ދުނިޔެ

ރަޝިއާގެ އިދިކޮޅު ލީޑަރު އިތުރު ފަރުވާއަށް ޖަރުމަނަށް

Aug 22, 2020

މޮސްކައު (އޯގަސްޓް 22) - ޒަހަރު ދިނުމުގެ ސަބަބުން ސީރިއަސް ހާލުގައި އޮންނެވި ރަޝިއާގެ އިދިކޮޅު ލީޑަރު އިތުރު ފަރުވާއަށް ޖަރުމަނަށް ގެންގޮސްފި އެވެ.

ރަޝިއާގެ ރައީސް ވްލެޑަމީރު ޕޫޓިންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އެލެކްސީ ނަވަލްނީގެ ސައި ތަށްޓަށް ޒަހަރު އަޅާފައިވާކަމަށް އޭނާގެ ސަޕޯޓަރުން ވަނީ ތުހުމަތުކޮށްފަ އެވެ.

ކޯމާގައި އޮންނެވި ނަވަލްނީ ފްލައިޓަށް އެރުވޭ ވަރަށްވުރެ ހާލު ދެރަކަމަށް ޑޮކްޓަރުން ވަނީ ފުރަތަމަ ބުނެފަ އެވެ. ނަމަވެސް، ހާލު ކުޑަކޮށް ރަނގަޅުވުމާއެކު އޭނާއަށް ފުރުމުގެ ހުއްދަ ވަނީ ފަހުން ދީފަ އެވެ.

ޕޫޓިނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް މުޒާހަރާކޮށްގެން ނަވަލްނީ އަކީ އެތަކެއް ފަހަރު މަތިން ޖަލަށް ވެސް ލާފައިވާ ބޭފުޅެކެވެ.

ނަވަލްނީއަށް ފުރުމުގެ ހުއްދަ ނުދީ ގަސްތުގައި ލަސްކުރިކަމަށް އޭނާގެ ސަޕޯޓަރުން ވަނީ ޑޮކްޓަރުންނަށް ތުހުމަތުކޮށްފަ އެވެ. އަދި ޒަހަރުދީގެން ނަވަލްނީ މަރާލަން އުޅުނުކަން ފޮރުވަން މަސައްކަތް ކުރާކަމުގެ ތުހުމަތު ރަޝިއާގެ ސަރުކާރަށް މިހާރު ވަނީ އަމާޒުވެފަ އެވެ.