އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް ޑިސެމްބަރު މަހު ހަމަޖެއްސި އިންގްލެންޑްގެ ޖުދާން އަލީ މަގާމުން ވަކި ކޮށްފި އެވެ.
ދިހަ އަހަރު ދުވަހުގެ އެއްބަސް ވުމުގެ ދަށުން އެފްއޭއެމްގެ ޓެކްނިކަލް ދާއިރާގެ އެންމެ އިސްމާގަމަށް ހަމަޖައްސި ޖުދާން މަގާމުން ވަކި ކުރި ސަބަބާ ބެހޭގޮތުން އިއްޔަ "އަވަސް" އަށް ދެންވި އިންޓަވިއުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޖުދާން މަގާމުން ދޫކޮށްލަން ޖެހުނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އޭނާ މުސާރަ ކުޑަ ކުރުމަށް ކުރިއަށް ގެންދިޔަ ވާހަކަތަކުގައި، އެފްއޭއެމްގެ ހުށަހެޅުމާމެދު ޖުދާންއަށް އެއްބަސް ނުވެވުމުން ކަމަށެވެ.
ޖުދާން އަށް މުސާރައިގެ ގޮތުގައި މަހަކު ދޭން ޖެހޭ، 9000 ޑޮލަރު ހަމަޖައްސާފައި ވަނީ އެފްއޭއެމްގެ ސްޕޮންސަރެއް މެދުވެރިވެގެން ކަމަށް ބައްސާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ހާލަތު ކުރިމަތިވުމުން އެކަމަށް އެހީތެރިވި ޕާޓްނަރުގެ ފަރާތުން އެ ސްޕޮންސާޝިޕް މަޑުޖައްސާލަން ބޭނުންވެގެން އެކަން އެފްއޭއެމްއަށް އެންގި ހިސާބުން ޖުދާން އާއެކު ވާހަތަށް ފެށި ކަމަށެވެ.
"ކޮވިޑްގެ ހާލަތު ކުރިމަތި ވުމުން އެއްބަސްވި ސްޕޮންސާ މިހާރު މިކަން ނުކޮށްދެވޭނެ ވާހަކަ އޮތީ ބުނެފަ، އެފްއޭ އަށް މިހާރު ސްޕޮންސާސްތައް ހުއްޓެމުންދާ ވަރަކުން އެވަރުގެ މުސާރައެއްގައި ކުރިއަށް ނުގެންދެވޭނެތީ ނިގޯޝިއޭޓް ކުރީ [ޖުދާންގެ] މުސާރަ ކުޑަ ކުރަން،" ބައްސާމް ވިދާޅުވި އެވެ. "ގާތްގަނޑަކަށް ދެ މަސް ދުވަހު މަސައްކަތް ކުރެވުނު ދެ ފަރާތް އެއްބަސް ވެވޭވޭ އަގަކަށް މުސާރަ ކުޑަކުރަން، އެހެންނަމަވެސް ޖުދާން އަށް އެއްބަސް ނުވެވުނީ."
ބައްސާމް ވިދާޅުވީ އެފްއޭއެމްގެ ފަރާތުން ހުށަހެޅީ އަސްލު މުސާރައިގެ ދެބައި ކުޅައެއްބައި ކަމަށްވާ، 4500 ޑޮލަރަށް މުސާރަ ކުޑަކުރަން ކަމަށެވެ. އެހެންނަމަވެސް ޖުދާން އަށް އެ މުސާރައަށް އެއްބަސް ނުވެވުނު ކަމަށެވެ.
"ޖުދާން ބޭނުންވީ ވަކި މުއްދަތެއްގެ ތެރޭގައި ފުލު މުސާރަ އަށް އިޔާދަ ވާނެ ކަމުގެ ޔަގީންކަން އެފްއޭއެމްގެ ފަރާތުން ދޭން،" ބައްސާމް ވިދާޅުވި އެވެ. "އެހެންނަމަވެސް މިހާލަތަކީ އެއްވެސް ކަމެއް ލަފާ ކޮށްލާފައި ބުނަން އެނގޭ ހާލަތެއް ނޫން، [އެފްއޭއެމްގެ ހުށަހެޅުމަށް] ޖުދާންއަށް އެއްބަސް ނުވެވުނީމަ އެފްއޭއިން ނިންމީ ކޮންޓްރެކްޓް ޓާމިނޭޓްގެ ކްލޯސްގެ ދަށުން ކޮންޓްރެކްޓް ޓާމިނޭޓް ކުރަން."
ބައްސާމް ވިދާޅުވީ ކޮންޓްރެކްޓް ބާތިލު ކުރުމަށް ދޭން ޖެހޭ ނޯޓިސް ދީ، ޖުދާން ވަޒީފާއި ވަކި ކުރީ އެއް މަހުގެ މުސާރަ ވެސް ދިނުމަށް ފަހުގަ އެވެ. އަދި އެކަން ނިންމުމުގެ ކުރިން ފީފާގެ މަޝްވަރާ ހޯއްދެވި ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ވަޒީފާއިން ވަކި ވުމަށް ފަހު، ގާނާގެ ފުުޓްބޯލަ އެސޯސިއޭޝާންގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގަމަށް ދިއުމަށް ޖުދާން ދަނީ މަސައްކަތް ކުރަމުންނެވެ. ގާނާ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެގައުމުގެ އެފްއޭގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް ހުށަހެޅުނު އެޕްލިކޭޝަންތަކުގެ ތެރޭގައި ޖުދާންގެ އެޕްލިކޭޝަންވެސް ހިމެނެ އެވެ.