ފިރިމީހާ އަދި އެކްޓަރު ރިޝީ ކަޕޫރު މަރުވުމަށް ފަހު ނީތޫ ކަޕޫރު (ނީތޫ ސިންގް) އަނެއްކާވެސް ފިލްމީ މަސައްކަތަށް ނުކުމެއްޖެ އެވެ. ރިޝީ ދުނިޔޭގައި ހުރި އިރުވެސް ނީތޫ މަދުމަދުން ފިލްމުތަކުގައި ބައިވެރިވެފައި ވެއެވެ. ނަމަވެސް އޭރު އޭނާ ގަބޫލު ކުރަނީ ވަރަށް މޮޅު ރޯލުތައް ހިމެނޭ މަދު ފިލްމުތަކެކެވެ.
އެގޮތުން 2009 ގައި ރިލީޒްކުރި "ލަވް އާޖް ކަލް" ގައި ނީތޫ ބައިވެރިވި އެވެ. އަދި "ދޯ ދުނި ޗާރް" ކިޔާ ފިލްމެއް ވެސް އޭގެ ފަހުން ކުޅުނެވެ. ނީތޫ އެންމެ ފަހުން ފެނިފައި ވަނީ މީގެ ފަސް ވަރަކަށް އަހަރު ކުރިން ރިލީޒްކުރި "ބޭޝަރަމް" އިންނެވެ. މި ފިލްމުގައި އޭނާ ކުޅެފައިވަނީ އަމިއްލަ ދަރިފުޅު ރަންބީރު ކަޕޫރުގެ މަންމަގެ ރޯލެވެ.
ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ނީތޫ އަނެއްކާ ވެސް ކެމެރާ އާ ކުރިމަތިލާން މިހާރު ވަނީ ތައްޔާރުވެފަ އެވެ. އެގޮތުން އޭނާ ފުރަތަމަ ކުޅޭނެ ފިލްމަކީ "ގުޑް ނިއުޒް" ގެ ޑައިރެކްޓަރު ރާޖް މެހެތާ އަލަށް އުފައްދަން ގަސްތުކުރާ ފިލްމެކެވެ.
ވަރުން ދަވަން އާއި ކިއާރާ އަދުވާނީ ލީޑް ރޯލުތައް ކުޅޭ މި ފިލްމުގައި ނީތޫ އާއި އަނިލް ކަޕޫރު ކުޅޭނީ ވަރުންގެ މައިންބަފައިންގެ ރޯލެވެ.
"ގުޑް ނިއުޒް" ގޮތަށް މިއީ ވެސް ވަރަށް ހެއްވާ މަޖާ ޑްރާމާއަކަށް ވާނެ އެވެ. މިހާރު ރާޖް މެހެތާ ދަނީ އޭނާގެ ޕާޓްނަރު ރިޝަބް ޝަރުމާ އާއެކު މި ފިލްމުގެ ވާހަކަ ލިޔުމުގެ މަސައްކަތް ކުރަމުންނެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން އަންނަ އޮކްޓޯބަރު މަސް ނިމޭ ހިސާބު ނުވަތަ ނޮވެމްބަރު ކުރީކޮޅު ފިލްމުގެ ޝޫޓިން ފެށޭނެ އެވެ.
މިއީ ކިއާރާ އާއި ވަރުން އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. މީގެ ކުރިން "ކަލަންގް"ގެ ލަވައެއް މި ދެ ތަރިން އެކުގައި ކުޅެފައި ވެއެވެ.
ޑައިރެކްޓަރު ޝަޝާންކް ޚައިތާންގެ "މިސްޓަ ލޭލޭ"ގައި ކިއާރާ އާއި ވަރުން ބައިވެރިވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތަސް މި ފިލްމު އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ މުޅިން ހުއްޓާލާފަ އެވެ.