ކުޅިވަރު

ކްލޮޕްގެ ފިޔަވަޅުމަތީ ޓޫހުލް ކުރިއަށް

ފުޓްބޯޅައިގެ ފިލޯސަފީ އާއި ވިސްނުން އަޅާކިޔާއިރު ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް އާއި ޕީއެސްޖީގެ ކޯޗް ތޯމަސް ޓޫހުލްގެ ގޭމުން އެއްގޮތް ކަންތައްތަކެއް ފެންނާނެ އެވެ. ފުޓްބޯޅައިގެ ތަޖުރިބާ އާއި ކާމިޔާބުގައި ޓޫހުލްއަށް ވުރެ، ކްލޮޕް މާ އިސްވެފައި ހައިބަތު ވެސް ބޮޑެވެ. ކާމިޔާބާ ހަމަ ނުކުރެވުނަސް، މިހާތަނަށް ޓޫހުލް ހިނގަމުން ދަނީ ކްލޮޕްގެ ފިޔަވަޅު މަތިންނެވެ.

ޖަރުމަންގެ މައިންޒްގައި ކްލޮޕަށް ފަހު ކޯޗް ކަމާ ހަވާލުވީ ޓޫހުލް އެވެ. ބުރޫޝިއާ ޑޯޓްމުންޑްގައި ކްލޮޕް މަގާމު ދޫކޮށްލުމުން އެ ޓީމުން ވެސް އެހީއަށް އެދުނީ ޓޫހުލްގެ ކިބައިންނެވެ. މައިންޒްގެ ކޯޗްކަން 2008 ވަނަ އަހަރު ކްލޮޕް ދޫކޮށްލުމުން ޖެހިގެން އައި 2009 ވަނަ އަހަރު މައިންޒްގެ ކޯޗް ކަމަށް ޓޫހުލް ހަމަޖެއްސި އެވެ. އެއީ ސީނިއާ ކޯޗިން ކެރިއާގައި ޓޫހުލްގެ ފުރަތަމަ ވަޒީފާ އެވެ. ކްލޮޕް ވެސް ކޯޗިން ކެރިއާ ފެށީ މައިންޒުގަ އެވެ.

މެއި 2008 ގައި ކްލޮޕް، ޑޯޓްމުންޑަށް ސޮއި ކުރި އެވެ. ބުންޑެސް ލީގާގެ ޗެމްޕިިއަންކަން ޖެހިޖެހިގެން ދެ ފަހަރު ޑޯޓްމުންޑަށް ހޯދައި ދިނެވެ. ޑޯޓަމުންޑްގެ ކޯޗް ކަމުން 2015 ވަނަ އަހަރު ކްލޮޕް ވަކި ވުމުން އެ ޓީމުގެ ކޯޗަކަށް ޓޫހުލް ހަމަޖެއްސި އެވެ. އެހެން ނަމަވެސް ޑޯޓްމުންޑްގައި ކްލޮޕް ހޯދި ކާމިޔާބާ އެއްވަރަށް ޓޫހުލްއަށް ކާމިޔާބެއް ނުހޯދުނެވެ. ޑޯޓްމުންޑާއެކު އޭނާއަށް ހޯދުނީ 2017 ވަނަ އަހަރުގެ ޖަރުމަން ކަޕް އެކަންޏެވެ.

ޗެމްޕިއަންސް ލީގްގެ ފައިނަލުގައި، މިރޭ ޓޫހުލް ނުކުންނާނީ ޖަރުމަންގައި ކްލޮޕް އާއި ޓޫހުލްގެ ވެސް ވާދަވެރި ކުލަބު، ބަޔާން މިޔުނިކާ ދެކޮޅަށެވެ. ޗެމްޕިއަންސް ލީގްގެ މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ ކްލޮޕްގެ ލިވަޕޫލެވެ. މީ އޭގެ އަނެއް އަހަރެވެ. ޕީއެސްޖީގެ އަށް ޗެމްޕިއަންސް ލީގް މިއަހަރު ހޯދައި ދެވިއްޖެނަމަ އަނެއްކާ ވެސް ކްލޮޕްގެ ފަހަތުން އިތުރު ފިޔަވަޅެއް ޓޫހުލްއަށް ކުރިއަށް އެޅުނީ އެވެ.

