ސާރާ އަލީ ޚާން

ކޫލީ ނަންބަރު 1: ވަރުން އާއި ސާރާގެ ތަޖުރިބާ

Nov 29, 2020

ވަރުން ދަވަން އާއި ސާރާ އަލީ ޚާން ކުޅެފައިވާ "ކޫލީ ނަންބަރު 1" މިހާރު ވަނީ ރިލީޒް ކުރުމުގެ މަގުމަތީގަ އެވެ. މިއީ ޑޭވިޑް ދަވަން 1995 ގައި އުފެއްދި "ކޫލީ ނަންބަރު 1" ގެ ރިމޭކެކެވެ.

ވާޝޫ އާއި ޖެކީ ބަގްނާނީ ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމުގައި ޕަރޭޝް ރާވަލް އާއި ޖާވިދު ޖެފްރީ އާއި ޖޮނީ ލީވާ ފަދަ ތަރިން ބައިވެރިވެ އެވެ.

މި ފިލްމުގެ ޓްރެއިލާ އިއްޔެ ދައްކަން ފަށާފައިވާއިރު ގިނަ ބަޔަކު ބުނެފައި ވަނީ ފިލްމު ވަރަށް މަޖާވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ. އަދި ފިލްމު ބަލާލުމުގެ ޝައުގުވެރިކަން ވަރަށް ގިނަ ބަޔަކު ފާޅުކޮށްފައި ވެއެވެ.

ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ފިލްމުގެ ބަތަލު ވަރުން ބުނީ އޮރިޖިނަލް "ކޫލީ ނަންބަރު 1"ގެ ސްކްރީންޕްލޭ އާއި ޕާފޯމަންސް އޭނާއަށް އަބަދުވެސް ވަރަށް ކަމުދާ ކަމަށެވެ. އެ ފިލްމުގެ ރިމޭކެއް އޭނާއަށް އެހާ ޚާއްސަވީ އެއް ސަބަބަކީ އެއީ ކަމަށް ވަރުން ބުންޏެވެ.

އެކްޓަރެއްގެ ހައިސިއްޔަތުން މަޖާ ރޯލުތައް ކުޅުމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެކެވެ. ޚާއްސަކޮށް ފިލްމުގެ ބަތަލާ ސާރާ އާއެކު އޭނާއަށް ކުރެވުނީ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ވަރުން ބުންޏެވެ. ސާރާއަކީ ވަރަށް ހުނަރުވެރި އެކްޓަރެއް ކަމަށާއި އެކި އެކި ލޮކޭޝަންތަކުގައި ފިލްމު ޝޫޓިންގައި ހޭދަކުރި ދުވަސްތަކަކީ ވަރަށް އުފާވެރި ހަނދާންތަކެއް އެކުލެވޭ ދުވަސްތަކެއް ކަމަށް ވެސް ވަރުން ބުންޏެވެ.

މި ފިލްމު ކުޅުމުގައި ސާރާގެ ތަޖުރިބާ ވެސް ވަރުން އާ ދާދި އެއްގޮތެވެ. މިފަދަ ފިލްމެއް ކުޅުމުގެ ޝައުގުވެރިކަން އަބަދުވެސް އޮންނާތީ މި ފިލްމު ކުޅެވުމަކީ އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް ސާރާ ސިފަ ކުރި އެވެ.

"އަހަރެން ބޮޑުވީ 'ހުސްނު ހޭ ސުހާނާ' އާއި 'މިރްޗީ ލަގީ' ފަދަ ލަވަތައް އަޑު އަހާ އޭގައި ނަށާ ގޮތަށް ނަށާ އުޅެނިކޮށް. އެހެންވީމާ އަސްލު އެ ލަވަތައް އަލުން ކުޅޭނެ ފުރުސަތު ލިބުމަކީ ވަރަށް އުފާވި ކަމެއް،" ސާރާ ބުންޏެވެ. ޚާއްސަކޮށް ވަރުން އާއެކު ފިލްމެއް ކުޅުމުން ހީވެސް ނުކުރާ ވަރުގެ އުފާވެރި ތަޖުރިބާއެއްގެ ގޮތުގައި ސާރާ ސިފަ ކުރި އެވެ.
ވަރުން ނޫނަސް ފިލްމުގައި މަޝްހޫރު ކޮމޭޑިއަނުންގެ ތެރެއިން ގިނަ އެކްޓަރުންތަކެއް ހަރަކާތްތެރިވެފައި ވެއެވެ. އެހެންވެ އެ ހުރިހާ ތަޖުރިބާކާރު އެކްޓަރުންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ސާރާ ގަބޫލު ކުރެ އެވެ.

"ކޫލީ ނަންބަރު 1" ބޮޑު ސްކްރީނުގައި އަޅުވާފާނެ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ތަންކޮޅެއް ކުރިން ބުނި ނަމަވެސް ފިލްމު ރިލީޒްކުރާނީ އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ އެމެޒޯން ޕްރައިމް ވީޑިއޯ އިން ކަން މިހާރު ވަނީ ޔަގީން ކުރެވިފަ އެވެ.
މި ފިލްމު ރިލީޒް ކުރާނީ އަންނަ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ.