ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއެކު ސިޔާސީ މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ޖާބިރަކީ ޑީއާރްޕީގެ ލީޑަރެވެ. ކުރިން ސަރުކާރަށް ވަރަށް ބޮޑަށް ތާއީދު ކުރެއްވި މެންބަރު ޖާބިރު މިފަހުން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
އަދި ރައީސް ނަޝީދަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅު ވެއެވެ. އޭނާ ވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމަށްވެސް ވަނީ ގޮވާލައްވާފަ އެވެ.
ޑީއާރުޕީން މިއަދު ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއެކު ސިޔާސީ މަސައްކަތް ކުރުމަށް ނިންމާފައެވެ. އެކަމުގެ މަޝްވަރާތައް މިއަދު ވަނީ ފަށާފައެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލްވުމާއި ގުޅޭގޮތުން އަވަސްއާ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އިދިކޮޅާއެކު މަސައްކަތް ކުރަން ތައްޔާރު ކަމަށެވެ. އަދި މިއަދުގެ ބައްދަލްވުމުގައި އެކަމާއި ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި އެއްބަސްވަނީ އެކުގައި މަސައްކަތް ކުރުމަށް. މަޖިލީސްތެރެެއިންނާއި ބޭރުން ވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން،"
މިއަދުގެ ބައްދަލުވުމުގައި އިދިކޮޅު ލީޑް ކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނާއިބު ރައީސުންނާއި ޕީޕީއެންސީގެ ނާއިބު ރައީސުން ބައިވެރިވެވަޑައިގެންފަ އެވެ.