ސިއްހީ ނިޒާމު ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭއިރު އަތޮޅުތަކުގެ ގިނަ ރަށްރަށުގައި ރަނގަޅު ފެންވަރުގެ ސިއްހީ ނިޒާމެއް އަދިވެސް ނެތެވެ. އާދައިގެ ވަރަށް ގިނަ ޓެސްޓް ވެސް ހަދާލެވޭނެ އިންތިޒާމެއް ނެތް ރަށްތައް ވެއެވެ. ކިތަންމެ ކުޑަ ބައްޔެއްގެ ފަރުވާއަށް ވެސް ޖެހެނީ މާލެ އަންނާށެވެ. މާލެ ނާދެވޭނަމަ އެ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލަށެވެ. އެކަމަކު ކޮވިޑްގެ މި ދުވަސްވަރު ސިއްހީ ހިދުމަތް ހޯދަން މާލެ އައުމަކީ އުފުލަން ޖެހޭ ވަރަށް ބޮޑު ތަކުލީފެކެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ސިޓީއަށް ދަތުރުކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެފައިވާތީ ފަރުވާ ހޯދަން އެހެން ރަށްތަކަށް ދަތުރުކުރަން މަޖުބޫރުވެފައިވާ އެތައް ބަޔަކުވެ އެވެ. މާލޭގެ ހޮސްޕިޓަލުންތަކުން ލިބެން ހުންނަ ރަނގަޅު ފަރުވާ ލިބެން ނެތް ނަމަވެސް ރީޖަނަލް ހޮސްޕިޓަލްތަކަކީ ސިއްހީ މަރުކަޒުތަކުން ލިބެން ނެތް ގިނަ ހިދުމަތްތަކެއް ލިބެން ހުންނަ ތަންތަނަށް ވުމުން އެނޫން އެހެން އެއްވެސް ގޮތެއް ނޯންނާނެތީ އެވެ.
ކޮވިޑްގެ މި ހާލަތުގައި އއ. އާއި އދ. ހިމެނޭ ގޮތަށް އަރިއަތޮޅުގެ ރައްޔިތުން ސިއްހީ ފަރުވާއަށް އެންމެ ބޮޑަށް ބަރޯސާވަނީ ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށެވެ. ހާއްސަކޮށް އއ. ގެ ރަށްތަކުގެ ރައްޔިތުންނެވެ. އެ އަތޮޅުގެ ގިނަ ރައްޔިތުންގެ ގިނަ ބަޔަކު ކޮންމެ ހަފުތާއަކު ވެސް ސިއްހީ ފަރުވާއަށް ގަމަށް ދަތުރު ކުރެއެވެ.
އަތޮޅުގެ ބައެއް ރަށްރަށުން ހުކުރު އަދި ހޮނހިރަށް މިހާރު ފެރީ ލޯންޗުތައް ގަމަށް ބާއްވައެވެ.
"މިހާރު ކޮންމެ ހުކުރު އަދި ހޮނިހިރަކަށް ފެރީ ލޯންޗު އެބަ އޮވޭ ގަމަށް. އާންމުކޮށް މި ލިބެނީ ދުވާލަކަށް 50 މީހުންނަށް ނަންބަރު. އެހެންވީމަ އެ އަދަދަކަށް މީހުން އެބަދޭ ގަމަށް،" އދ. ދަނގެތިން ވާހަކަދެއްކި މީހަކު ބުންޏެވެ.
އިއްޔެވެސް ދަނގެތިން 50 މީހުން ޑޮކްޓަރަށް ދެއްކުމަށް ގަމަށް ގޮސްފައި ވެއެވެ. އަދި އަރިއަތޮޅުގެ އެހެން ރަށްރަށުން ވެސް ގިނަ ބަޔަކު ގަމަށް ގޮސްފައިވެއެވެ.
ގަމު ހޮސްޕިޓަލަށް ގިނަ މީހުން ދަނީ ލޮލުގެ ފަރުވާގެ އިތުރުން ދަތާއި ކަށީގެ ބަލިތަކަށް ފަރުވާ ހޯދާށެވެ. މި ވަގުތު އެ ހޮސްޕިޓަލްގައި އެ ކަންކަމަށް ހާއްސަ ޑޮކްޓަރުން އެބަ ތިއްބެވެ.
