ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއެކު އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް ޕީޕީއެމް ޕީއެންސީ އިން މިހާތަނަށް ހަދާފައި ނޯންނާނެ ކަމަށް އިދިކޮޅު ލީޑު ކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އެމަނިކުފާނާއި ގުޅޭގޮތުން ދެއްކެވި އަހުލާގީ ގޮތުން ދަށު ދަރަޖައިގެ ވާހަކަތަކާއި ގުޅިގެން ޖާބިރަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މީގެ ހަފްތާއެއްހާ ދުވަސްކުރިން ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ޑީއާރުޕީގެ އިސް ބޭފުޅުންނާއެކު މަޝްވަރާ ބައްދަލްވުމެއް ބާއްވާފައެވެ. އެ ބައްދަލްވުމުގައި ދެ ޕާޓީ ގުޅިގެން ސިޔާސީ މަސައްކަތްތައް ކުރުމަށް އެއްބަސްވެފައިވެއެވެ.
މިއަދު އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑީއާރުޕީއާއެކުވެސް އަދި އެހެން ސިޔާސީ ޕާޓީތަކާއެކުވެސް އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް ހަދާފައިނުވާނެ ކަމަށެވެ.
"ޕީޕީއެމް، ޕީއެންސީ އިން އަބަދުވެސް އިސްކުރާނީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުން،" އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ޖާބިރުގެ ވާހަކަތައް ކުށްވެރިކޮށް ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ނޫސް ބަޔާނެއް ވަނީ ނެރެފައެވެ. އެ ބަޔާނުގައި ބބުނެފައިވަނީ ގުރައިދޫ ދާއިރާގެ މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ގައްސާން މައުމޫނަށް، އަބްދުﷲ ޖާބިރު ފޮނުއްވި އޯޑިއޯ މެސެޖުގައި ދައްކަވާފައިވާ ހަޑި ހުތުރު ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"އަޅުގަނޑުމެންގެ ދުއާއަކީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް (ނޣޢވ) އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާ ފުރިހަމަ ސިއްހަތެއް ދެއްވުމެވެ. އަދި ޕީޕީއެމްގެ ނާއިބް ރައީސް ތ. ގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރާއި އެމަނިކުފާނުގެ އާއިލާއަށް ހިތްވަރާއި ކެތްތެރިކަން ދެއްވާ ފުރިހަމަ ސިއްހަތެއް މިންވަރު ކުރެއްވުމެވެ،" ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.