ވާހަކަ

ރީތީ ހީނލީމާ

(ފަހުބައި)

ފިނާ ބަލައިލީ ސީދާ އަހަރެން މޫނަށެވެ. އެ މޫނު މަތިން ފެންނަނީ ހިތްހަމަ ޖެހުމެވެ. އުފާވެރިކަމެވެ.
"ފިނާ ކިހިނެއްތަ؟ މި ހުރިހާ އިރު މި ދެއްކުނީ އަހަރެންގެ ވާހަކައެއްނު." އަހަރެން އަހައިލީމެވެ.
"އިންޝާﷲ ވަރަށް ރަނގަޅު. އަހަރެން ވަރަށް ހިތްވަރުކޮށްފިން. ވަރަށް މަސައްކަތް ކޮށްފިން،" ފިނާ މޫނު މައްޗަށް ވެރިވެފައިވާ އުފާވެރި އިހުސާސްތަކުގެ ސަބަބުން އަހަންނަށް ވެސް އާދަޔާ ޚިލާފު އުފާވެރިކަމެއް ލިބެމުން ދިޔައެވެ. "ބޭސްކުރެވިއްޖެ. ފަރުވާ ވެސް ކުރެވިއްޖެ. ފައިދާއެއް ނުވި."


"މިހާރު ކިހިނެއްވަނީ؟" އަހަންނަށް ތެޅި ގަނެވުނެވެ.
"ޝަރީ ބޭނުން ވަނީ ކިހިނެއްވާން؟" ފިނާ ހިނިތުންވެލިއެވެ.
"ފިނާގެ ދިރިއުޅުން ވަރަށް ބާއްޖަވެރިވާން. ވަރަށް އަމާންވާން. އަހަރެން އަޑުއަހާ ހިތްވަނީ ފާއިތުވެ މި ދިޔަ ތޭރަ އަހަރު ތެރޭ ފިނާއަށް އާ ހަޔާތެއް ލިބި އާ ބައިވެރިއަކު ލިބި، އުފާވެރި އާއިލާއެއް ބިނާކުރެވުނު ވާހަކަ. އަހަންނަށް މިހާލު ޖެހުނަސް ފިނާއަށް މިފަދަ ހާލެއް ނުޖެހޭ ވާހަކަ." އަހަރެން އެއް ނޭވާއިން އަމުނާލީމެވެ.
"ބައެއް ހަނދާންތަކަކީ ހިތުން ފޮހެލަން ވަރަށް ދަތި ހަނދާންތަކެއް. އަހަރެން ވެސް ހިތަށް އެރި އެދުވަސްތައް ވެސް ކޮންޕިއުޓަރ ސިސްޓަމުގައި ހަދާހެން ކޮންޓްރޯލް ޝިފްޓް ޑިލީޓްކޮށްލެވޭނެ ނަމައޭ. އެކަމަކު އަހަރެން ހިތުގައި އެ ހަނދާންތައް ފެވިފައިވަނީ ފަނާ ނުވާނެ ގަލަމަކުން ހެން ހީވަނީ،" ފިނާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. "އަހަރެން ވަރަށް މަސައްކަތް ކުރިން، އެ ދުވަސްތައް ހަނދާނުން ފޮހެލަން. އެކަމަށް ކުރާ މަސައްކަތްތައް ވަނީ ނާކާމިޔާބު. އެކަމުން ނުކުންނަށް އުޅޭއިރަށް އެ ހަނދާތައް އާވެ އާލާވަނީ."
"ތިބުނީ؟" އަހަންނަށް އަހައިލެވުނެވެ.
"އަހަރެން ބެލީ އެ ހަނދާންތަކުން ނުކުމެ އާ ދިރިއުޅުމެއް ފެށޭތޯ. ރަނގަޅު މީހުން ވެސް ލިބޭ. އެކަމަކު އަހަންނަކަށް ކަމަކު ނުދޭ. އަހަންނަކަށް އެމީހުންނާއެކު ނޫޅެވޭ. ދެތިން ފަހަރަށް ޓްރައި ވެސް ކުރިން. ކާވެންޏާ ހަމައަށް ދެވޭތޯ މަސައްކަތް ކުރެވުނު. ކޮންމެ ފަހަރަކު ވެސް އަނެއްކާ ވެސް ބަލިވަނީ. ބަލި ބޮޑުވަނީ." ފިނާ ރާގު ބަދަލުވިއެވެ.
