ވިޔަފާރި

ޓީއެމްއޭއަށް 300 މިލިއަން ޑޮލަރުގެ ލޯނެއް ދައްކަން ހުރަސް!

Aug 20, 2020
1

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ނަގާފައިވާ 305 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ) ގެ ލޯނެއް ދެއްކުމުގައި ހުރަސްތަކާ ކުރިމަތިވެއްޖެ އެވެ.

އެމެރިކާގެ "ނިއުޔޯކް ޓައިމްސް" ގައިވާ ގޮތުން ޓީއެމްއޭއަށް ދައްކަން ހުރަސްއެޅިފައި ވަނީ އެ ކުންފުނި ގަންނަން އެމެރިކާގެ ބެއިން ކެޕިޓަލްއިން ނެގި ލޯނެކެވެ. މި ލޯނު ދައްކަން ހުރަސްތަކާ ކުރިމަތިވެފައި ވަނީ ކޮވިޑް-19 އިގެ ސަބަބުން ޓޫރިޒަމް ސިނާއަތް ހުއްޓިފައިވާތީ ކަމަށް ބައެއް ފަރާތްތަކާ ހަވާލާދީ އެ ނޫހުގައި ރިޕޯޓްކޮށްފައި ވެއެވެ.

ބެއިން ކެޕިޓަލް އިން ޓީއެމްއޭ ގަނެފައިވަނީ ޗައިނާގެ ކުންފުންޏަކާ ގުޅިގެން 2017 ވަނަ އަހަރު އެވެ. ޓީއެމްއޭ ގަނެފައި ވަނީ 500 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ) އަށެވެ. މިއީ ރާއްޖޭގައި މިހާތަނަށް އެއް ފަހަރާ ހިންގި ވިޔަފާރީގެ އެންމެ ބޮޑު އެއް މުއާމަލާތް ކަމަށް ވެއެވެ.

ޓީއެމްއޭ އިން ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ކުންފުނީގެ ގޮތުގައި އޮތްއިރު، މިހާރު އެ ކުންފުނީގެ ފްލީޓުގައި 52 ބޯޓެއް އޮވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އެއާލައިން އިންޑަސްޓްރީއަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. މީގެ ސަބަބުން ދުނިޔޭގެ ގިނަ އެއާލައިންތަކެއް ވަނީ ބަނގުރޫޓުވެފަ އެވެ. އަދި ޓީއެމްއޭއިން ވެސް ހަރަދު ކުޑަ ކުރަން މުވައްޒަފުން މަދު ކުރުން ފަދަ ފިޔަވަޅުތައް އަޅާފައިވެ އެވެ.