ބޮލީވުޑް

ވަރުން އާއި ސާރާގެ "ކޫލި ނަންބަރު 1" ކަމަަކު ނުދިޔަ

ވަރުން ދަވަން އާއި ސާރާ އަލީ ޚާންގެ އާ ފިލްމު "ކޫލި ނަންބަރު 1" ޑިޖިޓަލް ޕްލެޓްފޯމްގައި މިމަހުގެ 25 ވަނަ ދުވަހު ވަނީ ރިލީޒްކޮށްފަ އެވެ. އެމެޒޯން ޕްރައިމްގައި ރިލީޒްކުރި މި ފިލްމު ބެލުންތެރިންނަށް އެހާ ކަމަކު ނުދިޔަ ކަން ފިލްމުގެ ރިވިއުތަކުންނާއި ސޯޝަލް މިޑިއާގައި މީހުން ކޮށްފައި ހުރި ކޮމެންޓްތަކުން ޔަގީންވެ އެވެ.

މި ފިލްމަކީ ގޯވިންދާ އާއި ކަރިޝްމާ މީގެ 25 އަހަރު ކުރިން ހަމަ މި ނަމުގައި ކުޅެފައިވާ ފިލްމެއްގެ ރިމޭކް އެކެވެ. މިފަހަރުގެ ފިލްމަށް ފާޑުކީ ބައެއް މީހުން ބުނީ 25 އަހަރު ކުރީގެ ސްޓައިލް މިޒަމާނަށް ނުފެތޭ ކަމަށާއި މިހާރު އެ ކަހަލަ ފިލްމުތައް މީހުން ބަލަން ޝައުގުވެރިނުވާނެ ކަމަށެވެ.

ދެ ވަނަ މީހަކު ބުނެފައިވަނީ 15 ވަރަކަށް މިނިޓް ވެސް ފިލްމު ބަލަން ނީދެވުނު ކަމަށާއި ފިލްމު ހަމަ އެހާވެސް ފޫހި ކަމަށެވެ.
ވަރުން ދަވަންގެ ފޭނަކު ބުނެފައިވާ ގޮތުގައި ވަރުންގެ ފަރާތުން މިފަދަ ފީކަޅާ ފިލްމެއް ފެނިދާނެ ކަމަކަށް އޭނާ އުންމީދެއް ނުކުރެ އެވެ. ވީމާ މިފަހަރު ވަރުން އޭނާ ވަރަށް ބޮޑަށް މާޔޫސް ކުރުވައިފި ކަމަށެވެ.

"މި ފިލްމު ބަލާފައި އަހަންނަށް ޔަގީން ކުރެވިއްޖެ ސާރާއަށް އެކްޓްކުރަން ނޭނގޭކަން އަދި ވަރުން އަކީއަކީ އާއްމުކޮށް ވެސް އޯވައެކްޓް ކުރާ މީހެއްކަން،" އެހެން މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.

ޓުވިޓާގައި ފިލްމަށް ކޮމެންޓުކުރި މީހަކު ބުނީ މި ފިލްމަކީ އޭނާ މިހާތަނަށް ބެލި އެންމެ ހުތުރު ކޮމެޑީ ފިލްމުކަމަށެވެ. އަދި ކުރީގެ ފިލްމާ އަޅާ ކިޔޭ ވަރަށް ވުރެ މި ފިލްމު މާ ފީކަޅާ ކަމަށެވެ.

މި ފިލްމު ރިލީޒްކުރަން ކުރިން ހަމަޖެހިފައި އޮތީ ބޮޑު ސްކްރީންގައި ނަމަވެސް ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހެދި އޮންލައިންކޮށް ފިލްމު ރިލީޒްކުރަން ނިންމީ އެވެ.

ފިލްމަށް ފާޑުކިޔުން އަމާޒުވެފައިވީ ނަމަވެސް އެމެޒޯން ޕްރައިމް އިން މިހާތަނަށް އެއްފަހަރާ އެންމެ ގިނަ ބަޔަކު ބެލި ފިލްމުގެ ރެކޯޑް މި ފިލްމަށް ގާއިމް ކުރެވިފައިވާ ކަމަށް ވަރުން ސޯޝަލް މީޑިއާގައި ބުނެފައި ވެއެވެ.