ސްޓެލްކޯ

ސްޓެލްކޯ ފެނުގެ ޑިސްޓްރިބިއުޓަރުން ހޯދަނީ

Aug 21, 2020

ސަރުކާރުގެ މައި ކަރަންޓް ކުންފުނި ސްޓެލްކޯއިން އުފައްދާ ބައި ޕްރޮޑަކްޓެއް ކަމަށްވާ "ސްޓެލްކޯ ފެން" ބާޒާރުގައި ޑިސްޓްރިބިއުޓް ކުރަން ޝައުގުވެރިވާ ފަރާތްތައް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފި އެވެ.

މީގެ ކުރިން ވެސް ސްޓެލްކޯ ފެން ޑިސްޓްރިބިއުޓް ކޮށްދޭނެ ފަރާތްތައް ހޯދަން އިއުލާން ކުރި އެވެ. ނަމަވެސް އެކަން ހިނގެންފައެއް ނުވެއެވެ.

އަލަށް ގެޒެޓް ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފެން ޑިސްޓްރިބިއުޓު ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އަށް އެ ކުންފުނީގެ މައި އިދާރާއަށް ގޮސް މައުލޫމާތު ސާފުކޮށް މި މަހުގެ 27 ގައި ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އަދި އެ މައުލޫމާތު ތަކުގެ އިތުރުން ވިޔަފާރީގައި ބޭނުން ކުރާނެ މައިގަނޑު ވަސީލަތްތަކާއި އަދި ޑިސްޓްރިބިއުޓް ކުރަން ރާވާފައިވާ ގޮތާއި، މައިގަނޑު ކަސްޓަމަރުންނަކީ ކޮބައި ކަމާއި، ކުރިއަށް އޮތް ހަ މަސް ދުވަހަށް ލަފާ ކުރާ ސޭލްސް ހިމަނައި ޑިސްޓްރިބިއުޓަރުކަން ކުރުމުގެ ޤާބިލްކަން ހުރި މިންވަރު ޕްރޮޕޯސަލްގައި ހިމަނަން ވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ސްޓެލްކޯއިން ފެން ވިއްކާ އަގުތައް

  • 330 އެމްއެލްގެ ކޭހެއް 50.40 ރުފިޔާ
  • 500 އެމްއެލްގެ ކޭހެއް 52.80 ރުފިޔާ
  • 1 ލީޓަރުގެ ކޭހެއް 38.40 ރުފިޔާ
  • 1.5 ލީޓަރުގެ ކޭހެއް 52.80 ރުފިޔާ
  • 5 ލީޓަރުގެ 48.00 ރުފިިޔާ


ސްޓެލްކޯގެ ފެން އިފްތިތާހުކޮށް ވިއްކަން ފަށާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭޕްރީލް 30، 2017 އިގަ އެވެ. އެ ފެން އުފައްދަނީ މައި އިންޖީނުގޭގެ ހޫނުން އުފެދޭ އާވި ފެނަށް ބަދަލުކޮށް ފުޅީގައި ބަންދުކޮށް "ސްޓެލްކޯ ފެން" ގެ ނަމުގަ އެވެ. އެ ފެނަކީ އާންމު އާރްއޯ ޕްލާންޓުން އުފައްދާ ދޫކުރާ ފެނަށް ވުރެ މަތީ މިންގަނޑެއްގައި އުފައްދާ ސާފު ފެނެކެވެ. އާންމުންގެ މެދުގައި ސްޓެލްކޯ ފެން ވަރަށް މަގުބޫލެވެ.