ވަރުން ދަވަން އާއި ސާރާ އަލީ ހާން އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ކޫލީ ނަންބަރު 1" ރިލީޒް ކުރުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ. މި ފިލްމު ކުޅުމުގައި ދިމާވި ބައެއް ކަހަލަ ކަންތައްތައް ދެ އެކްޓަރުންގެ އިންޓަވިއު ތަކުގައި މިހާރު ޝެއާ ކުރަމުން ދާއިރު ސާރާ ދާދި ފަހުން ވަނީ މިފަދަ ހާދިސާއެއް ނޫހަކަށް ކިޔައިދީފަ އެވެ.
ސާރާ ބުނި ގޮތުގައި ވަރުންގެ ބައްޕަ އަދި ކޫލީ ނަންބަރު 1"ގެ ޑައިރެކްޓަރު ޑޭވިޑް ދަވަން އެއް ދުވަހު ވަރަށް ރުޅި އައިސްގެން ސާރާއާ ދިމާލަށް ހަޅޭއްލަވައިގަތެވެ. ވަރަށް ކުޑަ ކުޑަ ކަމަކާ ރުޅިއައިމަ އޭނާއަށް އެއީ މައްސަލައަކަށް ވީ ކަމަށާއި ޚާއްސަކޮށް އޭނާ ސާރާ އަށް ބޭލުވީ ވަރުން ދެކެ އައި ރުޅިކަން އެނގޭތީ ވަރަށް ދެރަވި ކަމަށެވެ.
މި ފިލްމުގެ ޓްރެއިލާ ލޯންޗު ކުރުމަށް ވާޗުއަލްކޮށް ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަމުން ސާރާ ވަނީ ޑޭވިޑް އޭނާއަށް ހަޅޭއްލެވި ދުވަހު ކަން ހިނގި ގޮތް ކިޔައިދީފަ އެވެ.
"އެ ދުވަހު އަހަރެމެން ޝޫޓް ކުރަމުން ދިޔައީ 'މައި ތޮ ރަސްތޭ ސެ' ލަވަ. އަހަރެން ހުރީ ޝޮޓަށް ތައްޔާރު ވެގެން. އެކަމަކު އަހަރެންގެ ކޮސްޓިއުމްގައި އިންނަން ޖެހޭ ކޮންމެވެސް ޓެގެއް ހަރުކުރަން ވެގެން އެކަމަށް ވަގުތު ނަގާތީ ހިތްހަމަ ނުޖެހިގެން ހަޅޭއްލަވައިގަތީ ޑޭވިޑް ސާ،" ސާރާ ބުންޏެވެ.
ސާރާ ބުނި ގޮތުގައި ހަގީގަތުގައި ޑޭވިޑް ރުޅި އައީ ވަރުން ދެކެ އެވެ. ވަރުން އޭނާގެ ވެނިޓީ ވޭންގައި ކޮންމެވެސް ކޮސްޓިއުމެއް ރަނގަޅު ނުވެގެން ތައްޔާރު ނުވެވިގެން ވަރަށް ގިނައިރު ވާތީ ޝޫޓިން މާ ބޮޑަށް ލަސް ވެގެން ޑޭވިޑް ރުޅިއައިސްފައި ހުރީ ކަމަށް ސާރާ ބުންޏެވެ.
"އެހެންވީމަ ހަގީގަތުގައި ޑޭވިޑް ސާ ރުޅި އައީ ވަރުން ދެކެ. އެކަމަކު ރުޅިގަނޑު ބަލާލީ އަހަންނަށް،" ސާރާ ބުންޏެވެ
ޑޭވިޑް ރުޅި އައިސްގެން ހަޅޭއްލަވައިގަތް ވަގުތު ސާރާ ދެރަވި ނަމަވެސް ފަހުން އޭނާ އެއީ މާ ބޮޑު ކަމަކަށް ނަހަދާ ކަމަށް ވެސް ސާރާ ބުންޏެވެ.
ސާރާ ކުޅޭ ފިލްމުތަކުގައި އޭނާއަށް މާ ކުރު ރޯލުތައް ލިބިފައި ހުންނާތީ އެފަދަ ފިލްމުތައް ކުޅެނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ސާރާ ބުނީ ފިލްމުގައި އޭނާއަށް ލިބެނީ ކިހާ ސްކްރީން ޓައިމެއް ކަން ބަލަން ބޭނުން ނުވާ ކަމަށެވެ. އަދި އެއީ އޭނާ މާބޮޑަށް ވިސްނާ ކަމެއް ވެސް ނޫން ކަމަށެވެ. ހުނަރުވެރި މަޝްހޫރު އާޓިސްޓުންނާއެކު މަސައްކަތްކުރާނެ ފުރުސަތު ލިބުމަކީ ވެސް ލިބޭ ޝަރަފެއް ކަމަށް ސާރާ ބުންޏެވެ.
މި ފިލްމަށް ފަހު ސާރާގެ ދެން އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ "އަތުރަންގީ ރޭ" އެވެ.