މާޒިޔާ

އުމޭރު އެނބުރި މާޒިޔާއަށް

މިދިޔަ ސީޒަންގައި ކުލަބު ގްރީން ސްޓްރީޓަށް ކުޅުނު މުހައްމަދު އުމޭރު އަލުން މާޒިޔާއަށް ސޮއި ކޮށްފި އެވެ.

އުމޭރު މާޒިޔާ ދޫކޮށްލީ 2018 ވަނަ އަހަރު އެވެ. އެ އަހަރު އޭނާ ކުޅުނީ ނިއު ރޭޑިއަންޓަށެވެ. އަދި މިދިޔަ ސީޒަންގައި ގްރީން ސްޓްރީޓަށް ސޮއި ކުރީ އަލީ އަޝްފާގް (ދަގަނޑޭ) އާއެކު އެވެ. އޭއެފްސީ ކަޕަށް އަޝްފާގް ޓީސީއަށް ބަދަލުވި އެވެ. ސީޒަން ނިމެންދެން އުމޭރު މަޑު ކުރީ ގްރީން ގަ އެވެ.

ކޮވިޑް-19 އާ ގުޅިގެން މާޗް މަހު މެދުކަނޑާލި އޭއެފްސީ ކަޕް އޮކްޓޯބަރު މަހު އަލުން ފެށުމުގެ ކުރިން، އޭއެފްސީން ވަނީ އަލުން ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތެއް ކުލަބުތަކަށް ދީފަ އެވެ. މާޒިޔާއިން އުމޭރު ސޮއި ކުރުވީ އޭއެފްސީ ކަޕަށާއި އަންނަ އަހަރުގެ ސީޒަނަށެވެ. އޭނާ އަކީ އަންނަ ސީޒަނަށް މާޒިޔާއިން ސޮއި ކުރުވީ ފުރަތަމަ ލޯކަލް ކުޅުންތެރިޔާ އެވެ.

ގައުމީ ޓީމުގެ މިހާރުގެ އެސިސްޓެންޓް ކޯޗް އަލީ ސުޒޭންގެ ކޯޗް ކަމުގައި މާޒިޔާއިން 2016 ވަނަ އަހަރު ފުރަތަމަ ފަހަރަށް، ދިވެހި ޕްރިިއާ ލީގް ޗެމްޕިއަންކަން ހޯދިއިރު އުމޭރު އަކީ އެ ޓީމުގެ މުހިންމު ކުޅުންތެރިޔަކެވެ. މާޒިޔާގެ އެޓޭކުގައި އުމޭރު އާއި ކެޕްޓަން އަސަދުﷲ އަބްދުﷲ ގެ ކޮމްބިނޭޝަން އޭރު ވަރަށް ބޮޑަށް ފަހާގަ ކުރެވުނެވެ.

ޑިފެންޑަރެއްގެ ގޮތުގައި 2006 ވަނަ އަހަރު ވިކްޓަރީން ކެރިއާ ފެށި ލ. ކުނަހަންދޫއަށް އުފަން ކުޅުންތެރިޔާ އަކީ އޭޓޭކިން މިޑްފީލްޑަރުގެ މަގާމަށްވެސް މޮޅަށް ކުޅެވޭ ކުޅުންތެރިޔެކެވެ. ގާތްގަނޑަކަށް ދެ އަހަރަށް ފަހު މި އަހަރު އޭނާ ވަނީ ފުރަތަމަ ފަހަރަށް ގައުމީ ޓީމުގައި ހިމަނާފަ އެވެ. އޭނާ ގައުމީ ޓީމުން އެކަހެރި ކުރީ ކޯރީގެ ކޯޗް ޕީާޓ ޝެގަޓް އެވެ. ސާފް ޗެމްޕިއަންޝިޕްގެ ފައިނަލު ސްކޮޑުން އުމޭރު ބާކީ ކުރީ އަނިޔާގައި ހުރުމުން ކަމަށް އޭރު ބުނި ނަމަވެސް، ފަހުން އެނގުނީ މުބާރާތުގައި ކުޅެވޭ ވަރަށް އުމޭރު ފިޓްކޮށް ހުރި ކަމަށެވެ.