ލައިފްސްޓައިލް

ފާތިމާގެ އަލަމާރިން: ރީތީ ކޮން ހެދުމެއް؟

އެހެން. ވެސް ހެދުން އަލަމާރިތައް ފަދައިން މި އަލަމާރީގެ ދޮރުފަތުގައި ހިފާ ހުޅުވާލީމައި ވެސް ފެންްނަނީ ހުސް އަންނައުނެވެ.. އެކި ކުލަކުލައިގެ އެކި ކަހަލަ ހެދުމެވެ. ބައެއް ހެދުންތަކަކީ މިިނާ ހަރުކޮށް ރޭނދާ އަޅައި ވަރަށް ރީތިކޮށްފައި ހުރި ހެދުމެވެ. ދެން ހުރި ހެދުންތަކަކީ މެދުން ބަންދެއް ލައި ބައްޓަން ފުރިހަަމަ ވާނެ ކަހަލަ ގޮތަކަށް ޑިޒައިންކޮށްފައި ހުރި ހެދުމެވެ. އަލަމާރި ބޮޑަށް ހާވާލާ ބަލާލާއިރު ޖެކެޓާއި ވަށް ތިރިގަނޑެއް ހެން ހުންނަ ދޫ ހަރުވާޅު ވެސް އެބަ ހުއްޓެވެ. ހުރިހާ ހެދުމެއްގައި ވެސް އެއްކަަމެއް އެއްގޮތް ވެ އެވެ. އެއީ ހެދުން އެޅުމުގައި މުސްލިމުން މިހާރު ގެންގުޅޭ "މޮޑެސްޓީ" ސްޓައިލެވެ. އަސްލު އަަލަމާރިއެއް ނޫނަސް މިއީ އިންސްޓަގްރާމްގައި އުޅޭ "ފާތިމާސް ވޯޑްރޯބް" ގައި ހުރި ބައެއް ހެދުންތަކެވެ. އަލަމާރިއަކަށް މި ފަހަރު މިވީ އިންސްޓަގްރާމެވެ. މިއީ ފާތިމާގެ ކުޑަ އަލަމާރީގައި އެކި ކުލައިން ފަހާ ތައްޔާރުކޮށްފަައި ހުރި ރީތި ހެދުންތަކެވެ.

ރާއްޖޭގެ ޒުވާން ގިނަ އަންހެން ކުދިންނަށް މި ޕޭޖު އެނގެ އެވެ. ހާއްސަކޮށް އަބާޔާ ހެދުން އަޅާ ކުދިން މި ޕޭޖު ބަލައި ހަދަ އެވެ. ތަފާތު ޑިޒައިންތަކާއި އެކި ކުލައިގެ ހެދުންތައް ބަލާ އޯޑަރުު ދިނުމަށެވެ. ތޭރަ ހާސް ފޮލޯވަރުންނާއެކު އެންމެންނަށް ވެސް ފާތިމާސް ވޯޑްރޯބް ގައި ހުރި ހެދުންތައް ކަމުދެ އެވެ. ހެދުމަކަށް އޯޑަރު ދޭން ޑީއެމް ކޮށްލައި "ފާތިމާ މި ހެދުން ކިހާވަރަކަށްހޭ؟" ވެސް އަހާލަ އެވެ.

އެކަމަކު ބުނަން ހެއްޔެވެ؟ ފާތިމާ ކިޔަސް މިއީ އަަސްލު ފާތިމާ އެއް ނޫނެވެ. މި ޕޭޖް ހިންގަނީ ހަމްދާ އަަބްދުﷲ އެވެ. ފާތިމާއަކީ ހަމަ އެކަނި ޕޭޖުގެ ނަމެވެ.

"ފާތިމާސް ވޯޑްރޯބް ޖަހާފައި އިންނާތީ ކޮންމެ މީހަކުވެސް ފާތިމާހޭ އަހާނީ. އެކަމަކު އެއީ އަސްލު ނަމެއް ނޫން. ހަމްދާގެ ކުރިއަށް ނޫނީ ފަހަތަށް ވެސް ފާތިމާ އެއް ނީންނާނެ. ބައެއް ކަސްޓަމަރުން ފާތުންއޭ ކިޔާފަ ވެސް ހުންނާނެ ވާހަކަ ދައްކާފައި. އަސްލު ހަމަ ރީތިި ވެގެން ފާތިމާސް ވޯޑްރޯބް ޖެހީ. ވަކި ހާއްސަވެގެނެއް ނޫން" ހަމްދާ ބުންޏެވެ.

ހަމްދާގެ މި ޕޭޖަކީ އޭނާގެ މުޅި ދިިރިއުޅުމެވެ. ފެހުމަކީ ލިބުނު ހުނަރެކެވެ. ހުނަރުގެ ބޭނުން ކުރީ ނިކަން ރަނގަޅަށެވެ. ރާއްޖޭގެ ޑިޒައިނަރު ރަޒީނާ ތައުފީގް (ރަޒީ) ކައިރިން ފެހުމުގެ ބޭސިކް ހަދައި ފަހާފޮށި ކައިރީ އިށީނދެ ފަހަން ފެށީ އެވެ. އޭރު ހަމްދާ އުޅުނީ ސަރުކާރު ވަޒީފާ އެއްގަ އެވެ. ޒުވާން އުމުރުގައި ވަކި ހިސާބަކުން ވަޒީފާ ވެސް ދޫކޮށްލާ ލޯ މަރާލާފައި ބޮޑު ޑިޒިޝަނެއް ނެގި އެވެ. އެހިސާބުން ދެން އޭނާ ހުއްޓުވާނެ މީހަކު ނެތެވެ. ވަޒީފާ ދޫކޮށްލާ ފުލްޓައިމްކޮށް ފަހާތާ މިހާރު ދެ އަހަރު ވެއްޖެ އެވެ. ކުރު މުއްދަތެއް ނަމަވެސް ހަމްދާގެ ފޭން ބޭސް ވަރަށް ބޮޑެވެ.

