އަބްދުﷲ ޝާހިދު

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެދުމުގެ މަސައްކަތް ފަށައިފި އެވެ.

އެ މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ފެއިލްވެފައިވާ ކަމަށާ އެކަމުގެ ޒިންމާ ޝާހިދު ނަންގަވަން ޖެހޭނެ ކަމަށެވެ. އަދި ގައުމުތަކާއެކު ހަމަހަމަ ގުޅުންތައް ގާއިމް ކުރުމުގައި ސަރުކާރު ފެއިލްވީ ޝާހިދުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

"ހުރިހާ މިޝަންތައް އެވަނީ ފެއިލްވެފައި. ވަކި ގައުމަކާއި ނޫނީ ގުޅުން ބަދަހި ކުރެވެނީއެއް ނޫން. ދެން ކޮން ކަމެއްތޯ ޝާހިދަށް މި ކުރެވެނީ. އެހެންވީމަ އެފަދަ މަގާމެއްގައި ބޭފުޅަކު ހުރެގެން ނުވާނެ،" އަވަސްއާ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މަލިކަކީ ދިވެހިންގެ ރަށެއް ކަމަށާ އެ ރަށް ހޯދުމަށްވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެ މަސައްކަތްވެސް ޝާހިދު ކުރައްވާތަން ނުފެންނަ ކަމަށާ އޭގެ ބަދަލުގައި ވަކި ގައުމަކާ މާ ހާއްސަ ގުޅުންތަކެއް ބާއްވަމުންދާ ކަމަށެވެ.

"ހޯމަ ދުވަހު އިރާދަކުރެއްވިއްޔާ 10 މެންބަރުންގެ ސޮޔާއެކު އެ މައްސަލަ ވައްދާނަން. އެ މައްސަލަ ކާމިޔާބުވެސް ކުރާނަން. ދަންނަވަންތޯ ވާހަކައެއް. ރައްޔިތުންގެ މަޖިލީހަކު ޝާހިދަށް ތާއީދުކުރާނެ ހަމަ އެއްވެސް މެންބަރަކު ނުހުންނާނެ. ކާކުތޯ ޝާހިދަށް ތާއީދު ކުރަނީ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މި ސަރުކާރުގައި އޭނާގެ އިތުބާރު އޮތް އެއްވެސް ބޭފުޅަކު ނެތް ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް ހުށައަޅާނެ ކަމަށެވެ.

"އެންމެ ކުރީގައި އޮތީ އިމްރާން. އޭނާ އެ ގެންދަނީ ރައީސް ޔާމީނަށް އަނިޔާވެރިވަމުން. ގާނޫނީ ވަކީލުންގެ ބައްދަލްވުންތަކަށް ހުރަސް އަޅަމުން. އެހެން ކަންކަން ކުރާ މީހުންނަށް ދައުލަތުން ފައިސާ ނަގައިގެން މަގާމުތަކުގައި ނުތިބެވޭނެ. ވީމަ އެކަންވެސް އޮތީ ކުރިއަށް،" ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާނެ ކަމަށް އިޝާރާތް ކުރައްވާ ޖާބިރު ވިދާޅުވިއެވެ.