"ވަރަށް ރަނގަޅު ޑޮކްޓަރުން މި ކޮޅުގައި [ގަމުގައި] އެބަތިބި. ހިދުމަތްތައް އިތުރަށް ތަރައްގީ ކުރެވޭނަމަ މި ގޮތް މާރަނގަޅު،" ގަމަށް ޑޮކްޓަރަށް ދައްކަން ގޮސް ހުރި އަންހެނަކު ބުންޏެވެ.
ގަމުގެ އިގްތިސޯދަށް ބަދަލުތަކެއް
ވަގުތީ ގޮތުން ނަމަވެސް މިއައި ބަދަލަކީ ރާއްޖޭގެ އެންމެ ބޮޑު ރަށް ގަމުގެ އިގްތިސޯދަށް އައި ހެޔޮ ބަދަލެކެވެ. ޑޮކްޓަރަށް ދައްކަން ގަމަށް ދާ މީހުން ތިބެނީ އެ ރަށުގެ ގެސްޓް ހައުސްތަކުގަ އެވެ. އޭގެ ސަބަބުން ކޮވިޑާއެކު ބަންދުވެފައިވާ ގެސްޓް ހައުސްތަކަށް މާލީ މަންފާ ވަނީ ލިބެން ފަށާފަ އެވެ.
"ކޮޓަރިއެއް ކުއްޔަށް މި ދެނީ 500 ރުފިޔާއަށް. ވަރަށް ޑިމާންޑް ބޮޑު މި ދުވަސްވަރު،" ގެސްޓް ހައުސްއެއްގެ ވެރިއަކު ވިދާޅުވި އެވެ.
މީގެ އިތުުރުން ރަށަށް އަރާ މީހުންގެ އަދަދު ގިނަވުމާއި ގުޅިގެން ކުދި ވިޔަފާރިތަކަށް ވެސް އޭގެ ހެޔޮ އަސަރުތައް ކޮށްފައި ވެއެވެ. މިކަން ދާއިމީ ގޮތެއްގައި ކުރިއަށްދާނަމަ ގަމުގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ހެޔޮ އަސަރެއް ކުރާނެ އެވެ.
އަތޮޅު ހޮސްޕިޓަލްތަކުގެ ތަރައްގީ މުހިންމު
ހިދުމަތް ހޯދަން އަތޮޅުތަކުގެ ރައްޔިތުން މާލެއަށް އައުން ނިމުމަކަށް ގެނައުމަށް އެންމެ މުހިންމު އެއް ކަމަކީ އަތޮޅުތަކުގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމެވެ. ކޮންމެ ސަރުކާރެއްވެސް އެޖެންޑާގެ ވަރަށް ކުރީގައި އެކަން އޮވެއެވެ. ނަމަވެސް އަމަލީ ގޮތުން ކުރެވޭ މަސައްކަތް މަދީ އެވެ. މި ސަރުކާރުން ވެސް ވަނީ އަތޮޅުތަކުގެ ސިއްހީ ނިޒާމު ރަނގަޅު ކުރަން މަސައްކަތް ފަށާފަ އެެވެ.
މާލެއަށް ސިއްހީ ހިދުމަތް ތޮއްޖެހިފައި އޮތުން ބަދަލު ކުރުމުގެ ގޮތުން އަތޮޅުތަކުގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ. ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން ރާާވާފައިވާ ފަސް ހޮސްޕިޓަލަކީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގދ. ތިނަދޫ، އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި އައްޑު ސިޓީ ހިތަދޫގައި ތަރައްގީކޮށްފައިވާ ޓަޝަރީ ހޮސްޕިޓަލެވެ.
އެ މަަސައްކަތަށް ބޭނުންވާ 90 ޕަސެންޓް ތަކެތި ވެސް މިހާރު ވަނީ އެ ރަށްރަށައް ފޮނުވާފަ އެވެ. އެ މަސައްކަތުގައި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އޮތީ ވަރަށް ބިޒީކޮށެވެ.
ދާދި ފަހުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ މި އަހަރުގެ ތެރޭގައި އެ މަަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް ވިދާޅުވެފައެވެ. އެ މަަސައްކަތް ނިމުމުން އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުން ލިބޭ ހިދުމަތްތައް އިތުރަށް ރަނގަޅު ވެގެން ދާނެ އެވެ.