ހަބަރު

ދާރުލްއާސާރުގެ ކޮންސެޕްޓް ތައްޔާރުކުރާނެ ބަޔަކު ހޯދަނީ

ގައުމީ ދާރުލްއާސާރު ތަރައްގީ ކުރަން ބޭނުންވާ ކޮންސެޕްޓް ތައްޔާރުކޮށް ދޭނެ ފަރާތެއް ހޯދަން ސަރުކާރުން އިއުލާނެއް ކޮށްފި އެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ކޮށްފައިވާ އެ އިއުލާނުގައި ބުނެފައި ވަނީ ދާރުލްއާސާރު، ޒަމާނާ އެއްގޮތަށް ތަރައްގީ ކުރުމަށް އެ މަރުކަޒުން ބޭނުންވާތީ، އެކަމަށް ބޭނުންވާ ކޮންސެޕްޓް ތައްޔާރުކޮ ށްދޭނެ ފަރާތެއް ހޯދާ ކަމަށެވެ.

މިއީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކުރި ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން އެ މަރުކަޒުން ކޮށްފައިވާ އިއުލާންތައް ބާތިލް ކޮށްފައިވަނީ އެކަމަށް އެދި ހުށަހެޅި އަންދާސީ ހިސާބުތައް ފުރުިހަމަ ނުވުމުންނެވެ.

މި އިއުލާނުގައި ބުނެފައިވަނީ މިކަމަށް ޝައުގުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. އެގޮތުން މިކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން މި މަހުގެ 30 ވަނަ ދުވަހުގެ 11:00 ގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގައި އޮންނާނެ ކަމަށާއި އަންނަ މަހުގެ 13 ވަނަ ދުވަހު މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.

މިހާރު މަލޭގައި ހުންނަ ގައުމީ ދާރުލް އާސާރަކީ ޗައިނާ ސަރުކާރުން ކުރީގެ އިންޑޯ ސްޓޭޑިއަމްގެ ބިމުގައި ހަދައިދީފައިވާ އިމާރާތެކެވެ.