ސިވިލްސާވިސް ކޮމިޝަން

ސީއެސްސީއަށް 15 ނަމެއް މަޖިލީހުގެ ތަޅުމަށް ފޮނުވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ ހަތަރު މެންބަރު ކަމުގެ މަގާމަށް ކުރިމަތިލީ މީހުންގެ ތެރެއިން 15 މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމައިފި އެވެ.

ސީއެސްސީގެ މެންބަރު ކަމަށް 41 މީހަކު ވަނީ ކުރިމަތިލާފައެވެ. އެ ނަންތައް ދިރާސާ ކުރުމަށްފަހު މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ވަނީ 15 މީހެއްގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމާފައެވެ.

ތަޅުމަށް ފޮނުވި ނަންތައް

  • މަރިޔަމް މުނާ، މ. ބާރަނާގެ، ކ. މާލެ
  • މުހައްމަދު ޝަރީފް، ފުސަތުޅާގެ، ގދ. ތިނަދޫ
  • އިބްރާހިމް ރަޝީދު، ބްލެކް، ރ. މީދޫ
  • މުނާ މަހައްމަދު، މ. ބަބުނަ، ކ. މާލެ
  • އަޖްވަދު އަލީ، ގ. ބްލޫ ވޭލް
  • މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް
  • ރިފާހަތު ފަރުޙަތު، ގ. ވެގާ ދޭއް
  • ޝުހުދާ ރިލްވާން، ފްލާވާމީޑް، ސ. މީދު
  • މަރިޔަމް ޝެނީން، މއ. ފޮސީތިއާ
  • އައިޝަތު ޝާހީން، މއ. ވިލާރޯދި
  • މުހައްމަދު ނަސީރު، މ. ފުންފިނި
  • ރަޝީދާ އަލީ، ގ. ޖަނަވަރީމާގެ
  • މުހައްމަދު ނާސިހް، ގ. ފަލްކަންގެ
  • އަހުމަދު މޫސާ، ހ. އަމްސާވިލާ
  • ފާތުމަތު ޝަރީފް، މާކޯޅި، ގދ. ތިނަދޫ

ސީއެސްސީން ހުސްވެފައިވާ ހަތަރު މެންބަރު ކަމުގެ މަގާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ނަން ތަޅުމަށް ފޮނުވަން ނިންމި ސަބަބާއި ގުޅޭގޮތުން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެ 15 ބޭފުޅުންނަކީވެސް ވަރަށް ގާބިލް ބޭފުޅުންނަށްވާތީ ކަމަށެވެ.

"މިއިން ކޮންމެ ބޭފުޅަކު ސީއެސްސީއަށް ހޮވިވަޑައިގަތަސް ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމަށް އުންމީދު ކުރެވޭ،" ރޮޒައިނާ ވިދާޅުވިއެވެ.

ސީއެސްސީގެ ހަތަރު މެންބަރުންގެ މަގާމު ހުސްވެގެން ދިޔައީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ކަމުގައި ހުންނެވި ޝަހީދު މުހައްމަދު އާއި، މެންބަރު ކަމުގައި ހުންނެވި ޒަކަރިއްޔާ ހުސައިން އިސްތިއުފާ ދެއްވުމުންނާއި މެންބަރު ކަން ކުރެއްވި އިބްރާހިމް ޝަހީގު ވަކިކުރަން މަޖިލީހުން ފާސްކުރުމުންނެވެ.

ސީއެސްސީގައި މިހާރު އިންނަވާނީ މެންބަރު ފާތިމަތު އާމިރާ އެކަންޏެވެ. އާމިރާ އަކީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ބޮޑު ދައިތަ އެވެ. ކޮމިޓީން އާމިރާގެ މައްސަލަ ބެލި ނަމަވެސް ނިންމީ ވަކިނުކުރުމަށެވެ. އެ ކަމުގައި ރޮޒައިނާ ބައިވެރިއެއް ނުވެ އެވެ.