ ރައީސް ލަޕޯޓާ އެވެ. ކަޓަލާންގެ ވިޔާފާރިވެރިއެއް ކަމަށްވާ ވިކްޓާ ފޮންޓްވެސް ވަނީ "ޔެސް ފޯދަ ފިއުޗާ" ގެ ނަމުގައި ކެމްޕޭނެއް ލޯންޗު ކޮށް ބާސާގެ ރައީސް ކަމަށް ކުރިމަތިލާނެ ކަމަށް އިއުލާން ކޮށްފަ އެވެ. ބާޓޮމެއު ނޫން ކޮންމެ މީހެއްވެސް ބާސާގެ ސަޕޯޓަރުންނަށް ރަނގަޅެވެ.