ކުޅިވަރު

ސިލްވާ އާމެދު ލާޒިއާގެ ކަންބޮޑުވުން އުތުރިއަރަނީ

މެންޗެސްޓާ ސިޓީގެ ކުރީގެ މިޑްފީލްޑާ ޑޭވިޑް ސިލްވާ، ލާޒިއޯއަށް ދާން އެއްބަސްވުމަށް ފަހު ރެއާލް ސޮސިއެޑާޑަށް ސޮއި ކުރުމުން ލާޒިއޯގެ ކަންބޮޑުވުން ސިލްވާ އާ މެދު އުތުރިއަރަން ފަށައިފި އެވެ.

ލާޒިއޯގެ އެކި ފެންވަރުގެ ވެރިން މިހާތަނަށް ވަނީ ސިލްވާއަށް ބަހުގެ ހަމަލާތައް ފޮނުވާލާފަ އެވެ. އެ ކުލަބުގެ ކޮމިޔުނިކޭޝަން ޑައިރެކްޓާ ސްޓެފާނޯ ޑި މާޓީނޯ ވިދާޅުވީ، ބުނާ ބަހުގައި އިތުބާރު ހުންނަ މީހަކަށް ކޮންމެ މީހަކުވެސް ވާން ޖެހޭނެ ކަމަށެވެ. ސިލްވާ ސޮސިއެޑާޑަށް ބަދަލުވީ ލާޒިއޯގެ ކޮންޓްރެކްޓްގައި ސޮއި ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް އެ ކުލަބުން އިންތިޒާމު ކޮށްފައި ވަނިކޮށެވެ. އެގޮތުން އޭނާގެ މެޑިކަލް، ރޯމްގައި ހަދަން އެ ލާޒިއޯއިން އޮތީ އެޕޮއިންޓްމެންޓް ވެސް ބުކް ކޮށްފަ އެވެ.

"ޑޭވިޑް ސިލްވާ ކަންތައް ކުރި ގޮތާ ބެހޭގޮތުން މިދިޔަ 48 ގަޑިއިރުތެރޭގައި ގިނަ ވާހަކަތަކެއް ދެކެވިއްޖެ،" ލާޒިއޯ ސްޓައިލް ރޭޑިއޯ އަށް ދިން އިންޓަވިއުގައި ވާހަކަ ދައްކަމުން ޑީ މާޓިނޯ ވިދާޅުވި އެވެ. "ލާޒިއޯއިން ކަންކަންކޮށްފައި ވަނީ ރަނގަޅު މަގުން، އަނގަބަހުން ކަމަކަށް އެއްބަސްވެއްޖެއްޔާ އެކަމެއް އެމީހަކު ފުރިހަމަ ކުރާނެ ކަމަށް އަހަރެމެން ގަބޫލު ކުރާނެ."

ސިލްވާ އާ މެދު އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅު ކުރި ލާޒިއޯގެ ޑިރެކްޓަރަކީ ސްޕޯޓް ޑައިރެކްޓާ އިގްލީ ޓަރޭ އެވެ. އޭނާ ވިދާޅުވެފައި ވަނީ ލާޒިއޯއިން ކަންކަން ކުރީ ހާމަކަން ބޮޑުކޮށް އިންސާފުވެރި މަގުން ކަމަށެވެ. ސިލްވާގެ ޓްރާންސްފާ އާމެދު އެކި ގޮތްގޮތަށް ވާހަކަ ދެކެވުނު ނަމަވެސް ލާޒިއޯގެ ފަރާތުން ކަންކަން ރަނގަޅަށް ކޮށްފައިވާނެ ކަމުގެ ޔަގީން ދޭ ކަމަށް ޓަރޭ ވިދާޅުވި އެވެ.

"މިކަމާ ހެދި ދޭން އޮތް ރަނގަޅު ހަބަރަކީ، މީގެ ފަހުން ބިއާންކޮޗެޔެސްޓީ [ލާޒިއޯ] ގެ ސަޕޯޓަރުން މިކަހަލަ މަޅިތަކުގައި ނުޖެހޭނެ ވާހަކަ." ޓަރޭ ވިދާޅުވި އެވެ.

ލާޒިއޯއަށް ދާން އެއްބަސްވެ، ފަހުން ދެ އަހަރު ދުވަހުގެ އެއްބަސްވުމުގައި ސޮސިއެޑާޑަށް ސޮއި ކުރުމަށް ފަހު ސިލްވާ ބުނީ، ސޮސީޑާޑްގެ ހުށަހެޅުމުގެ އިތުރަށް އެހެން ކުލަބުތަކުން ވެސް އޭނާއަށް ހުށަހެޅުން ލިބުނު ކަމަށާއި ސޮސިއެޑާޑަށް ބަދަލުވުމުގައި އޭނާގެ އާއިލާގެ ދައުރެއް އޮތް ކަމަށެވެ.

"އެހެން ކުލަބުތަކުން ވެސް ހުށަހެޅުން ލިބުނު، ނަމަވެސް އަހަރެން ސޮސިއެޑާޑް އިހްތިޔާރު ކުރީ އެ ކުލަބަކީ ވަރަށް ރަނގަޅަށް ކަންކަންކުރާ ބައެއް، އަދި އޭގެ އިތުރަށް ރީތި ފުޓްބޯޅައެއް ކުޅެ ކުލަބެއް، އެއީ އަހަންނަށް ވަރަށް މުހިންމު ކަމެއް،" ސިލްވާ ބުންޏެވެ. "އަހަރެން އެއިބާއަށް ކުޅުނުއިރު ސެން ސެބާސްޓިއަން [ސޮސިއެޑާޑް ނިސްބަތްވާ ސަރަހައްދު] އަކީ އަހަންނަށް ވަރަށް ފަރިތަ ސަރަހައްދެއް، މި ކުލަބަށް ސޮއި ކުރުމުގައި އަހަރެންގެ އާއިލާއިން ވަނީ ދައުރެއް އަދާ ކޮށްފަ."

މެންޗެސްޓާ ސިޓީއަށް 10 އަހަރު ވަންދެން ކުޅުނު ސިލްވާ، ސިޓީ ދޫކޮށްލީ އެ ކުލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުންނެވެ. ލާޒިއޯ ބަދަލުވިނަމަ، އަންނަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގްގައި އޭނާ ކުޅެވޭނެ އެވެ. ލަލީގާގެ ހަ ވަނައިގައި ނިންމާލުމުން ސޮސިއެޑާޑް ވާދަ ކުރާނީ ޔޫރޮޕާ ލީގްގައެވެ.

ސޮސިއެޑާޑުން ސިލްވާ 34، ގެ ސޮއި ހޯދީ، މިދިޔަ ސީޒަންގައި ލޯން އެއްބަސްވުމުގެ ދަށުން އެ ކުލަބަށް ކުޅުނު މިޑްފީލްޑާ މާޓިން އޮޑެގާޑް އަނބުރާ ގެންދިއުމަށް ރެއާލް މެޑްރިޑުން ނިންމުމުން، އެ މަގާމު ފޫބެއްދުމަށެވެ.