ހަބަރު

އިތުރަށް ކެނޑުނު ފައިސާ އެކައުންޓުތަކަށް ޖަމާކޮށްދީފި

ހަދާފައިވާ ޓްރާންސެކްޝަނަކުން ދެ ފަހަރަށް ފައިސާ ކަނޑާލާފައިވާ އެކައުންޓްތަކަށް، އިތުރަށް ކެނޑި ފައިސާ އަނބުރާ ޖަމާ ކޮށްދީފި އެވެ.

ޓްރާންސެކްޝަން އެކައުންޓުން ދެ ފަހަރަށް ކެނޑިފައިވާތީ އެކަމާއި ގިނަ އަދަދެއްގެ ކަސްޓަމަރުން އިއްޔެ އާއި ރޭ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކަމާ ގުޅިގެން ބޭންކްއޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ އެ ބޭންކުގެ ކަސްޓަމަރުންގެ ކިބައިން މައާފަށް ވެސް އެދިފަ އެވެ.

ބީއެމްއެލް އިން ބުނީ ޑެބިޓް ކާޑު ބޭނުން ކޮށްގެން ބޭންކުގެ ބައެއް ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެފަހަރަށް ފައިސާ ކެނޑިފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެން މެދުވެރިވާން ދިމާވި މައްސަލަ މިހާރު ހޯދިފައިވާ ކަމަށާއި އަދި އެކަން މިހާރު ހައްލުކޮށް ދެފަހަރަށް ފައިސާ ކެނޑިފައިވާ އެކައުންޓްތަކަށް އެ ފައިސާ އަލުން ފޮނުވާފައިވާނެ ކަމަށެވެ.

ކާޑުތަކުން ދެ ފަހަރަށް ފައިސާ ކެނޑުނު ކަސްޓަމަރުންގެ ތެރޭގައި ބޭރު ގައުމުތަކުގައި ތިބި ބައެއް މީހުން ވެސް ހިމެނެ އެވެ. މި މިމައްސަލަ ހިއްސާކުރި ބައެއް ފަރާތްތަކުން ބުނެފައި ވަނީ މީގެ ކުރިން ވެސް ކާޑުން އެގޮތަށް ފައިސާ ކެނޑޭ ކަމަށާއި މިއީ އަލަށް ދިމާވާ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ބޭންކުން ބުނެފައި ވަނީ މި މައްސަލަ ދިމާވެފައި ވަނީ ރޭ އެކަނި ކަމަށެވެ.

ބައެއް ފަރާތްތަކުން ބުނެފައިވަނީ މީގެ ކުރިން މި މައްސަލަ ދިމާވުމުން ބޭންކަށް މައްސަލަ ޖެއްސި ނަމަވެސް ދެފަހަރަކަށް ނުކެނޑޭ ކަމަށް ބުނާ ކަމަށާއި އަދި އެފައިސާ އަލުން ނުލިބޭ ކަމަށެވެ. މިގޮތަށް ބޮޑެތި އަދަދުތަކުންވެސް ވަނީ ފައިސާ ކެނޑިފަ އެވެ.