ޗެމްޕިއަންސް ލީގް

ލިއޯން ބަލިކޮށް ބަޔާން ފައިނަލަށް

އޮލިމްޕިކް ލިޔޯންގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޗެމްޕިއަންސް ލީގްގެ ފައިނަލުން ބަޔާން މިޔުނިކް ޖާގަ ހޯދައިފި އެވެ.

އަންނަ އާދީއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި، ބަޔާން ނުކުންނާނީ ޕީއެސްޖީއާ ދެކޮޅަށެވެ. ޕީއެސްޖީ ފައިނަލަށް ދަތުރު ކުރީ ޖަރުމަންގެ އާރްބީ ލައިޕްޒިގް ބަލި ކުރުމަށް ފަހު އެވެ.

ރޭގެ މެޗުގައި ބަޔާންގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ސާޖް ޑޭވިޑް ގެނެބްރީ އެވެ. މެޗުގައި ލަނޑު ޖަހަން އެންމެ ފުރަތަމަ ފުރުސަތު ތަނަވަސް ކުރީ ލިޔޯންއިންނެވެ. އެ ޓީމުގެ މެންފިސް ޑިޕާއީ، ބަޔާންގެ ދެ ޑިފެންޑަރުންނަށް ފުރުސަތު ނުދީ އޭރިއާ ތެރެއަށް ވަދެ ބޯޅަ ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. ބަޔާންއަށް ނުރައްކާތެރި ހަމަލާއެއް އުފެއްދުނީ ލިޔޯންއިން ބަޔާންގެ ގޯލަށް ނުރައްކާތެރި ދެތިން ހަމަލާއެއް ފޮނުވާލި ފަހުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ގެނެބްރީ ކާމިޔާބު ކުރީ 18 ވަނަ މިނެޓްގަ އެވެ. ހޯޝުއާ ކިމިޗް ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގެނެބްރީ މަސައްކަތް ކުރީ ލިޔޯންގެ ޑިފެންޑަރުންގެ ތެރެއިން ދެމިގަނެ ހަމަލާ އުފެއްދުމަށެވެ. އެހެން ނަމަވެސް އޭނާގެ ވަށާއިގެން ލިޔޯންގެ ޑިފެންޑަރުން ތިބުމުން އޭރިއާ ތެރެއަށް ވަދެ ބާރު އުންޑައެއްހެން ގޯލްގެ މަތީ ކަނަށް އަމާޒުކޮށް ބޯޅަ ފޮނުވާލި އެވެ.

ބަޔާންގެ ދެ ވަނަ ލަނޑު 33 ވަނަ މިނެޓްގައި ގެނެބްރީ ކާމިޔާބު ކުރި އެވެ. ލިޔޯންގެ ގޯލްގެ ރޮނގުމަތިން ރޮބަޓް ލެވަންޑޮސްކީ ފޮނުވާލަން އުޅުނު ބޯޅަ، ލިޔޯންގެ ކީޕަރު އެންތޮނީ ލޯޕޭޒް ވެއްޓިގެންފައި ދިފާއު ކުރި އެވެ. ކީޕަރު ގައިގައި ޖެހުނު ބޯޅަ ރީބައުންސަށް ނުކުތުމުން ގެނެބްރީ އެ ބޯޅަ ގޮލްގެ ތެރެއަށް ފޮނުވާލި އެވެ.

ބަޔާންގެ ތިން ވަނަ ލަނޑު ލެވަންޑޮސްކީ ކާމިޔާބު ކުރީ މެޗުގެ 88 ވަނަ މިނެޓްގަ އެވެ. ކިމިޗް ހިލޭ ޖެހުމުން ނަގައިދިން ހުރަސް ލެވަންޑޮސްކީ ބޮޅުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލި އެވެ. އެ ލަނޑަކީ މި ސީޒަންގައި ލެވަންޑޮސްކީ ބަަޔާންއަށް ކާމިޔާބު ކުރި 55 ވަނަ ލަނޑެވެ.