"މާނައަކީ؟" އަހަންނަށް އަހައިލެވުނެވެ.
"އަހަންނަށް ކާމިޔާބެއް ނުވިއޭ. އަހަރެން މިއައީ އެ ނޫން ގޮތެއް ނުފެނުމުން." ފިނާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.
"ދެން ބައްޔޯ؟"
"އިންޝާﷲ އެކަން ހައްލު ވެއްޖެ. ބޭސްކޮށްކޮށް ގޮތެއް ނުވީމަ ދިޔައީ ހައްޖަށް. ހައްޖުގެ އަޅުކަން ނިމުނު އިރަށް ހުރިހާ ކަމެއް ހަމައަކަށް އެޅިއްޖެ،" ފިނާ ހިނިތުންވެލިއެވެ. "ﷲ އަހަރެންގެ ދުޢާ އިޖާބަކުރައްވާ އަހަންނަށް އާ ހަޔާތެއް ދެއްވައިފި."
އަހަންނަށް ހިތައިހިތައި ދުޢާކޮށްލެވުނެވެ. އުފަލުން ފިނާގެ މޫނަށް ބަލައިލެވުނެވެ.
"ވަރަށް އުފާވެއްޖެ. އަލްހަމްދުﷲ." އަހަންނަށް ހަމްދަށް އަތް ނެގުނެވެ.
"އެ ދޮންރަހާ ވެސް ޖަލުގައި ހުއްޓާ ނިޔާވެއްޖެ. އޭނާގެ ގެސްޓު ހައުސް ވެސް ސަރުކާރަށް ނަގައި އޭނާ މުޅިން ބިކަވެ ބާކީވެ ވިޔަފާރިތައް ވެސް ބަނގުރޫޓުވީ،" ފިނާ ހިނިތުންވެލިއެވެ. "ބައްޕަ ވަރަށް މަސައްކަތުން އަހަންނަށް ދިމާވި ރޫހާނީ ކަންތައް ގަނޑު ވެސް ހައްލުކޮށްފި. އެ ޝާހިދާގެ ރޫހު ވެސް ނައްތައިލެވިއްޖެ. އެވެސް ދިގު ވާހަކައެއް. އެކަމަކު ދެން އެވާހަކަ ނުދައްކަމާ ދޯ."
ގޯތި ތެރެއިން މީހެއްގެ ލިސާން ވުމުން އަހަންނަށް ބަލައިލެވުނެވެ. އެއީ ނިޔާޒާއެވެ. އޭނާ ހުރީ ރުޅި ގަދަވެފައެވެ. ދެ ލޯ ހުރީ ނިތްމަތީގައެވެ. ތުންފަތް ވަނީ އެއް ފަރާތަށް އަނބުރާލެވިފައެވެ. ފިނާ ޖޯލިން ތެދުވިއެވެ. އޭނާ ކުރިއަށް ދެތިން ފިޔަވަޅު އެޅިއެވެ. ނިޔާޒާގެ އަތުގައި ހިފައިލިއެވެ.
"އަހަރެން މިއައީ ވަރަށް ބޮޑު ކަމަކު އެދެން. މިއީ އަހަންނަށް ވެސް ނިޔާޒާއަށް ވެސް އަދި ޝަރީފަށް ވެސް ގެއްލުމެއް ލިބޭނެ ކަމެއް ނޫން. މިކަމުން އަހަރުމެން ތިން މީހުންނަށް ލިބޭނީ ހިތްހަމަ ޖެހުން، އުފާވެރިކަން،" ފިނާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. "އަހަންނަށް ވެސް އެނގޭ ނިޔާޒާ ބަލިކަން. މީހުންނަށް ހީވަނީ ބަލިވެއްޖެ ނަމަ ބޭރުފުށުން ފެންނާނޭ. ހަގީގަތުގައި ނަފުސާނީ ގޮތުން މީހާ ބަލިވެއްޖެ ނަމަ، އަމުދުން ޑިޕްރެޝަން ފަދަ ކަމެއް ދިމާވެއްޖެ ނަމަ އެއީ ގިނަ ދުވަހުން، ލައްކަ މަސައްކަތުން، ވަރަށް ހިތްވަރުކޮށްގެން ނޫނީ ރަނގަޅު ވާކަމެއް ނޫން. ރަނގަޅު ފަރުވާތަކުން ނޫނީ ފަސޭހައިން ރަނގަޅުވާ ބައްޔެއް ނޫން."
ނިޔާޒާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އޭނާގެ މޫނުމަތީގެ ކުލަ މަޑުމަޑުން ބަދަލުވަމުން ދިޔައެވެ.
"އަހަންނަށް އެނގޭ ޝަރީފު އަދި ނިޔާޒާ ވެސް އުޅެނީ ކޮން ހާލެއްގަކަން. އަތްމަތި ދަތިވެގެން ފައިސާ ނެތިގެން ބޭސް ނުކުރެވޭކަން. އަދި މި ގޭ ބޮލަށް ވެއްޓޭ އިރު ވެސް މަރާމާތު ވެސް ކޮށް ނުލެވޭކަން ވެސް،" ފިނާ އެނބުރިލަމުން އަހަރެންގެ މޫނަށް ބަލައިލިއެވެ. "އަހަރެން މި އެދެނީ ވަރަށް ބޮޑު ކަމަކު. ދެ މީހުންގެ ފަރާތުން ވެސް މި އެދެނީ އެއް ކަމަކު. ވަރަށް އާދޭހާއެކު. އަހަންނަށް ދެ މީހުން ވެސް ހިތުން ރުހުމުން މިކަން ކޮށްދޭނެ ކަމަށް އުއްމީދުކުރަން. މިއީ އަހަރެންގެ ދިރިއުޅުމާ ގުޅުން ހުރި ބޮޑު ކަމެއް. ދެމީހުންގެ ދިރިއުޅުމާ ވެސް ގުޅުން ހުރި ކަމެއް."
ފިނާ ފެންކަޅިވިއެވެ. އޭނާ އަހަރެންގެ ގާތަށް ޖެހިލިއެވެ. އަހަރެންގެ ގަމީހުން އިރައިގެން ގޮސް ހުރި ތަންތަނުގައި ހިފައިލަމުން ނިވާކޮށްލިއެވެ.
"މިކަން ކޮށްދީ. އަހަރެން އާދޭސްކުރަން،" ނިޔާޒާ ދިމާއަށް އެނބުރިލަމުން ފިނާ ބުނެލިއެވެ. "ބަދަލުގައި ނިޔާޒާ ބޭނުންވާ ކަހަލަ އުފާވެރި ހިތްފަހި، ތަނަވަސް ދިރިއުޅުމެއް އަހަރެން ހޯދައިދޭނަން. ނިޔާޒާގެ ބައްޔަށް ފަރުވާކޮށްދީ ނިޔާޒާއަށް އާ ދިރިއުޅުމެއް ހޯދައިދޭން މަސައްކަތް ކުރާނަން. ބޭނުންވަނީ އެންމެ ލަފުޒެއް."
ނިޔާޒާ ސުވާލުގެ ނަޒަރުން އަހަންނާ ދިމާއަށް ބަލައިލިއެވެ. އޭނާ ދެ ބުމަ ކައިރިކޮށްލަމުން ސީދާ އަހަރެންގެ މޫނަށް ބަލައިލިއެވެ.
"ކޮންކަމެއް؟" ނިޔާޒާ އަހައިލިއެވެ.
"އަހަންނަށް އެނގޭ އަންހެނެއްގެ އިހުސާސްތައް. އަންހެނަކު ނިކަމެތިވުމުން ލިބޭނެ ހިތްދަތިކަން. އަންހެނަކު އެކަނިވެރިވެއްޖެ ނަމަ ވާނެގޮތް. އެހެންވެ އަހަރެން މި ގޮތަށް މި އެދެނީ. މިގޮތަށް ކަންކުރުމަކުން، އެއްވެސް މީހަކަށް ގެއްލުމެއް އުނިކަމެއް ނުލިބޭނެތީ،" ފިނާ ކުރިއަށް ޖެހިލަމުން ނިޔާޒާގެ ދެ އަތުގައި ހިފައިލިއެވެ. "އަހަންނަށް މި ދިރިއުޅުމުން ޖާގައެއްދީ."

