އެފްސީ ބާސެލޯނާއަކީ އޭނާގެ ޑްރީމް ކުލަބު ކަމަށާއި އެ ޓީމުގެ މަގާމާ ހަވާލުވުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށް ބާސާގެ ކޯޗް ކަމާ މިއަދު ހަވާލުވި ހޮލެންޑްގެ ރޮނަލްޑް ކޫމަން ބުނެފި އެވެ.
އިއްޔަ އާ ހަމައަށް ހެލެންޑްގެ ގައުމީ ޓީމުގެ ކޯޗަކަށް ހުރި، ކޫމަން މިއަދު ބާސާއަށް ސޮއި ކުރީ ދެ އަހަރު ދުވަހުގެ އެއްބަސް ވުމުގެ ދަށުންނެވެ. ކުރިން ބާސާ އަށް ކުޅުނު މިޑްފީލްޑަރު ވަނީ ހަ އަހަރު ވަންދެން ބާސާގަ ހޭދަ ކޮށްފަ އެވެ. ޔޫރަޕިއަން ކަޕް ފައިނަލުގައި 1992 ވަނަ އަހަރު ސަމްޕްޑޯރިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ބާސާގެ މެޗުން މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ ސެޓިއެން އެވެ.
ބާސާގެ ކޯޗް ކަމުގައި ހުރި، ކީކޭ ސެޓިއެން މިދިޔަ ހޯމަ ދުވަހުގެ ރޭ ވަނީ މަގާމުން ވަކި ކޮށްފަ އެވެ. ބާސާގެ ކޯޗް ކަމުން އޭނާ ވަކި ކުރީ ޗެމްޕިއަންސް ލީގް ކްއާޓާ ފައިނަލުގައި ބަޔާން މިޔުނިކް އަތުން 8-2 ން ބަލި ވުމުންނެވެ.
"ހުރިހާ އެންމެންނަށްވެސް އެނގޭނެ ބާސެލޯނާ އަކީ އަހަރެންގެ ޑްރީމް ކުލަބުކަން." ހޮލެންޑްގެ ފުޓްބޯލް އެސޯސިއޭޝަންގެ ވެބްޒައިޓަށް ދިން އިންޓަވިއުގައި ކޫމަން ބުންޏެވެ. އެ ކުލަބުގެ ކޯޗަކަށް ވުމަކީ އަހަންނަށް ވަރަށް ހާއްސަ ކަމެއް."
ކޫމަންގެ އެސިސްޓެންޓަކަށް، ބާސާއަށް ކުރިން ކުޅުނު ސްވިޑެންގެ ސްޓައިކަރު ހެންރިކް ލާސަން ގެނައުމަށް އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ. ލާސަން އެންމެ ފަހުން މަސައްކަތް ކުރީ ސްވިޑެންގެ ދެ ވަނަ ޑިވިޝަންގެ ކުލަބު ހެލްސިންބާގް ގަ އެވެ.