ވިޔަފާރި

ސީޕްލޭން ޓާމިނަލުން މިހާރު ބޭނުން ކުރާވަރު ޓީއެމްއޭ އަށް ދޭން ނިންމައިފި

އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ދޭނީ، މިހާރު ވެސް އެ ކުންފުނިން ބޭނުން ކުރާ ވަރުގެ ސަރަހައްދެއް ކަމަށް ސަރުކާރުން ބުނެފި އެވެ.

އަލަށް ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ޓީއެމްއޭއަށް ދޭން އުޅޭ ކަމަށް ކުރިން އޮތީ އަޑުފެތުރިފަ އެވެ. މިކަމާ ގުޅިގެން ސަރުކާރުންނާއި އެމްއޭސީއެލް އިންވެސް ވަނީ ޓީއެމްއޭއަށް ޓާމިނަލް ދޭން ނޫޅޭ ކަމަށް ބުނެފަ އެވެ. އަދި އާ ސީޕްލޭން ޓާމިނަލްގެ ހާއްސަ އޮޑިޓެއް، އޮޑިޓަ ޖެނެރަލް އޮފީހުން ވަނީ ކޮށްފަ އެވެ.

އެ ރިޕޯޓްގައި ބުނި ގޮތުގައި ޓީއެމްއޭ އިން މިހާރު ހިންގާ ލައުންޖް ތަކަށް އާ ޓާމިނަލުން 5،382 އަކަމީޓަރުގެ ޖާގަ ދެވިދާނެ އެވެ. މި އަދަދަށް ޖާގަ ދީފިނަމަ ދައުލަތަށް 33 މިލިއަން ޑޮލަރު (508 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ނަމަވެސް ކުރިން އޮތް ގޮތަށް ޓާމިނަލް އެއްކޮށް ދީފިނަމަ ލިބޭނީ 41 މިލިއަން ޑޮލަރެވެ.

ސަރުކާރުން މިއަދު ވަނީ ލީކްވެފައިވާ އޮޑިޓް ރިޕޯޓުގައިވާ ގޮތަށް ޓާމިނަލްގެ ބައެއް ދޭން ނިންމާފަ އެވެ. އަދި ދެ އަހަރު ދުވަހަށް 5،383 އަކަ މީޓަރުގެ ސަރަހައްދެއް ދޭން ނިންމާފައިވަނީ އަކަ މީޓަރެއް 10.35 ޑޮލަރަށެވެ. އަދި ދެ އަހަރު ފަހުން މާކެޓު ރޭޓުގައި އެ ސަރަހައްދު ޓީއެމްއޭއިން ހިފަން ޖެހޭ ގޮތަށް ވަނީ ނިންމާފަ އެވެ.

ސަރުކާރުން މި ނިންމުމާ ބެހޭ ގޮތުން، ފިނޭންސް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ތަރައްގީ ކުރަމުން ގެންދާ ސީޕްލޭން ޓާމިނަލްއަކީ ސަރުކާރުން ގެނެންޓީ ދީގެން ތަރައްގީ ކުރާ ތަނެއް ކަމަށެވެ. އަދި މި މަޝްރޫއަކީ އެއާޕޯޓުގެ ޓްރެފިކް މެނޭޖު ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ މަޝްރޫއެއް ކަމަށާ ސީޕްލޭން އޮޕަރޭޓް ކުރާ ކުންފުނިތަކަކީ ޓޫރިޒަމް ދެމެހެއްޓުމުގައި މުހިންމު ބައެއް ކަމަށްވާއިރު، ސީޕްލޭން އޮޕަރޭޓަރުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ހުރިހާ ކުންފުނިތަކަށް ބޭނުންކުރެވޭ ގޮތަށް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

"މިކަން ހާސިލް ކުރުމަށްޓަކައި އެމްއޭސީއެލް އިން ލޯނު ނަގައިގެން ތަރައްގީކޮށްފައިވާ ސީޕްލޭން ޓާމިނަލް ބޭނުންކުރުމާ ގުޅޭ ގޮތުން ސަރުކާރުން ވަނީ ގޮތްތަކެއް ނިންމާފަ އެވެ. ސަރުކާރުން ވަނީ މި ނިންމުން އެމްއޭސީއެލްގެ ބޯޑާ ހިއްސާވެސް ކޮށްފަ އެވެ،" ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ސަރުކާރުގެ ނިންމުން ކުރުކޮށް:

  • ޓީއެމްއޭ އަށް މިހާރު އޮޕަރޭޓް ކުރަމުން ދާ ލައުންޖުގެ ޖާގައިގެ ބޮޑުމިނާއި އެއްވަރުގެ ޖާގައެއް ދެ އަހަރު ދުވަހަށް ދިނުން
  • މަންޓާ އެއާ އަށް އެ ފަރާތުން މިހާރުގެ އޮޕަރޭޝަނަށް އެކަށީގެންވާ ލައުންޖުގެ ޖާގަ މިހާރު ވެސް ހިފާފައިވާ ރޭޓަރުގައި ދެ އަހަރަށް ކުއްޔަށް ދިނުން
  • މޯލްޑިވިއަން އަށް އޮޕަރޭޝަން ހިންގަން އެކަށީގެންވާ ޖާގަ ދިނުން
  • ބާހީ އޮތް ޖާގަ، އެމްއޭސީއެލް އިން ޓެންޑަރަށް ހުޅުވާލުން
  • ދެ އަހަރުގެ މުއްދަތުގެ ތެރޭގައި އާ ސީޕްލޭން ޓާމިނަލް ފުލް އޮޕަރޭޝަން އެމްއޭސީއެލް އިން ނެގުން، އަދި އިންޑަސްޓްރީގެ އިތުބާރާއެކު ހިންގޭނެ ގޮތަށް ޕްލޭން އެކުލަވާލުން

ހަތަރު ބުރި އަށް އިމާރާތްކުރާ ޓާމިނަލްގައި 28،000 އަކަމީޓަރުގެ ޖާގަ ހިމެނެ އެވެ. މި މަޝްރޫއަކީ ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެންމެ މުހިންމު ބައެވެ.