އަހަރެންގެ ހިތް ތެޅި ގަތެވެ. ބާރުބާރަށެވެ. ފިނާގެ ޖުމުލަތައް އިވުމުން ފިނިވާ ގޮތްވިއެވެ. އަތްފައި ފިނިވާހެން ހީވަމުން ދިޔައެވެ. ނޭނގޭ ތުރުތުރެއް އުފެދި މޭގެ ތެޅުން އަވަސްވަމުން ދިޔައެވެ. ނޭވާ އަވަސްވެ މޭ ފުރޭހެން ހީވަމުން ދިޔައެވެ.

ނިޔާޒާ މޫނަށް ދެތިން ރޫ އަރުވާލިއެވެ. ފާޑަކަށް ތުންފަތް ހަރަކާތްކޮށްލިއެވެ. ފިނާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ފިނާގެ އަތުގައި އޮތް ނިޔާޒާގެ އަތް ދަމައިގަތެވެ. ފިނާ އަމިއްލަ މޭމަތީގައި މަޑުމަޑުން އަތްބާއްވާލިއެވެ. އޭނާގެ ނޭވާ ވެސް އަވަސްވަމުން ދިޔައެވެ. އަހަންނަށް ބަލައިލެވުނީ ތަންކޮޅެއް ދުރުގައި ހުރި ސިނާނުގެ މޫނަށެވެ. އޭނާ ހުރީ ކަނާއަތު ޝަހާދަތް އިނގިލީގެ ނިޔަފަތީގައި ދަތް އަޅައިގެންނެވެ.

"ކޮބާ އަހަންނަށް އޮތް މޮޅަކީ؟" ނިޔާޒާ ލަސްލަހުން ބުނެލިއެވެ.
"ނިޔާޒާ ބޭނުންވާ ފަދަ އުފާވެރި ތަނަވަސް ދިރިއުޅުމެއް ލިބުން. ނިޔާޒާގެ ބައްޔަށް ފަރުވާ ކުރެވުން. އަދި ނިޔާޒާގެ ފިރިމީހާގެ ލޯބި ނިޔާޒާއަށް ލިބުން." ފިނާ އަޑުގައި ތުރުތުރެއް ހުއްޓެވެ.
"އަހަރެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން. އަހަންނަކީ އަމިއްލަ އެދުން ބޮޑު މީހެއް ނޫން،" ނިޔާޒާ ލޮލަށް ޖަމާވި ކަރުނަތައް ފައިބައި ގަތެވެ. "އަހަންނަށް ރުޅި އިސްކުރެވެނީ. ގަސްތަކު ނޫން. އަހަންނަށް އުނދަގޫވަނީ. ބުނެދޭން ނޭނގޭ ގޮތްތަކެއްވަނީ. ބޮލަށް ބަރު ޖެހި މޭފިތޭހެން ހީވަނީ. މޭ ފިތި ނޭވާލާން އުނދަގޫވަނީ. އަބަދު ބަނޑުހައި ވަނީ. މެއިން ހޫނު ނަގަނީ. ކަމެއް ކުރާ ހިތް ނުވަނީ. އަބަދުވެސް ހުރެވެނީ ހިތްހަމަ ނުޖެހެވިފަ. ހީވަނީ ގޯސްކަމެއް ކުރެވިގެން އުޅެވޭހެން. މީހެއްގެ ހައްގަކަށް އަރައިގަނެވިގެން އުޅޭހެން. އެހެންވެ ހާސްވެ ކަންބޮޑުވަނީ. ޝަރީފާ ކައިރިވާ ވަރަކަށް އެހަނދާންތައް އާވެ އާލާވަނީ. ޝާރީފުގެ ސޫރަ ފެނުމުން ވެސް އެކަން ހަނދާންވަނީ."
ފިނާ ހިފައިލީ ނިޔާޒާގެ ދެ ކޮނޑުގައެވެ.
"އަހަރެން ބޭނުންވަނީ މި ކަމުން ނުކުންނަން. މިކަމުން އަރައިގަންނަން. ޝަރީފަކީ ވަރަށް ރަނގަޅު މީހެއް. އޭނާއަކީ ވަރަށް އޯގާތެރި، ވަރަށް އިހުސާންތެރި މީހެއް. ގޯސްކޮށް ކަންކަން ކުރެވެނީ އަހަންނަށް. އަހަންނަށް ވިސްނެނީ އަބަދު ވެސް ގޯސްކޮށް. ވިސްނައިލެވެނީ ކޮންމެކަމެއް ވެސް ވެ ނިމުމުން،" ނިޔާޒާ ރޮމުން ގިސްލަމުން ވާހަކަދެއްކިއެވެ. "ފިނާ އަހަންނަށް މައާފުކުރާތި. އަހަންނަށް ފިނާގެ ހައްގަކަށް އަރައިގަނެވިފައިވާނަމަ ހިތްހެޔޮކުރާތި."
"ނޫން! ތިހެން ނުބުނޭ." ފިނާއަށް ވެސް ރޮވުނެވެ. "ނިޔާޒާއަކީ ގޯސް މީހެއް ނޫން. އަހަންނަށް މާ ކުރިން ވެސް ހުރިހާ ކަމެއް އެނގޭ. ނިޔާޒާއަށް ތި މައްސަލަ ދިމާވީ ކީއްވެކަން ވެސް އެނގޭ. ކިޔައިދިނީމެއްނު. ކުޑައިރު ދޮން ބައްޕަކުރި ކަންތައް. މަންމައާ ދޮންބައްޕަ ވަކިވީ ކީއްވެކަން. އަހަރެން އެހީ ވެސް ވީމެއްނު."