ފައިނަލުގައި ނާކާމިޔާބު ވިޔަސް ކްލޮޕް އާއި ޓޫހުލް އެއްގޮތް އެހެން ކަމެއްވެސް އިއްތިފާގް ވާނެ އެވެ. ޗެމްޕިއަންސް ލީގް 2013 އަކީ ކްލޮޕްގެ ފުރަތަމަ ފައިނެވެ. އޭނާ ބަލިވީ ބަޔާން އަތުންނެވެ. މިރޭ މީ ޗެމްޕިއަންސް ލީގްގައި ޓޫހުލްގެ ފުރަތަމަ ފައިނަލެވެ. ޓޫހުލް އާއި ކްލޮޕްގެ އެހެން އިއްތިފާގެއް ވެސް އެބައޮތެވެ. މިރޭގެ މެޗު ވެގެންދާނީ ޖަރުމަންގެ ދެ ކޯޗުން ޗެމްޕިއަންސް ލީގްގެ ފައިނަލުގައި ވާދަ ކުރާ ދެ ވަނަ ފަހަރަށެވެ. ޗެމްޕިއަންސް ލީގްގެ ފައިނަލުގައި އެންމެ ފުރަތަމަ ވާދަ ކުރި ޖަރުމަންގެ ދެ ކޯޗުންނަކީ ކްލޮޕް އާއި ބަޔާންގެ ކުރީގެ ކޯޗް ޔުޕް ހޭންކެސް އެވެ. މިފަހަރު ފައިނަލުގައި ޓޫހުލް އާ ވާދަ ކުރަނީ ޖަރުމަންގެ ހެންސީ ފްލިކް އެވެ.

ސީޒަންގައި ހަތަރު ތަށީގެ ފުރުސަތު ޓޫހުލް އަށް

ޗެމްޕިއަންސް ލީގްގެ ފައިނަލަށް ޕީއެސްޖީ ދަތުރު ފެށުމުގެ ކުރިން އެ ޓީމުން ވަނީ ޑޮމެސްޓިކް ތިން މުބާރާތް ކަމަށްވާ، ފްރާންސް ލީގް، ފްރެންޗް ކަޕް، ފްރާންސް ލީގް ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ. ފައިނަލު މެޗު ކާމިޔާބު ކޮށްފިނަމަ 53 އަހަރު ކުރިން ސެލްޓިކް ހަދާފައިވާ ރެކޯޑަކާ އެއްވަރު ކުރެވުނީ އެވެ. ސެލްޓިކުން ވަނީ 1966-67 ސީޒަންގައި ސްކޮޓިޝް ލީގާއި ސްކޮޓިޝް ކަޕް އަދި ގްލޮސްގޯ ކަޕް ގެ ޗެމްޕިއަންކަމުގެ އިތުރަށް ޔޫއެފާ ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ. އެ ރެކޯޑް އޮތް ހަމައެކަނި ކުލަބަކީ ވެސް ސެލްޓިކެވެ.

މިރޭގެ މެޗުގެ ކުރިން ޓޫހުލް ބުނީ، މީގެ ކުރިން ޔޫރަޕްގެ ފައިނަލުގައި ބަޔާން ކުޅެފައި ވުމުން އެ ޓީމަށް ބޮޑު އެޑްވާންޓޭޖެއް އެބައޮތް ކަމަށެވެ.

"މި ލެވަލް މެޗުތަކުގައި އާންމުކޮށް ކުޅުމުގެ ބޮޑު އެޑްވާންޓޭޖެއް ބަޔާންއަށް އެބައޮތް،" މެޗުގެ ކުރިން ވާހަކަ ދައްކަމުން ޓޫހުލް ބުންޏެވެ. "އެއީ ވަކިން ކުޑަ އެޑްވާންޓޭޖެއް ނޫން، އެހެން ނަމަވެސް އެއީ ބަޔާން ބަލި ނުކުރެވޭނެ ސަބަބެއް ނޫން، ބަޔާންއާ ދެކޮޅަށް ފައިނަލުގައި ވާދަ ކުރުމަކީ އަހަރެމެން ބޭނުންވާ ޗެލެންޖެއް, މި މަގާމުގައި ހުރުން އަހަރެމެންނަށް ހައްގުވެގެންވޭ."

ޓޫހްލްއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އަނިޔާގެ ސަބަބުން ސެމީ ފައިނަލުގައި ނުކުޅެވުނު ކީޕަރު ކޭލޯ ނާވަސް ޕްރެކްޓިސްތަކުގައި ބައިވެރިވާން ފަށާފައި ވުމެވެ. އަދި މިޑްފީލްޑާ މާކޯ ވެރާޓީ އާއި އިދުރީސަ ގަޔޭ ވެސް ފިޓް ވެފައި ވާކަމަށް ޓޫހުލް ބުންޏެވެ.