"ސަރުކާރު ވަޒީފާއިން ކެނޑުނީ އޭރު ސަރުކާރުގައި ހުރެގެން ލިބުނު ސެލަރީގެ ޑަބަލް ފަހައިގެން ލިބެން ފެށުމުން. ދެން ހިތަށް އެރީ އަަދި ކެނޑިގެން މިއަށްވުރެ ވެސް ބޮޑަށް މަސައްކަތް ކުރެވޭނެއޭ، މާ ވަގުތު ދެވޭނޭ ފަަހަން. އެހެންވެ ވަޒީފާ ދޫކޮށްލާފައި ހަމަ ފެހުމަށް އެކަނި ފޯކަސް ކުރީ. މިހާރު ކުރިއަށްވުރެ ގިނައިން ފައިސާ ލިބޭ،" އޭނާ ބުންޏެވެ.

ހަމްދާ ބުނި ގޮތުގައި، އެންމެ ފުރަތަމަ އިންސްޓަގްރާމަށް ފޮޓޯތައް ލާފަައި އޯޑަރަށް ފަހައިދޭ ވާހަކަ ބުނުމުން އެހާ ގިނަ އޯޑަރެއް ނުލިބުނެވެ. އޭރު ހެދުންތައް ވިއްކީވެސް އެއްވެސް ފައިދާއެއް ނުވާ ގޮތަށެވެ. އެކަމަކު ކުޑަ އަގެއްގައި ވިއްކައިގެން ވިޔަސް އޭރު ބޭނުންވީ އެނާގެ ފެހުމަށް ކަސްޓަމަރުންގެ އިތުބާރެއް ހޯދާށެވެ. އެއްފަހަރު ފަހައިގެން ގެންދާ ހެދުން ރީތި ވެގެން ދެވަނަ ފަހަރަށްވެސް އޭނާ ގާތަށް ހެދުމެއް ފަހަން ގެންދާށެވެ. މިހާރު ރެގިއުލާ ކަސްޓަމާސްގެ ގޮތުގައި ހަމްދާ ކަައިރި އަށް ފައްސަން ދާ އެތައް ބަޔަކު މިހާރު ތިބެ އެވެ.

މި ހުރިހާ މަސައްކަތެއް ވެސް ހަމްދާ ކުރަނީ އޭނާގެ ކޮޓަރީގަ އެވެ. ފަހާފޮށި ވެސް ފަހަން ގެންގުޅޭ ސާމާނު ވެސް ހުންނަނީ ކޮޓަރީގަ އެވެ. އެކި ދުވަސް މަތިން ނެރޭ ތަފާތު ކަލެކްޝަންތައް ވެސް ރިލީޒް ކުރާއިރު އެ ހެދުންތައް ލައިގެން ފޮޓޯ ނަގައި މޮޑެލް ކޮށްފައި ހުންނަނީ ހަމްދާ އަމިއްލަ އަށެވެ. އިންސްޓަގްރާމް އަށް ހަމްދާ މޮޑެލްކޮށް ފިރިމީހާ ލައްވާ ނަގާފައި ހުންނަ ފޮޓޯތަކާއ ވީޑިއޯތައް ލުމަށްފަަހު އޯޑަރަށް ހުޅުވާލަނީ އެވެ.

"މަހެއްގެ މައްޗަށް 20 ނޫނީ 22 ހެދުން ޖެހޭ ވަރަށް ނޫނީ ދުވާލަކަށް ހެދުމެއް ޖެހޭވަރަށް މިހާރު އޯޑަރު ލިބޭ. އާއްމުކޮށް ކަލެކްޝަން އެއް ނެރުނީމަ ދެން އަަންނާނެ ބައިވަރު އޯޑަރުތައް. ކަލެކްޝަންތަކަށް ވެސް ނަންދީފަައި ހުންނާނީ ހަމްދާއަށް ކަމުދާ ނަންތައް. ދިވެހި ކޮށްލާފަައި މީހުން އަޅައިގަންނާނެ ކަހަލަ ނަންތައް އެއީ،"

މަރިޔަމްމަލާއި ބަރަވެއްޔާއި ކަޅުދިރިި ކަލެކްޝަން އަަކީ ފާތިމާސް ވޯޑްރޯބްގެ ބައެއް ކަލެކްޝަންތަކެވެ. ޕިންޓްރެސްޓް އާއި ޔޫޓިއުބް ފަދަ ތަންތަނުން އައިޑިއާ ހޯދައިގެން އަމިއްލަ ޑިޒައިނަށް ހަދާފައި ހުރި ކަލެކްޝަންތަކެވެ. ކޮންމެ ކަލެކްޝަންއެއް ވެސް ތަފާތެވެ.

ހަމްދާގެ މި ކުޑަ ވިޔަފާރި އަކީ މިހާރު އޭނާގެ ދިރިއުޅުމެވެ. މި އަލަމާރީގެ ދެ ދޮރު ހުޅުވައި ހެދުމެއް ހޯދަަން އަންނަ ކޮންމެ މީހަކަށް ހެދުމެއް ދިނުން އެއީ ހަމްދާ ބެނުންވާ ގޮތެވެ.