ވިލިމާލޭގައި ހުންނަ ކޯސްޓް ގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގައި، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް އަހުމަދު ޝިޔާމްގެ ބައްޕާފުޅު، ދިރިއުޅުއްވެވި މައްސަލާގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމި ނިންމުން އަލުން ރިވުއުކޮށް އާ ތަހުގީގެއް ފަށައިފި އެވެ.
އޭސީސީގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މަނިކު އަވަސް އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ކުރީގެ ޑިފެންސް ޗީފް، ޝިޔާމްގެ ބައްޕާފުޅު، އަދި ފިލްމީ ތަރި، އިބްރާހިމް ޝާކިރު (ޝާކިރުބެ) ސިފައިންގެ މަރުކަޒެއްގައި ދިރިއުޅުއްވި މައްސަލާގައި ކޮރަޕްޝަނެއް ނެތް ކަމަށް ނިންމާފައި ވަނިކޮށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ މައްސަލައިގެ ތަފްސީލު ބޭނުން ވާތީ އާއި މައްސަލަ އަލުން ބަލައި ދިނުމަށް އެދުމުން ރީ އޯޕަން ކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކޮރަޕްޝަންގެ އަމަލެއް އެ މައްސަލައިގައި ނެތް ކަމަށް ރިޕޯޓު ނިންމާފައިވީ ނަމަވެސް އެކަމުގައި ޝައްކުތަކެއްވުމާ ގުޅިގެން އެ ކޮމިޝަނުގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން މައްސަލަ އަލުން ތަހުގީގު ކުރަން މީގެ ކުރިންވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ޕީޖީ އޮފީހުގެ އެދުމުގެ މަތިން މި މައްސަލަ ދެފުށް ފެންނަ ގޮތަށް އިންސާފްވެރި ކަމާއެކު ތަހުގީގުކޮށް ބަލައިދިނުމަށް މިހާރު އެހެން ޓީމަކާއި މިހާރު ހަވާލުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކޯސްޓްގާޑް ބިލްޑިންގައި ޝިޔާމްގެ ބައްޕާފުޅު ދިރިއުޅުއްވަމުން ގެންދެވީ 2017 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށެވެ.
މި މައްސަލަ އޭސީސީން ތަހްގީގު ކުރުމަށް ފަހު ނިންމާފައިވަނީ މިކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނެތް ކަމަށެވެ. އޭސީސީން ތަހްގީގުކޮށް އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އިމާރާތް ހުންނަ ގޯތީގައިވާ ވީއައިޕީ ގޭގައި މޭޖާ ޖެނެރަލް ޝިޔާމްގެ ބައްޕާފުޅު ހުންނެވި ކަމަށެވެ. އަދި އެތަނުގައި ދިރިއުޅުން ހަމަޖެހުނީ އޭރު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ޝިޔާމްގެ އެންގެވުމުގެ މަތިން ކަން އެނގޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ސިފައިންގޭގައި އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ވީއައިޕީ ގޭގައި ޗީފް އޮފް ޑިފެންސް ފޯސް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި ކޯސްޓްގާޑްގެ ކޮމާންޑަރު އަންގާ ގޮތެއްގެ މަތިން އެކި މީހުން ހުރުމުގެ ކަންތައް ހަމަޖެހޭނެ ކަމަށް ކޮމިޝަނަށް ލިބިފައިވާ ލިޔެކިޔުންތަކުންނާއި ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އެނގެން އޮންނަ ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައިވެ އެވެ. އެހެންކަމުން ޝިޔާމްގެ ބައްޕާފުޅު އެތާނގައި ދިރިއުޅެއްވީ ނާޖާއިޒް ފައިދާއެއް ހޯދުމުގެ މަގުސަދުގައި ނޫން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.