އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ކުއްލި މަރާއެކު ހިންދީ ސިނަމާގައި މަސައްކަތްކުރާ ފިލްމީ އާއިލާތަކުގެ އެކްޓަރުންނަށް ވަރަށް ދަތި އުނދަގޫ ތަކަކާ ވަނީ ކުރިމަތިވެފަ އެވެ. އެއީ ނެޕޮޓިޒަމުން އުފަންވި އެކްޓަރުންނޭ ކިޔާފައި އެމީހުންނަށް ސޯޝަލް މީޑިއާގައި މަލާމަތްކުރުމާއި ފުރައްސާރަކުރުން އަދި އެ މީހުންގެ ފިލްމުތައް ބޮއިކޮޓްކުރަން ގޮވައި އެކަން ކުރުން ފަދަ ކަންތައްތަކެއް ވެސް މިހާރު ވަރަށް ޖޯޝުގައި ބަޔަކު ދަނީ ކުރަމުންނެވެ.
ސުޝާންތުގެ ފަހު ފިލްމު "ދިލް ބޭޗާރާ" އޮންލައިންކޮށް ރިލީޒް ކުރުމާއެކު ހުރިހާ ރެކޯޑެއް މުގުރާލެވޭ ވަރުގެ ބޮޑު ތަރުހީބެއް ބެލުންތެރިން އެ ފިލްމަށް ދިނެވެ. އަދި އާލިއާ ބަޓްގެ "ސަޅަކް 2" ގެ ޓްރެއިލާއަށް ރެކޯޑް އަދަދެއްގެ ޑިސްލައިކް ދީގެން ފިލްމީ އާއިލާގެ އެކްޓަރުން ދެކެ ބެލުންތެރިން ރުޅިއައިސްފައިވާ މިންވަރު ވަނީ ހާމަ ކޮށްފަ އެވެ.
ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ވަރުން ދަވަން އާއި ސާރާ އަލީ ޚާން ކުޅެފައިވާ "ކޫލީ ނަންބަރު 1" ވެސް އޮންލައިންކޮށް ރިލީޒް ކުރުމަށް މިހާރު ދަނީ ވިސްނަމުންނެވެ. މި ޚަބަރާއެކު މި ފިލްމު ބޮއިކޮޓް ކުރަން ގޮވާ ގޮވެލިފަތި ވެސް ވަނީ ގިނަވެ މި ވާހަކައިގެ އަޑު ވަރަށް ގަދަވެފަ އެވެ.
"ކޫލީ ނަންބަރު 1" އޯޓީޓީ ޕްލެޓްފޯމްގައި ރިލީޒް ކުރާކަން އަދި ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ފިލްމު އޮންލައިން ރިލީޒްއަކަށް ހިނގައިދާނެކަމުގެ ޚަބަރާއެކު ފިލްމު ބޮއިކޮޓްކުރަން ގޮވާ ސޯޝަލް މީޑިއާގައި ވަނީ އަޑުބައްދާލާފަ އެވެ. މި ފިލްމު ބޮއިކޮޓްކުރަން ގޮވަނީ ފިލްމުގައި ވަކި މައްސަލައެއް އުޅޭތީ އެއް ނޫނެވެ. ވަރުން އާއި ސާރާ އަދި ނެޕޮޓިޒަމުން އުފަންވި އެކްޓަރުން ކަމަށް ބުނެފަ އެވެ.
މި ފިލްމުގެ އިތުރުން ވަރުން އާއި ސާރާ އަށް ވެސް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ތަފާތު މަލާމާތްތައް ކޮށް ޓްރޯލް ކުރަމުންނެވެ. ޚާއްސަކޮށް ސާރާއަށް އަމާޒުވެފައިވާ ނަފްރަތު ވަރަށް ބޮޑެވެ.
ސާރާ އާ ގިނަ ބަޔަކު ކުއްލިއަކަށް ޖައްސާލީ އޭނާގެ ފުރަތަމަ "ކެދާރްނާތު" ރިލީޒްކުރަން ފިލްމު ޕްރޮމޯޓްކުރި ދުވަސްވަރު އެ ފިލްމުގެ ބަތަލު ސުޝާންތު ސިންގް ރާޖްޕޫތާއި ސާރާގެ މެދުގައި ހަގީގީ ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެ އެ ދެ މީހުންގެ އެކުވެރިއެއް ކަމަށްވާ ސެމިއުލް ހައޯކިޕް އިންޑިޔާގެ ނޫހަކަށް އިންޓަވިއު ދީގެންނެވެ. ސެމިއުލް ބުނި ގޮތުގައި ސާރާ ގަސްދުގައި ސުޝާންތު އާ ރުޅިވީ އެވެ. އެއީ ސުޝާންތުގެ "ސޯންޗިޅިޔާ" ނާކާމިޔާބުވުމުން ސާރާ ކުރި ކަމެކެވެ.