ދުނިޔެ

ގެބެނުންދިޔަ ދެމީހަކު ސަލާމަތްކުރަން އެހީވީ ޕޯޗްގަލްގެ ރައީސް

ބަންޑުން ޖަހާލުމުގެ ސަބަބުން މޫދަށް ވެއްޓި ލޮނު ބޮވެމުންދިޔަ ދެ އަންހެނަކު ސަލާމަތްކުރުމުގައި ޕޯޗްގަލްގެ ރައީސް މާސެލޯ ރެބެލޯ ޑެ ސޫސާ އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފި އެވެ. މި ކަޔަކް ބަންޑުން ޖަހާލީ ޕޯޗްގަލްގެ އަލްގާވް ބީޗާ އިންވެގެން އޮތް މޫދުގެ ސަރަހައްދަކަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި ކަޔަކް ބަންޑުން ޖަހާލުމުން ދެ އަންހެނުން މޫދަށް ވެއްޓި ސަލާމަތް ނުވެވިގެން އުޅޭ މަންޒަރު 71 އަހަރުގެ ރައީސަށް ފެނިވަޑައިގަތުމާއެކު ވަގުތުން މޫދަށް ފުންމާލައްވައި އެ ދިމާލަށް ފައްތަވަން ފެއްޓެވި ކަމަށް ބީބީސީން ބުނެފައި ވެއެވެ

މި ހާދިސާއަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަމުން ޕޯޗްގަލްގެ ރައީސް ވިދާޅުވީ އެ މީހުންނަކީ އެހެން ބީޗަކުން އޮޔާ ދަމައިގަނެގެން އަލްގާވް ބީޗަށް އާދެވުނު ދެ މީހުން ކަމަށެވެ. އެ މަނިކުފާނަށް ވަޑައިގެންނެވުނުއިރު އެ ދެ އަންހެނުން ގެނބިގެން އަޑިއަށް ނުގޮސް ތިބުމަށް މަސައްކަތް ކުރަމުން ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.

ޕޯޗްގަލްގެ ރައީސް މިހާރު ދަނީ އަލްގާވްގައި ޗުއްޓީ ހޭދަ ކުރައްވަމުންނެވެ. އެއީ އެ ގައުމުގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ކުރައްވާ މަސައްކަތްޕުޅުތަކެއްގެ ދަށުން ހޭދަ ކުރައްވާ ޗުއްޓީ އެކެވެ. ޕޯޗްގަލްގެ އިގްތިސާދު މުޅިން ބަރޯސާވެފައި ވަނީ ޓޫރިޒަމަށް ކަމުން ކޮރޯނާވައިރަހުގެ ބަލިމަޑުކަމާއެކު އިގްތިސޯދަށް ވަނީ ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވެފަ އެވެ.

ދެ އަންހެނުން މޫދަށް ވެއްޓި ލޮނު ބޮވޭ ތަން ފެނިވަޑައިގެންނެވިއިރު ޕޯޗްގަލްގެ ރައީސް، ނޫސްވެރިންނަށް އިންޓަވިއު ދެއްވާ ނިންމާލެއްވިތާ މާ ގިނައިރެއް ނުވެ އެވެ. އެމަނިކުފާނު މޫދަށް ފުންމާލައްވައިގެން ބަންޑުންޖަހާލާފައިވާ ކަޔަކް އާ ދިމާލަށް ފައްތަވާ މަންޒަރުގެ ވީޑިއޯ ފުޓޭޖް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ. ޕޯޗްގަލްގެ ރައީސަށް ކަޔަކް ބަންޑުން ޖަހާލި ހިސާބަށް ވަޑައިގެންނެވިއިރު އެހެން މީހަކު މާ ކުރިން އެ ހިސާބަށް ގޮސް ހުއްޓެވެ. އަދި ޖެޓް ސްކީ ދުއްވަން އުޅުނު މީހަކުވެސް ވަގުތުން އެ ތަނަށް ކައިރިކޮށް އެހީތެރިކަން ފޯރުކޮށްދިނެވެ.

ޖެޓް ސްކީގައި އިންމީހާ ވަނީ ކަޔަކް ޓޯ ކޮށްގެން އެއްގަމަށް އަރުވާފަ އެވެ. ދެ މީހުން ސަލާމަތުން އެއްގަމަށް އެރުވުމަށްފަހު ނޫސްވެރިންނާ ވާޙަކަ ދައްކަމުން ޕޯޗްގަލްގެ ރައީސް ވަނީ މޫދުގައި އެކި ކުޅިވަރުތައް ކުޅެ އުޅޭ މީހުން މިހާރަށް ވުރެ ފަރުވާތެރިވުމަށް އިލްތިމާސް ކުރައްވާފަ އެވެ.