ބާސެލޯނާ

ބާސާގެ އެސިސިޓެންޓް ކޯޗަކަށް ހެންރިކް ލާސަން

އެފްސީ ބާސެލޯނާގައި، ހެޑް ކޯޗް ރޮނަލްޑް ކޫމަންގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރަން އެ ޓީމުގެ ކުރީގެ ފޯވަޑް ހެންރިކް ލާސަން އާއެކު ބާސާއިން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ސްވިޑެންގެ ކުރީގެ ސްޓައިކަރު ވަނީ ބާސާ އާއެކު ލަލީގާގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފަ އެވެ. ދެ އަހަރު ވަންދެން ބާސާއަށް ކުޅުނު ލާސަން އެ ޓީމަށް ކުޅުނު 62 މެޗުގައި އޭނާ ވަނީ 22 ލަނޑު ޖަހާފަ އެވެ. އޭގެތެރެއިން ވެސް އޭނާގެ އެންމެ ހާއްސަ މެޗަކީ 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގްގެ ފައިނަލުގައި އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ ބާސާގެ ދެ ލަނޑު ޖަހުމުގައި ވެސް ލާސަން ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. އެ މެޗުން ބާސާ މޮޅުވީ 2-1 ންނެވެ.

ކުރިން މެންޗެސްޓާ ޔުނައިޓެޑް އަދި ސެލްޓިކަށް ކުޅުނު ފޯވަޑް އެންމެ ފަހުން މަސައްކަތް ކުރީ ސްވިޑެންގެ ދެ ވަނަ ޑިވިޝަން ކުލަބު ހެލްސިންބާގްގެ ހެޑް ކޯޗެއްގެ ގޮތުގަ އެވެ.

ލާސަން އާއެކު ބާސާގެ އެސިސްޓެންޓް ކޯޗަކަށް ދެން ހަމަޖައްސާފައި ވަނީ ހޮފެންހައިމްގެ ކުރީގެ ކޯޗް އަލްފްރެޑް ޝުރުޑާ އެވެ. ޝުރުޑާ ވަނީ ހޫލިއަން ނާގެލްސްމަންގެ އެސިސްޓެންޓެއްގެ ގޮތުގައި ހޮފެއިންހަމްގައި މަސައްކަތް ކޮށްފަ އެވެ. މިދިޔަ އަހަރު މާޗް މަހު ހޮފެއިންހަމްގެ ކޯޗަކަށް އޭނާ ހަމަޖެއްސިނަމަވެސް ޖޫން މަހު އޭނާ މަގާމުން ވަކި ކުރި އެވެ.

ފެއިނޫޑްގެ ކުރީގެ މިޑްފީލްޑާ ވަނީ، އަޔެކްސްގައި އެރިކް ޓެން ހެގް އެިސްޓެންޓް ކޯޗެއްގެ ގޮތުގައި 2018-19 ސީޒަންގައި މަސައްކަތް ކޮށްފަ އެވެ. އެ އަހަރު ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލަށް އަޔެކްސް ދަތުރު ކުރި އެވެ.