ނިޔާޒާ ވެސް ފިނާގެ ގައިގައި އޮޅުލައިގަތެވެ. ރޮމުން ގިސްލަމުންނެވެ.

"އޭރުން ފެށިގެން ނިޔާޒާ ތިހުންނަނީ ނަފުސާނީ ގޮތުން ބަލިވެފަ. ފަރުވާ ނުކުރެވުމުން ކަންކަން ގޯސްވެ ބޮޑުވަރުވީ. އެއީ ނިޔާގެ މައްސަލައެއް ނޫން،" ނިޔާޒާގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ފިނާ ބުނެލިއެވެ. "އަހަންނަށް މި ހުރިހާ ކަމެއް އެނގޭތީ މިރަށަށް މިއައީ ވެސް. އަހަރެން މިއައީ ގެއްލުނު އަހަރެންގެ ރަހުމަތްތެރިކަން އަލުން ހޯދަން. އަހަރެންގެ ފިރިމީހާގެ ހަޔާތްތައް ހެރުމުން ދިޔަ ކަށިތައް ނައްޓުވައިދޭން. އަހަރެންގެ ދިރިއުޅުން އާރާސްތުވޭތޯ؟"
"ޝުކުރިއްޔާ ފިނާ؟" ފިނާ ގަޔާ ދުރުކޮށްލަމުން ނިޔާޒާ ބުނެލިއެވެ.
"މާނައަކީ ނިޔާ އެއްބަހޭތަ؟" ފިނާ ލުއި ގޮތަކަށް ހީނލިއެވެ.
"ހިތުން ރުހުމުން." ނިޔާޒާ ހިފައިލީ ފިނާގެ އަތުގައެވެ.

އަހަންނަށް ހުރެވުނީ މަންޒަރު ބަލާށެވެ. ވާނުވާ ނޭނގިފައެވެ. މިއަދު ވަރަށް ގިނަ ކަންކަން އެނގިއްޖެއެވެ. ނިޔާޒާގެ މިޒާޖަށް އަންނަ ކުއްލި ބަދަލުގެ އަސްލަކީ ކޮބައިކަމެވެ. ކަޅު މީހުން ދެކެ އޭނާ ރުޅި އަންނަ ސަބަބެވެ. އޭނާއަށް ދިމާވި ހިތްދަތި ހާލަތެވެ. ނިޔާޒާގެ ނިތުގައި ކުރެހިފައިވާ ސުވާލު މާކަކީ އެއީ ކަން ކަށަވަރުވިއެވެ. ވައިރޯޅިއެއްހެން އޭނާގެ މިޒާޖު އަވަސް އަވަހަށް ބަދަލުވާ ސަބަބަކީ ވެސް އެއީކަމަށް ވިސްނުނެވެ.

