ފައިނަލުގައި އިންޓަ މިލާންގެ މައްޗަށް 3-2 ގެ މައްޗަށް ކާމިޔާބު ހޯދައި، ޔޫރޮޕާ ލީގްގެ ޗެމްޕިއަންކަން ހަ ވަނަ ފަހަރަށް ސެވިއްޔާ ހޯދައިފި އެވެ.
މެޗުގެ ފުރަތަމަ ހާފު ފެނުނީ ފޯރގަދަ ކޮށެވެ. ގާތްގަނޑަކަށް 35 މިނެޓް ތެރޭ ހަތަރު ގޯލް ފެނިގެން ދިޔަ އެވެ. މެޗުގައި ހީރޯއަކަށްވެ، ވިލަންއަކަށް ވެގެން ދިޔައީ އިންޓަގެ ރޮމެލޫ ލުކާކޫ އެވެ. އިންޓައަށް ފުރަތަމަ ލީޑް ނަގައިދިން ގޯލް ކާމިޔާބު ކޮށް، ސެވިއްޔާ މެޗުން މޮޅުވި ލަނޑު އިންޓަ ކޮޅަށް ވަނީ ލުކާކޫ ދިފާއު ކުރަން އުޅުނު ބޯޅަ ބައިކޮޅަށް ވަނުމުންނެވެ.
މެޗުގެ ފަސް ވަނަ މިނެޓްގައި ލުކާކޫ އިންޓައަށް ލީޑް ނަގައި ދިނީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. ސެވިއްޔާގެ އޭރިއާގެ ތެރެއަށް ބޯޅަ ހިފައިގެން ލުކާކޫ ވަނުމުން، ސެވިއްޔާގެ ޑިފެންޑަރު ޑިއޭގޯ ކާލޯސް ވަނީ ލުކާކޫއަށް ފައުލް ކޮށްފަ އެވެ. ސެވިއްޔާގެ ކީޕަރު ޔަސީން ބާނޫ ޑައިވް ކުރީ ލުކާކޫ ޕެނަލްޓީ ފޮނުވާލި ފަޅި އަށެވެ. އެހެން ނަމަވެސް ބާނޫ އަށް އެ ބޯޅަ ސަލާމަތް ނުކުރެވުނެވެ.
މެޗުގެ 12 ވަނަ މިނެޓްގައި ލޫކް ޑިޔޯންގް ވަނީ ސެވިއްޔާއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ހެސޫސް ނާވަސް ނަގައިދިން ހުރަސް ޑިޔޯންގް ބޮޅުން ފޮނުވާލީ ގޯލްގެ އެތެރެއިން މަތީ ދާގަނޑަށެވެ. މެޗުގެ 33 ވަނަ މިނެޓްގައި އެވާ ބެނާގާ ނަގައިދިން ހިލޭ ޖެހުމަކުން. ޑިޔޯންގް ބޮޅުން ފޮނުވާލީ ބޯޅައިން ސެވިއްޔާއަށް ލީޑް ނަގައިދިނެވެ.
ސެވިއްޔާއަށް ލީޑްގައި އެވެވުނީ ދެ މިނެޓެއް ހާއިރު އެވެ. އިންޓަ އަށް ލިބުނު ހިލޭ ޖެހުމުގައި، މާކޯ ބްރޮޒޮވިޗް ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ޑިއޭގޯ ގޯޑިން އިންޓައަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
ދެ ވަނަ ހާފުގައި ސެވޮއްޔާ ލީޑް ނެގުމުގެ ކުރިން ލުކާކޫއަށް ވަނީ ހުސް ފުރުސަތެއް ލިބިފަ އެވެ. އެހެން ނަމަވެސް އޭނާ ފޮނުވާލި ބޯޅަ، ސެވިއްޔާގެ ކީޕަރޫ ބާނޫ ދިފާއު ކުރި އެވެ. ސެވިއްޔާއިން ލީޑް ނެގީ ބައިސްކަލް ކިކަކުން ޑިއޭގޯ ކާލޯސް ފޮނުވާލި ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ލުކާކޫ އަތުން ބައި ގޯލަށް ވަން ބޯޅައިންނެވެ.