ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހުނު ތެލަސީމިއާ ދެކުދިން ރަނގަޅުވެއްޖެ

ނުރައްކާތެރި ކޮވިޑް ބަލި ރާއްޖެއިން ޖެހުނު މީހުންގެ ތެރޭގައި ހިމެނެނުނު ތެލަސީމިއާ ދެ ކުދިން އެ ބަލިން ރަނގަޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މޯލްޑިވްސް ބްލަޑް ސާވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކް ޑރ. އަހުމަދު އުމަރު ވިދާޅުވީ މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ތެލެސީމިއާ ދެ ކުދިންނަށް ކަމަށެވެ. އެ ދެ ކުދިން ވެސް ބަލިން މުޅިން ރަނގަޅުވެފައިވާ ކަމަށެވެ.

އަދި މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ކޮވިޑް-19 ގެ އެންމެ ނުރައްކާ ބޮޑު މީހުންގެ ތެރޭގައި ތެލަސީމިއާ ކުދިންނާއި މީހުން ހިމެނެ އެވެ. ރާއްޖެއިން ކޮވިޑް ޖެހުނު ދެ ކުދިން ބަލިން ރަނގަޅުވެފައިވާއިރު މިދިޔަ 14 ދުވަސްތެރޭ ބަލީގެ އެއްވެސް އަލާމާތެއް ވެސް ފެނިފައެއް ނުވެއެވެ.

ތެލަސީމިއާ ކުދިންނަކީ ހައިރިސްކު ބަޔަކަށްވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް މޯލްޑިވްސް ބްލަޑް ސާވިސްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮވިޑްގެ ނުރައްކާ ރާއްޖޭގައި ބޮޑުވަމުންދާއިރު ރާއްޖޭގެ އަދަދު ވަނީ 6,370 އަރާފައެވެ. ރަނގަޅުނުވެ ތިބީ 2431 މީހުންނެވެ. ކޮވިޑްގައި 24 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތުވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 161 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މިއީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އެންމެ ގިނަ ބަޔަކަށް ފަރުވާ ދެމުންދާ ދުވަހެވެ.