"ޝަރީ،" އަހަންނަށް ބަލައިލެވުނީ ނިޔާޒާގެ އަޑު އިވުމުންނެވެ. "އަހަރުމެން ދިރިއުޅުން ދެން އާރާސްތުކުރާނީ ތިން މީހުން އެކުގައި."
އަހަންނަށް މި ލިބުނީ ކޮންފަދަ އަޖައިބެއް ހެއްޔެވެ؟ މިއީ ދުވަހަކު ވެސް ފެންނާނެ ކަމަށް އުއްމީދު ކުރި ދުވަހެއް ނޫނެވެ. އަހަންނަށް ސިފަވަނީ ފިލްމީ މަންޒަރެކެވެ. ހީވަނީ ވާހަކައެއް ކިޔައިލެވޭ ހެންނެވެ. މިއީ ދިރިއުޅުމުގެ ހަގީގަތް ކަމަށް ގަބޫލުކުރަން ދަތިވަނީއެވެ.
"އަހަރުމެން ދެން އުޅެނީ އުފާވެރި ހިތްހަމަ ޖެހޭ ދިރިއުޅުމެއް. އިންޝާﷲ،" ފިނާ ހިނިތުންވެލިއެވެ. "ޝަރީ އަހަރެން ބަލައިގަންނާނަންތަ؟"

އަހަންނަށް ދެމީހުންގެ ގައިގައި ބައްދާލެވުނެވެ. އެއްފަރާތުން ފިނާއެވެ. އަނެއް ފަރާތުން ނިޔާޒާއެވެ.

"ތިޔަ މަސްތީލޯ ފަރި ހުޅުވީމާ ލަދުރަކިވާހާ ވޭ." އަހަންނަށް ކިޔައިލެވުނެވެ.
"ރުހުންދީ ދާނަންހޭ؟ މި ހިތުގައި ވާނަންހޭ؟" ފިނާ ވެސް ރާގު އަޅުވާލިއެވެ.
"އެހީވާން ހިތްރޯތީ. އަހައިލަން ވީ ދާށޭ." ނިޔާޒާ ވެސް ރާގު އަޅުވާލަމުން ކިޔައިލިއެވެ.

އަހަންނަށް ބަލައިލެވުނީ ދެ މީހުންގެ މޫނަށެވެ. ދެމީހުން ގަޔާ ކައިރިކޮށްލަމުން ހީނލެވުނެވެ. ދުރުގައި މަންޒަރު ބަލަން ހުރި ސިނާނު ވެސް ދުވެފައި އައިސް އަހަރެންގެ މޭގައި ލައްވެލިއެވެ. އާއެކެވެ. ދިރިއުޅުމަކީ މިކަހަލަ ކަމެކެވެ. ދިރިއުޅުމެއް ފުރިހަމަވެ ނިމެނީ އެތައް އިހުސާސްތަކެއް ކުރިމަތިވެގެންނެވެ. އެތައް ކަމެއް ގުރުބާން ކޮށްގެންނެވެ. އަހަންނަށް ވެސް ވީއެހެންނެވެ. ކަންކަން ބަދަލުވެ ނިމިގެން ދިޔައީ ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ. ގަބޫލުކުރަން ކިތައްމެ އުނދަގުލަސް މިއީ ހަގީގަތެވެ. އަހަރެންގެ ދިރިއުޅުމުގެ ކުލަތަކެވެ. އަހަންނަށް ދިމާވި ގޮތެވެ. މިއަދު އަހަރެން ގުނަމުން މިދަނީ ހިތްހަމަ ޖެހޭ އުފާވެރި ދުވަސްތަކެކެވެ. އާއެކެވެ. އަހަރުމެން ކޮންމެ ދުވަހަކު ވެސް އެ ލަވަ ކިޔަމެވެ. އެ ހަނދާން އާއެކުރަމެވެ. އެއީ އަހަރުމެންގެ ހިތުގަ ލަވައެވެ. ހަޔާތުގެ ފަސާނާއެވެ. އޭރުވެސް، މިހާރު ވެސް އަބަދަވެސް އަހަންނަށް ރީތީ ހީނލީމައެވެ. އެކުގައި ހީނލީމާ ހިތަށް ފިނިކަން ލިބެއެވެ. މާމެލާ މެލި ފަރިވާހެން ހީވެއެވެ. ވަކީން ޚާއްޞަކޮށް އުފަލުން ހީނލީމަ އަދި މާ ރީއްޗެވެ. (ނިމުނީ)